މަތިން ބަލާއިރު އެފެންނަ ސާފް ރީތި މޫދާއި ދޮންވެލި ތުނޑި އަކީ މިރަށަށް ޝައުގެވެރިކުރުވާ ސަބަބަކަށް ނުވޭތޯއެވެ. އެރީތި މޫދާއި ދޮންވެލި ތުނޑި ބޮޑު ސަރަހައްދަކަށް އޮތުމުން ކޮންފަދަ ހިތްގައިމު ތޯއެވެ. އެރީތި ސާފް ބޮޑު ފަޅާއި, އެފަޅުގައިވާ އެކި ދިރުންތަކުން ހިތަށް ލިބޭ ހަމަޖެހުމާއި, އުފާވެރިކަން އިހުސާސްވާނީ އެފަދަ ސަރަހައްދަކަށް ދެވުމުންނެވެ.
މިއީ ށ.ބިލެތްފައްސެވެ. މިރަށުގެ އެންމެ ހިތްގައިމު ސަރަހައްދަކީ މިއީއެވެ. މިރަށުގެ އެންމެ ޚާއްޞަ ސިފައަކީވެސް މިއީއެވެ. 62 ހެކްޓަރުގެ ބޮޑު ރަށުގެ ވަރަށް ބޮޑު ސަރަހައްދެއްގއި އެއޮތީ ބޮޑު ފަޅެކެވެ. ރީތި މޫދަށް އެރި އުފާވެރި ވަގުތުތަކެއް ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް އެސަރަހައްދު އެވަނީ ކައުންސިލުން ތައްޔާރުކޮށްފައެވެ. މަޑުކޮށްލައިގެން ތިބެވޭނެ ތަންތައް ތައްޔާރުކޮށްފައެވެ. ބަދިގެއާއި ކާމޭޒު ހިމެނެއެވެ. ބާބަކިޔު ހެދޭނެ ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ. ނަމާދު ވަގުތު ފާއިތުވެދާނެކަމަށް އަވަހަށް އެސަރަހައްދު ދޫކޮށް ދާކަށް ނުޖެހެއެވެ, ކުޑަ މިސްކިތެއްވެސް ވަނީ ބިނާކޮށްފައެވެ. ރަށުގެ ޢާއްމު ފަރުދަކު ވަނީ މޫދު ކުޅިވަރު ކުޅޭނެ ވަސީލަތްތައްވެސް އެތަނުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

މިއީ އަތޮޅުގެ ރަށްތަކުން މިހާރުވެސް ހަފްތާ ބަންދާއި, ޗުއްޓީއަށް ދަތުރުހަދާފަ އަންނަ ސަރަހައްދެކެވެ. ނާންނަންވީ ސަބަބެއްވެސް ނެތެވެ. އެހާ ހިތްގައިމެވެ. މިހާރުވެސް ފަތުރުވެރިންވެސް ޒިޔާރަތްކުރާ މިރަށުގެ މިކާއްޞަކަން އޮތީ ބޭރުމީހުންނާއި ދިވެހީންނަށެވެ. ކައުންސިލް މެމްބަރު އާދަމް ޝަފްރާޒު ވެސް ވިދާޅުވީ ބިލެތްފަހީގެ އެންމެ ޚާއްޞަ ސިފައަކީ ގުދުރަތީ ރީތިކަން ކަމަށެވެ.
ބިލެއްފަހި ޚާއްޞަވާ ސަބަބަކީ ރާއްޖެއަށް ގިނަ ފަތުރުވެރިން މިއަންނަ ސަބަބަކީ ގުދުރަތީ ރީތިކަން ބަލާލުން. ބިލެއްފައްސަކީ ދޮންވެލި ގޮނޑު ދޮށާއި, ވަރަށް ރީތި މޫދެއް ލިބިފައިވާ ރަށެއް. ގުދުރަތީ ރީތިކަމޭ މިދެންނެވީ ސާފް ބޮޑު ފަޅެއް, މުޅި ފަޅު އެކީ ގުދުރަތީ ދިރުންތަކުން މުއްސަނދި ވެފަ. އެއީ އަސްލު ފަތުރުވެރިން ވަރަށް ބަލަން ބޭނުންވާނެ މަންޒަރެއް.
މީގެއިތުރުން ބިލެތްފަހި ރުށްދަނޑަކީވެސް މަދު ރަށަކުން ނޫނީ ނުފެންނާނެ ފަދަ ހިތްގައިމު ސަރަހައްދެކެވެ. ބޮޑު ސަރަހައްދެއްގައި އެކިވަރުގެ ރުށްތަކެވެ. ބޮޑަތި ރުށްތަކާއި ކުދި ރުކެވެ. އެތަނުގެ ހިތްގައިމުކަންވެސް ހަގީގަތުގައި އިހުސާސް ކުރެވޭނީ އެސަރަހައްދަށް ވަދެލުމުންނެވެ.

