މަތިން ބަލާއިރު ފެންނަނީ ގެހިކަން ގަދަކަމެވެ. ކޮންމެ ގެއެއްގެ ހަތަރު ފާރުގެ ތެރެއިން އަނބުގަހެކެވެ. އަނބުން ގަސްތައް ވަނީ ބަރާވެފައެވެ. މ.މުލަކުގެ ޚާއްޞަ ކަންތައްތަކުގެ ތެރެއިން އެއްކަމަކީވެސް ކޮންމެ ގެއެއްގައި ހުރި އަނބުގަހެވެ. އެކަމަކު މ.މުލަކުން ފެނުނު އެއަށްވުރެ މާޝައުގުވެރި ވާހަކައަކީ 2026 ވަނަ އަހަރުގެ ނިޔަލަށް އެރަށަކީ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުން ނުކުރާ ރަށަކަށް ހެދުމުގެ އަމާޒަށް ކުރާ މަސައްކަތްތަކެވެ.
އެމަސައްކަތުގައި އެރަށު ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް) ގެ އާދަޔާހިލާފް މަސައްކަތްތަކެވެ. ‘ހެވަންލީ މުލައް, ނޯ ޕްލާސްޓިކް އައިލެންޑް’ ގެ ގޮތުގައި ރަށް ޕްރޮމޯޓްކޮށް, އެފަދަ ރަށަކަށް ހެދުމަށް ކުރާ ދަތުރެވެ. އެދަތުރުގެ ވަރަށްދިގު ރާސްތާއެއް މިހާރުވެސް ކަޑައްތުކޮށްފިއެވެ.

އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކާ ދެކޮޅަށް މ.މުލަކުން ކުރަމުންދާ ދަތުރުގެ ވާހަކަ މިފަށަނީ 2022 ވަނަ އަހަރު ކައުންސިލުން ނިންމެވި ނިންމެވުމާ ހަމައިންނެވެ. މުލަކު ސްކޫލްގެ ހޯލްގައި ދަރިވަރުންގެ ކުރިމަތީގައި ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި އެކައުންސިލުން ފާސްކުރީ ވަރަށް މުހިއްމު ޤަރާރެކެވެ. މިއަދު ކުރަމުންދާ މަސައްކަތްތައް ބިނާވެފައިވަނީ އެގަރާރުގެ މައްޗަށެވެ. އެއީ 2026 ވަނަ އަހަރު ނިމޭއިރު މިރަށް, މ.މުލަކަކީ ސިންގަލް ޔޫޒް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް ބޭނުންނުކުރާ ރަށަކަށް ހެދުމުގެ ގަރާރެވެ.
އެމުހިއްމު ގަރާރު ސްކޫލްގައި, ސްކޫލް ދަރިވަރުންގެ ކުރިމަތީގައި ފާސްކުރުމަކީވެސް ކައުންސިލުން އެކަމަށް އޮތް ސީރިއަސް ކަމާއި, ދޭ އަހަމިއްޔަތުގެ ހެއްކެކެވެ. އެކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
ޚާއްޞަކޮށް އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވެފައި މިއޮތީ އަޅުގަނޑުމެންގެ ތައުލީމް ހާސިލްކުރާ ކުދިން މިކަމުގެތެރެއަށް ބޮޑަށް ވައްދާ އަޅުގަނޑުމެންގެ އެންމެ ކުޑަ ޖީލުން ފެށިގެންވެސް އެންމެ ދުވަސްވީ މީހާއާ ހަމައަށް މިޕްލާސްޓިކްގައި ހުރި ނުރައްކާތެރިކަން ކިޔައިދީ މިކަމުން ސަލާމަތްވާން މިކުރާ މަސައްކަތްތައް ހޭލުންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައި މުލައް ހެދުން
ކައުންސިލް ރައީސް އަހުމަދު ޖަމާލް ވިދާޅުވީ ސިންގަލް ޔޫޒް ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގައި ސްކޫލްތަކުގެ ދަރިވަރުންގެ އިތުރުން ކްލަބް ޖަމްއިއްޔާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ކައުންސިލުން ނިންމެވުން ތަންފީޒުކުރުމުގައި ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް) އަކީ އެންމެ މުހިއްމު އެއް ބައިވެރިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.
މުލަކަކީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ނުކުރާ ރަށަކަށް ހެދުމުގެ ތަސައްވަރަށް ވާސިލްވުމުގެ މަސައްކަތުގައި ސެލް އަކީ ހަގީގަތުގައިވެސް އެންމެބޮޑު ބައިވެރިޔާއެވެ. ސެލްގެ ޗެއަރމަން މުޙައްމަދު ލަތީފް ވިދާޅުވީ އެޖަމްއިއްޔާގެ ޕްލީޒް ޕްރޮޖެކްޓަކީ ސީދާ އެއަމާޒަށް ވާސިލްކޮށްދޭ ޕްރޮޖެކްޓެއް ކަމަށެވެ. މިއީ ސަކެޕްއާއި, ޔުނޮކްސް އަދި ވަރލްޑްބޭންކްގެ އެހީތެރިކަމާއެކު ސެލްއިން ކުރިއަށް ގެންދާ ބޮޑު, އެހާމެ މުހިއްމު މަޝްރޫއެކެވެ. ސްކޫލާއި ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ފެށުމަކީ ކައުންސިލްގެ ގަރާރެވެ.
ކައުންސިލްގެ ނިންމެވުމެއް އެބައޮތް, 2026 ވަނަ އަހަރު މުލަކަކީ ސިންގަލް ޔޫޒް ޕްލާސްޓިން ބޭނުން ނުކުރާ ރަށަކަށް ހެދުން. ކައުންސިލުން ފާސްކުރެއްވި ޤަރާރުގައިވާ ގޮތަށް މަދަނީ ޖަމްއިއްޔާތަކުން މިމަސައްކަތްކުރަނީ ކައުންސިލްގެ އަގަރާރާ އެއްގޮތަށް މުލައް އެމަގަށް ގެންދެވޭތޯ. އެހެންވީމަ މިކަން ކުރިއަށް ގެންދިއުމުގައި މުލަކު ކައުންސިލްގެ ފަރާތުން އެލިބޭ އެހީތެރިކަން ވަރަށްބޮޑަށް ފާހަގަކުރަން
މަސައްކަތުގައި ސެލްއިން މިހާރު ވަނީ ވަރަށްބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ރައްޔިތުންގެ އިތުބާރު ކަށަވަރުކޮށްފައެވެ. މުލަކުގެ %99 ގޭބީސީތަކުގައި މިހާރު ވަނީ ޕިޔުރިފިކޭޝަން މެޝިން ހަރުކޮށްފައެވެ. އެގެތަކުގައި ބޭނުންކުރުމަށް ބިއްލޫރި ފުޅި ހަދިޔާކޮށް ގޭބީސީ ތަކުން ދަނީ ބޭނުން ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގޭބީސީ ތަކުން ފެނަށް ކުރާ ޚަރަދު އެތައް ގުނައެއް ކުޑަވެއްޖެއެވެ. ފުޅީގައި ބަންދުކުރި ފެނުގެ ބަދަލުގައި މިހާރު ފިލްޓަރ ފެން ބޭނުންކުރަމުންދާ ސާޖިދާ ހުސައިން ބުނީ ސެލްގެ އެހީތެރިކަމާއެކު ފެނުގެ ޚަރަދު ކުޑަވެ, ވަރަށް ބޮޑު ލުޔެއް ލިބިއްޖެ ކަމަށެވެ.
އަޅުގަނޑުމެންނަކީ މީގެކުރިން ހަމަ ގަނެގެން ފެން ބޭނުންކުރަމުން އައި މީހުން. ގާތްގަނޑަކަށް ހަމަ މަހެއްގެ މައްޗަށް އަޅުގަނޑުމެން އަތުން 1200-1600 ޚަރަދުވޭ. އެހެނަސް މިހާރު ސެލްއިން މިދޫކުރި ފެންފިލްޓަރ ލީފަހުން ހަމަ އަޅުގަނޑުމެންގެ ފެނުގެ ބިލް މިއުޅެނީ ހަތްދިހަ ފަހެއް ނޫނިއްޔާ ފަންސާސް ރުފިޔާއަށް ހަމަ ކުޑަވެގެންދިޔައީ. މިއީ ހަމަ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ލުޔެއްކަމަށް އަޅުގަނޑުމެން ދެކެނީ
ރަށުގެ ކެފޭ ރެސްޓޯރަންޓް ތަކާއި ގެސްޓްހައުސްތަކުގައިވެސް ފިޔުރިފިކޭޝަން މެޝިން ބަހައްޓާ ފިލްޓަރ ބޭނުން ކުރަން ފެށުމާއެކު އުކާލާ ޕްލާސްޓިކް މަދުވެ, ފެނަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެ, ވިޔަފާރީގެ ފައިދާވެސް އިތުރުވެގެންގޮސްފައިވާކަން އެފަރާތްތަކުން ފާހަގަކުރިއެވެ. މުލަކުގައި ރެސްޓޯރަންޓް ހިންގާ އަހުމަދު ނަދީމް ބުނީ އޭނާ ރެސްޓޯރަންޓް ހުޅުވިއިރުވެސް އަމާޒަކަށް އޮތީ ސިންގަލް ޔޫޒް ޕްލާސްޓިކަށް ނޫނެކޭ ބުނުންކަމަށެވެ. އެފަދަ ޕްލާސްޓިކާ ނުލާވެސް ކުރެވޭނެކަން ސާބިތުކޮށްދިނުމުގެ އަޒުމުގައި ފެށި ވިޔަފާރީގައި އޭނާއަށް ލިބުނު އެންމެ ބޮޑު ސަޕޯޓަކީ ‘ސެލް” އެވެ.
