މިއީ 24 ގަޑިއިރަށް ށ.ކަނޑިތީމަށް ކުރި ދަތުރަކުން ލިބުނު ހަވީރުގެ ވަގުތުގެ ބައެއް މަންޒަރުތަކެވެ. ހަވީރުގެ ވަގުތު މިރަށުން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ އުމުރުފުރާ ކުދިން މަސްބާނަމުން ދިޔަ މަންޒަރަށެވެ. ބޭރު ތޮށްޓާއި, އެއްގަމު ގައި ތިބެވެސް އެކުދިން ޝައުގުވެރިކަމާއެކު ދޮށި އުކަމުން ދިޔަ މަންޒަރަކީ އުފާވެރި މަންޒަރެކެވެ.
މިނިވަންކަމާއެކު އެކުދިން ދޮށި އުކަމުން ދިޔައީ ނިކަން އެކަމާ ވެގެންނެވެ. މަސްބާނާ ނިމިގެން އެނބުރި ދަންދެން އެތަނުގައި މަޑުކޮށްލެވުނެވެ. ނިމުމުން އެނބުރި ދިޔައީ ގްރޫޕް ގްރޫޕަށް ބައިސިކަލްގައެވެ. ކަންދިމާކުރި ގޮތުން މިދުވަސްވީ މަސްވެރިކަން ދަށް ދުވަހަކަށެވެ. ސަމާސާ ކޮށްލުމުގެ ގޮތުން އެކައްޗެއްވެސް ނުގަނޭދޯއޭ ބުނުމުން އެކުދިން ބުނީ އިއްޔެ ނިކަން ގިނައިން ބޭނިން ކަމަށެވެ.
ބަނދަރު ސަރަހައްދުގައި ބައެއް އާއިލާތައް ސައިކަލާއި ބައިސިކަލްގައި ދިޔަ މަންޒަރާއި, ގަސްދޮށުގައި އުމުރުން ދުވަސްވީ ބަޔަކު މަޑުކޮށްލައިގެން ތިބި މަންޒަރަކީވެސް ޝައުގުވެރިކުރުވި މަންޒަރެކެވެ. އަހަރެންނާއެކު އެރަށަށް ދިޔަ ލޯފަން ޒުވާނުންނަށްވެސް އެމަންޒަރުތައް ރަނގަޅަށް ސިފަ ކުރެވުނެވެ. އެމީހުންވެސް މިރަށުން އެންމެ ގަޔާވި ހަވީރުގެ މިމަންޒަރުތަކެވެ. އެއަޑުތަކެވެ.
















