ކުޑަރިކިލު ފުޓްސަލް ތަށި ރިކިލިއަންސް އިން ދިފާއުކޮށްފި

388

ކުޑަރިކިލު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފުޓްސަލް ޗެލެންޖްގެ ތަށި ރިކިލިއަންސް އިން ދިފާއުކޮށްފިއެވެ. ތަށި ދިފާއުކުރީ ފައިނަލްގައި އެކުވެރި ގައިޒް 6-0 ން ބަލިކޮށްގެންނެވެ.

ފާއިތުވި ދެ ސަރުކާރުން ކުޑަރިކިލުގައި އަޅައިދިން ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ރިކިލިއަންސްގެ ފުރަތަމަ ތިން ލަނޑު ޖެހާ ހެޓްރިކް ހެދީ ހުސައިން ސުހައިލްއެވެ. އަނެއް ތިން ލަނޑު ޖަހާ އަލީ އަލްސަންވެސް ހެޓްރިކް ހެދިއެވެ.

މުބާރާތުގެ ރަންބޫޓް ހޯދި އަލްސަން ފައިނަލް މެޗުގައި ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-އަމްޖަދު ނިހާދު

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ރިކިލިއަންސް އަށް ކުޅުނު އއ.މަތިވެރީ އަލީ އަލްސަން އެވެ. 12 ގޯލާއެކު މުބާރާތުގެ ރަން ބޫޓްވެސް ހޯދީ އަލްސަން އެވެ. މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ އެކުވެރި ގައިސް އަށް ކުޅުނު އޭދަފުށީ އުނައިސް ޒުބެއިރު އާއި އެޓީމަށް ކުޅުނު ކުޑަހުވަދޫ ޖުމައިލް ޖަމީލް އާއި އެކުވެރި ގައިޒްގެ ހުސައިން ހަނާން (ޖޯ) އާއި ރިކިލިއަންސްގެ އަހުމަދު ނަބީހު އެވެ.

މުބާރާތުގެ ކިންގް ސުހައިލް: ފޮޓޯ-އަމްޖަދު ނިހާދު

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ކެލާ ސިޓީގެ އަލީ ރިއުމާން އެވެ. އެންމެ މޮޅު ކޯޗަކީ ރަނަރަޕް އެކުވެރި ގައިޒްގެ އަހުމަދު މައުރޫފް އެވެ. ފެއަރޕްލޭ ކުޅުންތެރިއަކީ ކޭއީޖީ ގެ ހަމްޒާ އަބޫބަކުރެވެ. ފެއަރޕްލޭ ޓީމަކީ ކެލާ ސިޓީ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ކިންގް އަކީ ފައިނަލް މެޗުގައި ފުރަތަމަ ތިން ލަނޑު ޖެހި ހުސައިން ސުހައިލް އެވެ. ކިންގްގެ ޓްރޮފީ އުފުލާލުމަށްފަހު އޭނާ ބުނީ ތަށްޓާއެކު ކިންގްގެ މަގާމް ލިބުނީ ބޮޑު އުފަލެއް ކަމަށެވެ.

ތަށި ލިބުނީމަ ވަރަށް އުފާވެއްޖެ ދެން, ޓީމުން ވަރަށް ތަށި ބޭނުންވެފަ ތިބީ. ކިންގް ލިބުނީމަވެސް ވަރަށް އުފާވެއްޖެ.

ރިކިލިއަންސް އަށް ޗެމްޕިއަންކަން ހޯދައިދިން ކޯޗު އަހުމަދު ހާފިޒު ބުނީ ކާމިޔާބީގެ ފަހަތުގައި އެތައް ބައެއް ހިމެނޭ ކަމަށެވެ. އަދި ތިންވަނަ ފަހަރަށް ތަށި ހޯދަން މިހާރުން ފެށިގެން ތައްޔާރުވާން ފަށާނެ ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަވެސް ހެއްދެވި ފަރާތަށް ޝުކުރުކުރަން. އަޅުގަނޑުމެންނަށް މިހިސާބަށް މިއާދެވުނީ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާވެސް އެކީގައި, ހުރިހާ ސަޕޯޓަރުންގެ ހިތްވަރާއެކީގަ މިހިސާބަށް މިއާދެވުނީ. ދެން ކުޅުންތެރިން ކުރި ހިތްވަރު. އިރާދަކުރެއްވިއްޔާ އުއްމީދަކީ މިއަންނަ އަހަރު މިހާރަށްވުރެ ވަރުގަދަކޮށް ނުކުތުން. އިރާދަކުރެއްވިއްޔާ ތިން ތަރި އަޅުގަނޑުމެންގެ ލޯގޯގައި ޖެހުން އަޒުމަކީ.

މިއީ ކުޑަރިކިލު ކައުންސިލުން މިމުބާރާތް ކުރިއަށް ގެންދިޔަ ހަވަނަ ފަހަރެވެ. ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ނަޝީދު ވިދާޅުވީ އަންނަ އަހަރު މިއަށްވުރެ ރަނގަޅަށް މުބާރާތް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އިންވިޓޭޝަނަލް މުބާރާތެއްގެ ގޮތުގައި އަތޮޅުގެ ރަށްތަކަށް ދައުވަތު ދީގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.

އަތޮޅަށް ހުޅުވާލައިގެން ހަމަ އިންވިޓޭޝަން ކަޕެއް ގޮތަށް ކުރިއަށް ގެންދެވޭތޯ މިއަހަރުވެސް މަސައްކަތްކުރިން. އެކަމަކު މިފަހަރު އަޅުގަނޑުމެންނަށް އެކަން ކާމިޔާބުވާގޮތެއް ނުވި. އެހެންނަމަވެސް މިއަންނަ އަހަރު އަޅުގަނޑުމެން އަނެއްކާވެސް ޓްރައި ކުރާނަން އަތޮޅަށް ހުޅުވާލައިގެން ނޫނީ ދާއިރާއަށް ހުޅުވާލައިގެން އެހެން ރަށްރަށަށް ފުރުޞަތު ދީގެން ކުރިއަށްގެންދަން.

މިފަހަރުގެ މުބާރާތުގައި ވާދަކުރީ ހަ ޓީމެވެ. ފައިނަލަށް ދަތުރުކުރީ ލީގުބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދި ދެޓީމް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ރިކިލިއަންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.