ސިންގަލް ޔޫޒް ޕްލާސްޓީކާ ނުލާ ޚިދުމަތްދިނުމުގެ އެވިސްނުމުގައި މަސައްކަތް ފެށިތަނާ ސެލްއިން ވަރަށްބޮޑު ސަޕޯޓެއް ދެއްވާ ސެލްގެ ފިލްޓަރާއެކު އޭނާ އަމިއްލައަށް ހޯދި ފިލްޓަރު އެއްކޮށްގެން ބޭނުންކުރަން ފެށުމުން ޕްލާސްޓިކް ފުޅި އެއްގޮތަކަށްވެސް ބޭނުންނުކޮށް ޚިދުމަތްދޭން ފެށުނެވެ.
ޕްލާސްޓިކް ލާރީގެ ގޮތުން ވެއްޖިއްޔާ ވަރަށްބޮޑު ޚަރަދެއް. ދުވާލަކު ގާތްގަނޑަކަށް އެބަދޭ ފަނަރަކޭސް, ވިއްސަކަށް ކޭސް ފެން. ހަތްސަތޭކައެއްހާ ރުފިޔާ ގާތްގަނޑަކަށް ދުވާލަކު ފެނަށް އެބަޖެހޭ ޚަރަދުކުރަން, ހަމައެކަނި ބޯފެނަށް. އަނެއްކާ ހަމަ ގޮނޑަށް އެބައުކާލަން ސައުވީސް ފުޅީގެ ފަނަރަ ކޭސް, ވިހިކޭސް ހުސްފުޅި އެބަޖެހޭ އުކާލަން ސިންގަލް ޔޫޒް ޕްލާސްޓިކް ވީމަ. ބިއްލޫރިފުޅި އަށް ބަދަލުކުރީމަ ކޮންމެފަހަރަކުވެސް ހަމަ ފުޅިތައް ސާފްކޮށްފަ, ރިފިލްކޮށްފަ އެބެ ބޭނުންކުރެވޭ. ސެލްއިން ދޭ ސަޕޯޓާއެކު ފެނަށް ކުރާ ޚަރަދަށް މިހާރު ތިންސަތޭކަ, ހަތަރުސަތޭކަ އެއްހާ ރުފިޔާ މިޚަރަދު ކުރަނީ. އެހެން ނޫނިއްޔާ އެބަދޭ ފަންސަވީސް, ސައްބީސް ހާސް ރުފިޔާ ހަމައެކަނި ބޯފެން ގަންނަން
ނަދީމް ގަބޫލުކުރަނީ މިބަދަލާއެކު އޭނާގެ ފަރާތުން ތިމާވެއްޓަށް ވަރަށްބޮޑު ސަޕޯޓެއް ދެވޭކަމަށެވެ. އެހިތްހަމަޖެހުމާއެކު އޭނާގެ އެދުމަކީ މުލަކަކީ ސިންގަލް ޔޫޒް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުން ނުކުރާ ރަށަކަށްވުމެވެ.
ސެލްގެ މަސައްކަތުގައި މަސްވެރި މުލަކުގެ, މަސްވެރިންގެ ދައުރުވެސް ބޮޑެވެ. މަސްވެރިންގެ އަތުން ކަނޑަށް ދޫވާ ޕްލާސްޓިކްވެސް މަދެއް ނޫނެވެ. އެކަމަކު މުލަކު މަސްވެރިންގެ ފަރާތުން ކަނޑަށް ދޫކޮށްލެވޭ ޕްލާސްޓިކަށް ނިމުން ގެނެސް, ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން މުޅިން ހުއްޓާލުމުގައި މަސްވެރިންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް ބޮޑެވެ. އަދި އެކަމުގެ ސަބަބުން އޮޑިވެރިންގެ ޖީބަށް ލިބުނު ލުޔާއި, މަސްވެރިންނަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ. މުލަކުގެ ބޯޓް ކެޕްޓަނެއް ކަމަށްވާ ޔޫނުސް ހަސަން ބުނީ ޕްލާސްޓިކް ފުޅި ދޫކޮށްލުމުން މަސްވެރިންގެ އަތުން ވަރަށްބޮޑު ޚަރަދެއް ކުޑަވެއްޖެ ކަމަށެވެ.
