ސައުވީހަކަށް ގަޑިއިރަށް ށ.ބިލެއްފައްސަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބުމުން, އެދަތުރުގައި އެރަށު މީހަކު ކައިރިން އަހަރެން އެދުނީ މަސައްކަތްތެރިއަކު ދެއްކުމަށެވެ. އެއް މަސައްކަތެއްގައި ދެމިހުރި, އެމަސައްކަތުން ދިރިއުޅޭ މީހަކާ ބައްދަލުކޮށްލަން ބޭނުންކަމަށެވެ. އެ އެދުމަށް ބައްދަލުވީ އެރަށު އަހުމަދު އަރީފް އިބްރާހީމް އާއެވެ. އެރަށަށް ދެވުނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އަރީފްއާ ބައްދަލުކުރުން ހަމަޖެހުނީ ޖެހިގެން އައި ދުވަހު ހެނދުނު 8:00 އަށެވެ.
އަރީފްއާ ބައްދަލުކުރީ އޭނާގެ ގެއިންނެވެ. އޭރު އޭނާއަކީ ކޮން މަސައްކަތެއް ކުރާ މީހެއްކަން އޮތީ އިނގިފައެވެ. އަދި އޭނާއާ ބައްދަލުކުރުމުގެ ޝައުކުވެރިކަމުގައި އަންނަނީ ކާކުކަން އޭނާއަށްވެސް އޮތީ އެނގިފައެވެ. އެހެންކަމުން އަރީފް ހުރީ ތައްޔާރަށެވެ. އަރީފްގެ ގަމީހުގައި މައިކް ހަރުކޮށްލުމަށްފަހު އަހަރެން އެދުނީ އަރީފްގެ މަސައްކަތުގެ ފެށުމާއި, މިހިސާބަށް ކުރި ދަތުރު ކިޔައި ދިނުމަށެވެ. ދޭތެރެ ދޭތެރެއިން އުފެދޭ ބައެއް ސުވާލުތައް ކުރީމެވެ. މިލިޔުމުގައި ވަނީ އަރީފް ދެއްކި މައިގަނޑު ވާހަކަތަކެވެ. ރުކުފަތީގެ މަސައްކަތުގައި މިދިޔަ ފަންސާހަކަށް އަހަރު އޭނާ ކުރި މަސައްކަތް ވަރަށް ކުރުކޮށެވެ.
އަރީފްގެ މިމަސައްކަތަކީ ރުކުގެ އޮށި ބޭނުންކޮށްގެން ނަގާފަ ހުންނަ ފަތި ބޭނުންކޮށްގެން ކުރާ މަސައްކަތެކެވެ. އެފަތިން ބޭނުންތެރިން މުހިއްމު ގިނަ ސާމާނު ތައްޔާރުކުރެއެވެ. ފަތުރުވެރިންނަށް ދޭނެ ސުވެނިއަރ ތައްޔާރުކުރެއެވެ. އަދިވެސް އަހަރެމެންގެ ދިރިއުޅުމުގައި ބޭނުންކުރެވޭނެ މުހިއްމު އެތައް އެއްޗެއްވެސް އުފައްދައެވެ. އަރީފް ތައްޔާރުކުރާ ތަކެތީގެ ތެރޭގައި ބަތްޕޮޅި, ހަލަނި, ގޮށި, ގޮށި ޖޯޑް, ފަންކާ, ކުދި ދަޅު ވައްތަރު އެއްޗިހި ހިމެނެއެވެ. އޯޑަރު ދިނުމުން އެދޭ ޑިޒައިނަކާ އެއްވަރަކަށް އެ އެއްޗެއް ތައްޔާރުކޮށްދެއެވެ.

ރާއްޖޭގެ ގިނަ ރަށްތަކުން އޯޑަރު ލިބެއެވެ. ރިސޯރޓްތަކުންވެސް އޯޑަރު ލިބެއެވެ. މާލޭގެ ލޮސްޓް ސުވެނިއަރ ޝޮޕަށް ދާއިމީކޮށް އޭނާގެ އުފެއްދުންތައް ފޮނުވައެވެ. އެތަނުންވެސް ލިބޭނެއެވެ. މަސައްކަތުގެ އާމްދަނީ ރަނގަޅެވެ. މިމަސައްކަތުން އަރީފްގެ ދުވާލެއްގެ އެވްރެޖް އާމްދަނީ އަކީ 675 ރުފިޔާއެވެ.
ދާދިފަހުންވެސް އަޅުގަނޑު ރިސޯރޓަކަށް ހަތްދިހަ ހާސް ވަރަކަށް ރުފިޔާގެ އެއްޗިހި ތައްޔާރުކުރިން.
އަރީފް ކުރިން މިމަސައްކަތް ކުރީ ވަޒީފާއެއް އަދާކުރަމުން ހުސްވަގުތުގައެވެ. އެކަމަކު މިއީ މިހާރު އޭނާގެ ދާއިމީ ވަޒީފާއެވެ. އޭނާގެ ހުސްވަގުތާއި, ހުސް ނޫން ވަގުތުވެސް އޮތީ މިމަސައްކަތުގައެވެ. އަމިއްލަ ގޭގައި އާއިލާ ކައިރީގައި ހުރެ އާމްދަނީ ހޯދަނީއެވެ. ހައްޓަށް ލުޔެވެ. އާމްދަނީ ރަނގަޅެވެ.
އާމްދަނީ ހޯދުމަށްޓަކައި ލުއި ފަސޭހަ, ހަށްޓަށް ބުރަނުވެ ކުރެވެން އޮތް ވަރަށް މުހިއްމު މަސައްކަތެކޭ, ވަރަށްބޮޑު އާމްދަނީއެއް ލިބެއޭ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް ބުނެލަން އޮތީ ރަށުގެ ޒުވާނުން މިމަސައްކަތަށް ޝައުގުވެރިކަން ދީގެން މިމަސައްކަތް ކުރުން އެދެމޭ.
މަސައްކަތް ދަސްކުރުމުގެ ޝައުގުގައި އޭނާ ކައިރިއަށް މީހަކު ނާދެއެވެ. އެކަމަކު ކޮންމެ އަހަރަކުވެސް ސްކޫލުން އެދުމުން ސްކޫލްގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ދަސްކޮށްދެއެވެ. އަރީފް ގަބޫލުކުރަނީ ސްކޫލް ނިންމާ ދަރިވަރުން މިމަސައްކަތް ނުކުރި ނަމަވެސް ގިނަ ދަރިވަރުންނަށް ރުކުފަތީގެ މަސައްކަތް އިނގޭނެ ކަމަށެވެ.
މިމަސައްކަތުގައި އަރީފް އަށް އެހާބޮޑު ގޮންޖެހުމެއްވެސް ނެތެވެ. ވަރަށް ފަސޭހައިން މަސައްކަތް ކުރިއަށް ގެންދެވެއެވެ. އެކަމަކު މިވަގުތު ބިލެއްފަހީގައި މިމަސައްކަތް ކުރަން ތިބީ އެންމެ އަރީފްއާއެކު ދެމީހުންނަށް ވުމަކީ އޭނާ ކަންބޮޑުވާ ކަމެކެވެ. ހަގީގީ ކަންބޮޑުވުމަކީ އެ ދެމީހުން ނެތް ދުވަހަކުން މިމަސައްކަތް ރަށުން އުވިގެން ހިނގައިދާނެތީ އޮތް ކަންބޮޑުވުމެވެ.
