ފުވައްމުލަކު ސިޓީގެ ތާރީޚުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް ރާއްޖޭގެ ފުޓްސަލް ތަރިން ތައްޔާރުވެއްޖެއެވެ. މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދި ޓީމްތަކުގައި ރާއްޖޭގެ ފުޓްސަލްގެ ތަރިންނާއި ޗެމްޕިއަނުން ހިމެނެއެވެ.
މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި, އައްޔަނި ސްޕޯރޓްސް ކްލަބާއި ޔުނައިޓެޑް ދިގުވާންޑޮ އާއި ހޯދަޑު ސްޕޯރޓްސް ކްލަބެވެ.
މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވާ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ސެމީއަށް ދަތުރުކުރީ 9-1 ން ދޫނޑިގަލޯނާ ޖޫނިއަރ ބަލިކޮށްގެންނެވެ. މެޗުގައި ހަތަރު ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އެއީ މުޙައްމަދު ސާދު ނިޒާރު އާއި އަހުމަދު ހަމީދު އާއި ސާމިން މުޙައްމަދު ނަސީރު އާއި އިބްރާހީމް އަރީޝް އެވެ. އެޓީމަށް ދެން ލަނޑު ޖަހައިދިނީ އަޒްޔާން އިބްރާހީމް އެވެ. ދޫނޑިގަލޯނާ ޖޫނިއަރގެ ހަމައެކަނި ލަނޑު ޖެހީ މުޙައްމަދު އާން އެވެ.

ސެމީފައިނަލްގައި ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ވާދަކުރަން ޖެހޭނީ އައްޔަނި ސްޕޯރޓްސް ކްލަބާއެވެ. އައްޔަނި ސްޕޯރޓްސް ކްލަބް ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓާ ފައިނަލްގައި 7-0 ން ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޔުނައިޓެޑް ބަލިކޮށްގެންނެވެ. މެޗުގައި ތިން ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެއެވެ. އެއީ ހުޒައިފަތު ރަޝީދު އާއި އަލީ ޝަމާއު ޢަބްދުالله ޢާއި އަޔާޒު އަހުމަދެވެ. އަނެއް ލަނޑު ޖެހީ އަޖްމަލް އަހުމަދު އެވެ.

ދެވަނަ ސެމީފައިނަލްގައި ވާދަކުރާނީ ޔުނައިޓެޑް ދިގުވާންޑޮ އާއި ހޯދަޑު ސްޕޯރޓްސް ކްލަބެވެ. ހޯދަޑު ސްޕޯރޓްސް ކްލަބް ސެމީއަށް ދަތުރުކުރީ ކްއާޓާ ފައިނަލްގައި 5-0 ން ދޫނޑިގަލޯނާ ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ. ފުރަތަމަ ލަނޑު ޖަހާ ލީޑްނަގައިދިނީ އިޔާޝް އެވެ.ދެވަނަ ލަނޑު ޖެހީ ކެޕްޓަން އާރިފް އަހުމަދު އެވެ. ތިންވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް ސިނާހު އެވެ. ހަތަރު ވަނަ ލަނޑު ޖެހީ ބަދަލަކަށް ނިކުމެ އަލީ މުއާޒު އެވެ. ފަހު ލަނޑަކީ ފިރާގު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޔުނައިޓެޑް ދިގުވާންޑޮ ސެމީއަށް ދަތުރުކުރީ 3-0 ން ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޖޫނިއަރސް ބަލިކޮށްގެންނެވެ. ތިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ޝިޔާހު އާއި ކެޕްޓަން މޫސާ އަޒީމް އާއި އިނާން އަހުމަދު އެވެ.

ސެމީފައިނަލް ފުރަތަމަ މެޗުން ފެންނާނެ ތަރިންގެ ތެރޭގައި ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ވަރުގަދަކުރުމަށް ރަށުން ބޭރުން ގެނައި ފުޓްސަލް ތަރިން ކަމަށްވާ އިނގުރައިދޫ އަލީ ހާފިޒު (ހާއްޕެ) އާއި ގާފަރަށް ނިސްބަތްވާ އަލީ މާއިސް (މައްޓު) އާއި އެރަށަށް ނިސްބަތްވާ ސާމިން މުޙައްމަދު ނަސީރު ހިމެނެއެވެ. މީގެއިތުރުން އަހުމަދު ހަމީދު (އައްމަޑޭ) އާއި ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އަކީވެސް ސެމީގައި ފެންނާނެ ދަޑިމަގު ސްޕޯރތްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ތަރިންނެވެ.

އިދިކޮޅަށް ނިކުންނަ އައްޔަނި ސްޕޯރޓްސް ކްލަބަކީވެސް ތަރިންގެ ޓީމެކެވެ. އޭގެތެރޭގައި ގދ.ވާދޫ ކެޕްޓަން އަދި ރާއްޖޭގެ ފުޓްސަލް ކިންގް އަޔާޒު އަހުމަދު (އަޔާ) އާއި ބ.ހިތާދޫ ތަރި ހުޒައިފަތު ރަޝީދު (ހުޒޭ) ހިމެނެއެވެ. މީގެއިތުރުން ފުވައްމުލަކުގެ ތަރި އަދި އައްޔަނި ސްޕޯރޓްސްގެ ކެޕްޓަން އަލީ ޝަމާލް އަބްދުالله (ޝައްމު) ގެ އިތުރުން އަޖުމަލް އަހުމަދު އާއި އިސްމާއީލް އަލީފް އަކީވެސް މުބާރާތުގެ ވިދުންގަދަ ކުޅުންތެރިންނެވެ.

ދެވަނަ ސެމީފައިނަލުން ފެންނާނެ ތަރިންގެ ތެރޭގައި ހޯދަޑު ސްޕޯރޓްސް ކްލަބްގެ ތިމަރަފުށި ތަރި އިބްރާހީމް ސިނާހު އާއި ކ.މާފުށި އިބްރާހީމް މަފާޒު އިބްރާހީމް ހިމެނެއެވެ. މީގެއިތުރުން ފުވައްމުލަކަށް ނިސްބަތްވާ އަބްދުالله ރަޝީދު (ޕެލޭ) ކެޕްޓަން އާރިފް އަހުމަދު އާއި އިބްރާހީމް ޝަރީފްއަކީ މިމުބާރާތުގައިވެސް ވިދުންގަދަ މޮޅު ކުޅުންތެރިންނެވެ.
ޔުނައިޓެޑް ދިގުވާންޑޮ ޓީމަށް ބަލާއިރު ގދ.ވާދޫގެ ދެ ތަރިން ހިމެނެއެވެ. އެއީ ކީޕަރު ޒައިދާން އަހުމަދާއި, އަބްދުالله އާހިލް އަލީ އެވެ. މީގެއިތުރުން މާލެ ވިލިގިއްޔަށް ނިސްބަތްވާ އަލީ ޝިޔާހު (ޝިޔާ) ވަނީ މުބާރާތުގެ މިހާތަނަށްވެސް މޮޅަށް ކުޅެފައެވެ. ޓީމްގެ ކެޕްޓަން މޫސާ އަޒީމް ހަސަން އާއި އިނާން އަހުމަދު (ބަޓޫކް) އަކީ މިޓީމްގެ ތަރިންނެވެ.
ސެމީފައިނަލް ދެ މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރެއެވެ.