މީގެކުރިން އަޅުގަނޑުމެން އަތުން ގާތްގަނޑަކަށް އެބަދޭ 15 ކޭސް, އެއީ ގާތްގަނޑަކަށް ބާރަސަތޭކަ ނޫނީ ފަނަރަ ސަތޭކަ ރުފިޔާ. އޭގެ ބަދަލުގައި މިހާރު އަޅުގަނޑުމެންނަށް މަހަކަށް ދާނީ ގާތްގަނޑަކަށް ތިންސަތޭކަ ފަންސާހެއްހާ ރުފިޔާ. މިއީ ވަރަށްބޮޑު ޚަރަދެއް އަޅުގަނޑުމެން މަސްވެރިން އަތުން ކުޑަވެގެން ދިޔައީ
ސެލްގެ އަމާޒު ހުރީ ރަށަށްފަހު އަތޮޅަށްވެސް އެމީހުންގެ ކާމިޔާބު މަޝްރޫއު ފުޅާކުރުމަށެވެ. އެގޮތުން އެއަތޮޅުގެ ދިއްގަރު ކައުންސިލާ ގުޅިގެން ދިއްގަރުގައި ވެސް މަސައްކަތް ފަށަން ވަނީ ތައްޔާރުވެފައެވެ. ދިއްގަރު ކައުންސިލް މެދުވެރިވެގެން ސްމޯލް ސްކޭލް ބޮޓްލިންގ ސްޓޭޝަނެއް ޤާއިމްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެސްޓޭޝަންގެ ސަބަބުން ދިއްގަރު ރައްޔިތުންނަށް ބޭނުންވާ ފެން ކައުންސިލްގެ އެހީތެރިކަމާއެކު ފޯރުކޮށްދެވޭނެއެވެ. އަދި އެއީ ކައުންސިލަށް އާމްދަނީ ލިބޭނެ މަގަކަށްވެސް ހެދޭނެއެވެ.

ދިއްގަރު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ނަބީލް ވިދާޅުވީ ސެލްގެ އެހީތެރިކަމާއެކު ސްމޯލް ސްކޭލް ބޮޓްލިންގ ސިސްޓަމް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި, މިހާރު ކުރަމުންދަނީ ތަން ތައްޔާރުކުރުމާއި, ހުއްދަތައް ހޯދުމުގެ މަސައްކަތް ކަމަށެވެ. މިއީ ކައުންސިލުން ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ދިއްގަރު ޖަމްއިއްޔާއެއްގެ އެހީގައި ރަށުގެ ހުރިހާ ގޭބިސީއަށް ފެންފިލްޓަރ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކައުންސިލުން ކުރިއަށް ގެންދެއެވެ.
މިދެޕްރޮޖެކްޓް ކާމިޔާބުކުރެވުނީމަ އަޅުގަނޑުމެންނަށް ރަށުގަ ބޭނުންކުރާ ޕްލާސްޓިކް ފުޅި, ބޯން ބޭނުންކުރާ ފެން އެއްކޮށް ހަމަ ހުއްޓުމުގެ މަސައްކަތުގައި ވަރަށްބޮޑު ކާމިޔާބީއެއް ހޯދުނީ. ބިއްލޫރި ފުޅި ފޯރުކޮށްދިނުމުގެ އިތުރުން ސެލްގެ އެހީގައި ޤާއިމްކުރާ ސްމޯލް ސްކޭލް ބޮޓްލިންގ ސިސްޓަމުން ކެފޭ ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ވިއްކަން
ސެލްއިން ގަބޫލުކުރަނީ ކައުންސިލްގެ ގަރާރު ތަންފީޒު ކުރުމަށް ފަށާފައިވާ މަސައްކަތަށް ދެވޭ ސަޕޯޓާއެކު ރަށުގެ ރައްޔިތުންނާއި, މަސްވެރިންނާއި ވިޔަފާރިވެރީންނަށް މާލީ ގޮތުންވެސް ބޮޑު ލުޔެއް ހޯދައިދެވުނު ކަމަށެވެ. ޖަމްއިއްޔާއަށް އޮތް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީވެސް އެއީއެވެ.
