ރާއްޖޭގެ އެންމެ ހިތްގައިމު އެއް ވެށީގެ ގޮތުގައި މަޤްބޫލް ފުވައްމުލައް ސިޓީގައި ކުރިއަށްދަނީ މިސިޓީގެ ތާރީޚުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. ބޮޑުބެ ގްރޫޕުން ބާއްވާ ‘ވަގުތު ބޮޑުބެ ޗެލެންޖް’ ގައި ކުރިއަށް އޮތީ ފައިނަލް މެޗެވެ. މިތާރީޚީ ތަށި ބެހެއްޓުމުގެ ފުރުޞަތު އޮތީ ދަޑިމަގު އަވަށުގައި ނުވަތަ ދިގުވާޑު އަވަށުގައެވެ.
ދިހަ ޓީމާއެކު ފެށި މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ދަޑިމަގު އަވަށަށް ނިސްބަތްވާ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދިގުވާޑު އަވަށަށް ނިސްބަތްވާ ޔުނައިޓެޑް ދިގުވާނޑޮއެވެ. މީގެތެރެއިން ދަޑިމަގު ޓީމަކީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެންމެ އިތުބާރާއެކު އޮތް ޓީމެވެ. ޔުނައިޓެޑް ދިގުވާނޑޮ ފައިނަލަށް ދަތުރުކުރީ ސައްތައިން ސައްތަ ރެކޯޑަކާއެކު ސެމީއާ ހަމައަށް ދަތުރުކުރިހޯދަޑު ސްޕޯރޓްސް ކްލަބް އަތުން ހަނި މޮޅެއް ހޯދައިގެންނެވެ.

ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ފައިނަލަށް ދަތުރުކުރީ ވަރަށް ވާދަވެރި ސެމީފައިނަލަކަށްފަހު 2-0 ން އައްޔަނި ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ. މެޗުގައި ދަޑިމަގުގެ ދެ ލަނޑު ޖެހީ އެޓީމަށް ކުޅޭ ގާފަރުގެ ދެތަރިންނެވެ. އެއީ އަލީ މާއިސް (މައްޓު) އާއި ސާމިން މުޙައްމަދު ނަސީރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސާމިންއެވެ.
ސެމީފައިނަލް މެޗަށްފަހު މެޗުގެ މޮޅު ކުޅުންތެރިޔާ ސާމިން ބުނީ އެއްވަރެއްގެ ދެޓީމް ވާދަކުރާއިރު ނަތީޖާ ނެރެވޭނީ ކުރާ މަސައްކަތަކުން ކަމަށެވެ. ކުރިއަށް އޮތް ފައިނަލަށް އޭނާ އާއި ޓީމްގެ އޮތީ މާބޮޑު އިތުބާރެކެވެ. އޭނާ ބުނީ ފައިނަލް މެޗުވެސް ނަގާނީ ވަރަށް ޓަފްކޮށް ކަމަށެވެ. ފައިނަލަށް ނިކުންނައިރު ސާމިން އާއި ޓީމަށްވެސް އޮތް އެންމެ ބޮޑު އިތުބާރަކީ ވަފާތެރި, ދެގޮތެއް ނުވާ ސަޕޯޓަރުންނެވެ.
ހަމަ ފައިނަލް މެޗުވެސް މިހާ ޓަފްކޮށް, ކިކްގަ ނަގާލަން އިރާދަކުރެއްވިއްޔާ ނިކުންނާނީ. ދެންހަމަ ސަޕޯޓަރުން ދެއްވާ ސަޕޯޓަށް ހަމަ ވަރަށްބޮޑަށް ޝުކުރު ދަންނަވަން.
ވޮލީއާއި ފުޓްސަލްއިންވެސް ފާހަގަކުރެވޭ ދަޑިމަގަށް ނިސްބަތްވާ އަހުމަދު ނަބީލް ބުނީ އޭނާގެ އޮތީ ސަޕޯޓަރުންގެ ކިބައިން އޮތް އެދުމެއް ކަމަށެވެ. އެއީ ސަޕޯޓަރުން ކިކްގަ އައިސް ޓީމަށް ސަޕޯރޓް ކުރުމެވެ. އެކަމުގައި ޝައްކެއް ނެތަސް ސަޕޯޓަރުންނަށް އޭނާ ވަނީ އެއިލްތިމާސް ކޮށްފައެވެ.