މިއީ ބޮޑު އާބާދީއެއް ނޫނެވެ. 760 އެއްހާ މީހުންގެ މިއާބާދީގެ ތެރެއިން ރަށުގައި ދިރިއުޅެނީ 400 އެއްހާ މީހުންނެވެ. އެކަމަކު ރަށުން ދިރުން ފެނެއެވެ. ހަވީރުގެ ވަގުތު ބޭރަށް ނިކުމެ ހިނގާލުމުން ފެންނަ މަންޒަރު އުފާވެރިއެވެ. ކުޑަކުދިންގެ ޕާރކްގައި ކުޑަކުދިންނާއި ބެލެނިވެރިން އުފާވެރިކަމާއެކު ވަގުތު ހޭދަކުރަމުން ދިޔަ މަންޒަރުން ހިތްހަމަ ޖެހުން ލިއްބައިދެއެވެ. ކުޅިވަރު ދަނޑުތަކުގައި ޒުވާނުންނާއި, ސްކޫލް ދަރިވަރުން ކުޅިވަރު ކުޅުމުގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރަކީވެސް އުފާވެރި މަންޒަރެކެވެ. މަގުތަކުގައި ކޮޅުކޮޅަށް ބައިސްކަލް ދުއްވަމުން ދިޔަ ފުރާވަރު ކުދިންގެ ހަރަކާތްތަކުންވެސް އުފާވެރި އިހުސާސެއް ކުރުވައެވެ.

މަސައްކަތްތެރި މިރަށަކީ ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ބީރަހެއްޓެހިކަން އިހުސާސެއް ނުވެއެވެ. މަސައްކަތްތެރިކަމުގައި އެންމެ ޚާއްޞައީ ވަޑާމުގައެވެ. މިރަށަށް ދާން ބަލާއިރު ގޮންޖެހުމަކީ ދަތުރުފަތުރެވެ. މާލެއިން ސީދާ ލޯންޗްގައި ދަތުރުކުރުމަކީ އެންމެ ޖީބަށް ލުއި ގޮތެވެ. ވައިގެ މަގުން ށ.ފުނަދޫ, ހދ.ކުޅުދުއްފުށި އަދި ހދ.ހަނިމާދޫއަށް ދަތުރުކޮށް އާރުޓީއެލް ފެރީގައި ދިއުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެކަމަކު އެއީ ޖީބަށް ބަރު ދަތުރަކަށް ވާނެއެވެ.
ބިލެއްފަހީ އެއަޕޯޓަކީ ރަށު ރައްޔިތުންގެ އުއްމީދެވެ. ބައުންޑަރީ ވޯލާ ހަމައިން މަސައްކަތް ހުއްޓިފައި އޮތުމަކީ ކަންބޮޑުވުމެވެ. ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމުގެ މަސައްކަތް ފެށިއިރު މިއީ އެނިޒާމްގެ އެއް ހަބެވެ. އާރުޓީއެލްގެ ފެރީ ނިޒާމްގައި މިހާރުވެސް މިއީ މުހިއްމު ރަށެކެވެ.

ރަނގަޅު ފެންވަރުގެ ދެ ގެސްޓް ހައުސް މިވަގުތުވެސް ރަށުގައި ހުރުމުން އެކޮމަޑޭޝަންގައި ދަތި އުނދަގޫ ކަމެއް ނެތެވެ. ދިވެހީންނަށް 500-600 ރުފިޔާ އަށް ކޮޓަރި ލިބެއެވެ. މިއީ އަމާން ވެއްޓެކެވެ. ބިލެތްފައްސަކީ ޒިޔާރަތްކޮށްލަން ހަމަ ފައްކާ ރަށެކެވެ.