ސިންގަލް ޔޫޒް ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން ސެލްއިން ވަނީ ތިމާވެއްޓާ ރަށްޓެހި, ބާޒާރު ކުރާ ކޮތަޅުވެސް ގޭބީސީތަކަށް ހަދިޔާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅަކީވެސް މުލަކުގެ ބީރައްޓެއްސެކެވެ. ސެލްގެ މިމަސައްކަތްތަކުގައި ރަށުގެ މުއައްސަސާތަކުގެ އެހީތެރިކަން އެޖަމްއިއްޔާއިން ފާހަގަކުރެއެވެ.

” އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެން މިކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ 2026 ވަނައަހަރު. މި މުލަކަކީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ނުކުރާ ރަށަކަށް ހަމަ ވަރަށް ބޮޑަށް އެހީތެރިކަމަކަށް ވެގެންދާނެ ކަމަށް.” ސެލްގެ ޗެއަރމަން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.
މިމަޝްރޫއުގެ ތެރެއިން ސެލް އިން ވަނީ ތްރީ އާރު ފޯރަމަކާއި, މައުރަޒެއް ކުރިއަށް ގެންގޮސްފައެވެ. ތިން އާރު ރަމްޒްކޮށްދެނީ ރެޑިއުސް, ރީސައިކަލް, އަދި ރީސޫޒް އެވެ. އުކާލެވޭ ޕްލާސްޓިކު މަދުކުރުމާއި, އަލުން ބޭނުން ކުރުމާއި, އެއިން ބޭނުންކުރެވޭނެ އިތުރު އެއްޗިހި ތައްޔާރު ކުރުމެވެ.
ފޯރަމާއި, މައުރަޒު ވެސް ކުރިއަށް ގެންދިޔައީ އަތޮޅުގެ ރަށްތަކަށް ދައުވަތު ދީގެން, ކައުންސިލްތައް ބައިވެރިކޮށްގެންނެވެ. އަދި ފޯރަމްގައި ދާއިރާގެ ތަޖުރިބާ ބޮޑު ޕެނަލިސްޓުން ބައިވެރިކޮށްގެންނެވެ. ޕްލާސްޓިކް މަދުކުރުމަށް ސެލްއިން ކުރިއަށް ގެންދާ މަޝްރޫއުގެ ބައިވެރިންނާއި, އެމަޝްރޫއުގެ ނަފާލިބޭ ފަރާތްތަކުން އެމީހުންގެ ތަޖުރިބާ ފޯރަމްގައި ހިއްސާކުރިއެވެ. އޭގެތެރޭގައި ގޭބީސީތަކާއި, ގެސްޓްހައުސް ހިންގާ ފަރާތްތަކާއި, ކެފޭ ހިންގާ ފަރާތްތައް ހިމެނެއެވެ.

ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި, ޖަމްއިއްޔާތަކުގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މައުރަޒަކީ އުކާލެވޭ ޕްލާސްޓިކު ބޭނުންކޮށްގެން ބޭނުންކުރެވޭނެ އުފެއްދުންތެރި ތަކެތި އުފެއްދުމަށް ބޭއްވި މައުރަޒެކެވެ. ބޭނުމަކީ އުކާލެވޭ ޕްލާސްޓިކް މަދުކުރުމެވެ. އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކާ ދުރަށް ދިއުމެވެ.
މައުރަޒުގެ ވަނަތައް ހޯދި ފަރާތްތައް:
- 1 ވަނަ – މުޙައްމަދު ލަތީފް / ދިއްގަރު, ޑިއާނާ
- 2 ވަނަ – ހާމިދު އާދަމް / ދިއްގަރު, ނަލަހިޔާގެ
- 3 ވަނަ – ކޮޅުފުށި ކައުންސިލް
- 1 ވަނަ ރަށް- މ.ދިއްގަރު

ސެލްގެ މިމަޝްރޫއަކީ ރާއްޖޭގެ ކްލަބް ޖަމްއިއްޔާތަކަށް ނަމޫނާއެކެވެ. ފަންޑް ހޯދައިގެން މުޖުތަމައުގެ ފައިދާއަށް ލާބަހުރި މަސައްކަތްތަކެއް ކުރެވޭނެ ކަން ސާބިތުކޮށްދިން މަޝްރޫއެކެވެ. މިއީ ފަރުދުންގެ ޖީބު ލުއިކޮށްދޭނެ, މާލީ މަންފާ އިތުރުކޮށްދޭނެ މުހިއްމު މަސައްކަތްތައް ކްލަބް ޖަމްއިއްޔާތަކަށް ކުރެވޭނެ ކަމުގެ ހެއްކެކެވެ. ސެލްގެ މިމަޝްރޫއުން އެހެން ޖަމްއިއްޔާތަކަށް ހުރީ މުޅިންވެސް ނަމޫނާއާއި, އުއްމީދެވެ.