ސަޕޯޓަރުން އައިސް ކިކްގަ ސަޕޯރޓްކޮށްދޭން. އިރާދަކުރެއްވިއްޔާ މިތަށި ނަގާނަމޭ އަހަރެމެން.
ފައިނަލްގެ ދެވަނަ ޖާގަ ޔުނައިޓެޑް ދިގުވާނޑޮ ހޯދީ ސެމީފައިނަލްގައި ހޯދަޑު ސްޕޯރޓްސް ކްލަބް 1-0 ން ބަލިކޮށްގެންނެވެ. ހޯދަޑު ކޮޅަށް ޔުނައިޓެޑް ދިގުވާނޑޮގެ ހަމައެކަނި ލަނޑު ޖެހީ މޫސާ އަޒީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މެޗަށް ފަހު އަޒީމް ބުނީ ޖުމްލަކޮށް މެޗު ރަނގަޅު ކަމަށާއި, ފައިނަލް މެޗުވެސް ކާމިޔާބުކުރުމުގެ އުއްމީދު ބޮޑު ކަމަށެވެ.
އިރާދަކުރެއްވިއްޔާ ފައިނަލްގައިވެސް ރަނގަޅު ފައިޓެއްދީފަ ވިން ކުރެވޭތޯ މަސައްކަތް ކުރާނީ.
ސެމީގައި ޔުނައިޓެޑް ދިގުވާނޑޮ އިން ބަލިކުރި ހޯދަޑު ސްޕޯރޓްސް ކްލަބަކީ ސެމީފައިނަލްގެ ކުރިން ކުޅުނު ފަސް މެޗުވެސް ކާމިޔާބުކުރި ޓީމެކެވެ. ފުރަތަމަ މެޗުގައި ޔުނައިޓެޑް ދިގުވާނޑޮ ޓީމްގެ ކެޕްޓަން ބޭންޑް އަޅައިގެން ނިކުއިން އަދި މުޅި މުބާރާތުގައިވެސް އެއް ފެންވަރެއްގައި ކުޅުނު މުޙައްމަދު ވިޝާހު (ވިއްޓު) ބުނީ ކުރިއަށް އޮތީ ވަރަށް ތާރީޚީ ފައިނަލެއް ކަމަށެވެ. އެއީ ވަރަށްގިނަ މުބާރާތްތައް ކުޅުނުއިރުވެސް ފައިނަލާ ހިސާބަށް ދެވިފައި ނެތުމުންނެވެ. އެހެންކަމުން ފުރަތަމަ ތަށި ހޯދުމަށް އޮތީ މާވަރުގަދަ އަޒުމެކެވެ.

ނިކުންނާނީ އިރާދަކުރެއްވިއްޔާ ހަމަ މޮޅަކަށް, ފުދޭވަރަކަށް މުބާރާތްތައް ކުޅެވިއްޖެ ހަމަ, މިހިސާބަށް މިއާދެވުނީ ފުރަތަމަ ފަހަރަށް, އެހެންވީމަ ހަމަ ވަރަށް ތާރީޚީ ތަށްޓަކަށް ވާނީ މިތަށި ލިބިއްޖިއްޔާ. އިރާދަކުރެއްވިއްޔާ ހަމަ ތަށްޓަށް.
ޔުނައިޓެޑް ދިގުވާނޑޮ އާއި ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ވާދަކުރާ ފައިނަލް މެޗު ކުޅޭނީ ހޯމަ ދުވަހުގެރެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 50,000 ރުފިޔާއެވެ.
