ފުވައްމުލަކު ސިޓީގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ‘ވަގުތު ބޮޑުބެ ޗެލެންޖް’ ފަށަން ތައްޔާރުވެއްޖެއެވެ. މުބާރާތް އޮންނާނީ މެއި 25 ން ޖޫން 2 އަށެވެ.
މުބާރާތުގައި 10 ޓީމް ވާދަކުރެއެވެ. ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށްދާނީ މެއި 25-29 އަށެވެ. އޭގެފަހުން ކްއާޓާ ފައިނަލާއި, ސެމީފައިނަލް މެޗުތަކަށްފަހު ފައިނަލް މެޗު ކުޅޭނީ ޖޫން 2 ވަނަ ދުވަހުގެ ރެއެވެ. ގްރޫޕް ސްޓޭޖްގައި ކޮންމެ ދުވަހަކު 4 މެޗު ކުޅޭނެއެވެ. އެއީ ހަވީރު އެއް މެޗާއި ރޭގަނޑު 3 މެޗެވެ. މުބާރާތުގައި 27 މެޗު ކުޅޭނެއެވެ.
މުބާރާތުގައި ރާއްޖޭގެ ފުޓްސަލް ޗެމްޕިއަނުންނާއި ތަރިން ކުޅޭނެއެވެ. އަދި ފުވައްމުލައް ސިޓީގެ ހުނަރުވެރި ކުޅުންތެރިން ފެންނާނެއެވެ. މުބާރާތް އިންތިޒާމް ކުރަނީ ބޮޑުބެ ގްރޫޕުންނެވެ. އިންތިޒާމް ކޮމިޓީގެ ފަރާތުން ހަސަން މުތީއު ބުނީ މިއީ މިހާތަނަށް ފުވައްމުލައް ސިޓީގައި ބާއްވާ އެންމެ އަގުބޮޑު އަދި އިންތިޒާމް ރަނގަޅު މުބާރާތްކަމަށެވެ. އެޔަގީންކަން ދެމުން އޭނާ ބުނީ މުބާރާތުން އާ ކަންތައްތަކެއްވެސް ތަޢާރަފް ކުރާނެ ކަމަށެވެ.
ސްޕޯރޓްސް މެނޭޖްމަންޓްގައި އެޑްމިނިސްޓްރޭޓިވްލީ ހުރިހާކަމެއް ބަލަހައްޓާނީ އެއްވެސް ޕޭޕަރެއް ބޭނުންނުކޮށް, ޕޭޕަރލެސް މުބާރާތެއްގެ ގޮތުގައި. ތިމާވެއްޓާވެސް ރަށްޓެހި, ވަރަށް އޮގަނައިޒް މުބާރާތަކަށް ވާނެ.
މުބާރާތުގައި ރެފްރީކަން ކުރަނީ ރާއްޖޭގެ ފުޓްސަލްގެ އެންމެ ޓޮޕް ރެފްރީންނެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 50,000 ރުފިޔާއެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ފުވައްމުލަކު މާދަޑު ފުޓްސަލް ދަނޑުގައެވެ.
