މޯލްޑިވިއަންގެ ފްލައިޓެއްގައި 1464 ރުފިޔާގެ ޓިކެޓެއްގައި ފުރަތަމަ ދަތުރުކުރީ ކުޅުދުއްފުށި ސިޓީއަށެވެ. އެސީޓީގައި ތިންގަޑިއެއްހާއިރު މަޑުކޮށް, 35 ރުފިޔާގެ ޓިކެޓެއްގައި ނޮޅިވަރަމަށް ދަތުރުފެށީ އާރުޓީއެލް ފެރީގައެވެ. 10 މިނިޓްގެ އެދަތުރަށްފަހު އެރަށަށް ދެވުނުއިރު ބަނދަރު މަތީގައި ތިބީ ދެތިން މީހެކެވެ. އެތަނުން އުމުރުން ދުވަސްވީ މީހެއްގެ އެހީތެރިކަން ހޯދައިގެން ގެނައި ރަށު ޕިކަޕެއްގައި ތިބެން ކަނޑައެޅި ކޮޓަރިއަށް ދަތުރު ފެށީމެވެ. ރަށުޕިކަޕެއް ގެންނަން ޖެހުނީ ވަރަށް ހޫނު ގަދަވެފައި, އެއީ ބަނދަރާ ދުރުގައި ހުރި ކޮޓަރިއެއްކަމަށް އެހީތެރިވެދިން ބޭބެ ބުނުމުންނެވެ. އެކޮޓަރީގެ އަގަކީ ރެއަކަށް 450 ރުފިޔާއެވެ.

ކޮޓަރިއާ ހަމައަށް ދާން ނެގިވަގުތުންވެސް ރަށަކީ ބޮޑު ރަށެއްކަން އިނގުނެވެ. އެރަށްދިޔައިރު ރަށުގެ އާބާދީއެއްވެސް ނޭންގެއެވެ. ރަށު ޕިކަޕްގެ ޑްރައިވަރާ ކޮންމެވެސް ވަރަކަށް ރަށާ ބެހޭގޮތުން ސުވާލުކުރީމެވެ. އޭނާގެ ފަރާތުން އިނގުނީ އެއީ 3000 ގެ އާބާދީއެއް ކަމެވެ. އެކަމަކު 3000 ހަމައެއް ނުވެއެވެ. ރަށުގައި ދިރިއުޅެނީ 2800 އެއްހާ މީހުންނެވެ. 600 އެއްހާ ދަރިވަރުން ސްކޫލްގައި ކިޔަވާކަން އިނގުމުން, ރަށުގެ އާބާދީގެ ބޮޑުބައެއް ރަށުގައި ހިފެހެއްޓއިފައިވާކަން ޔަގީން ކުރެވުނެވެ. 2600 އެއްހާ މީހުން ރަށުގައި ދިރިއުޅެއެވެ. އެއީ ރަށުގައި މަސައްކަތްކުރާ ބިދޭސީންނާވެސް އެކުއެވެ.

ބޭރަށް ނިކުންނަ ވަރަށްވުރެ މެންދުރުގެ ހޫނު ގަދައެވެ. އަމުދުން ދާންވީ ދިމާއެއްވެސް އޭރު ނޭންގެއެވެ. އެހެންކަމުން ނިންމީ ހަވީރު ވަންދެން ކޮޓަރީގައި މަޑުކޮށްލުމަށެވެ. އެކަމަކު އެކަންވީ ވަރަށްބޮޑު އުނދަގޫ ކަމަކަށެވެ. ކޮޓަރިއަށް އުރީދޫގެ ރޭންޖެއް ނުލިބެއެވެ. އިންޓަރނެޓް ކީއްކުރަން, ކޮޓަރީގައި އޮވެ ކޯލެއްވެސް ކޮށްނުލެވުނެވެ. ކޯލެއް ކޮށްލަންވެސް ޖެހުނީ މަގުމައްޗަށް ނިކުންނާށެވެ. ހަގީގަތުގައި މުޅި ރާއްޖެއަށް, މީހުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ޚިދުމަތެއް ނުދެވެއެވެ. ކޮޓަރި ކުއްޔަށްދޭ ފަރާތާ ގުޅާލުމުން އިނގުނީ އެސަހައްދަށް ނެޓްވޯކް ނުލިބޭ ކަމެވެ. ކެތްކުރުން ނޫން ގޮތެއް ނުފެނުނެވެ.

ހަވީރު ވުމުން ބޭރަށް ނިކުމެ ފުރަތަމަ މައްޗަށް އުދުއްސާލީ ޑްރޯންއެވެ. އެހިސާބުން ރަށަށް އޮތް ޝައުގުވެރިކަން އިންތިހާއަށް ބޮޑުވިއެވެ. ފެހިކަން ގަދަ ބޮޑު ރަށެކެވެ. އެންމެ ބޮޑު ސަލާމުކަމެއް, އަދި ޝައުޤުވެރިކަމެއްވެސް ހުއްޓުނީ ރީތި ބޮޑު ކުޅިއަށެވެ. މަތިން ބަލާލާއިރު ކުޅީގެ ހިތްގައިމުކަން ބޮޑެވެ. ރީތި މޫދާ ދޮންވެލި ތުނޑިއެވެ. ދަނޑުބިން ތަކެވެ. ދަނޑުވެރިކަން ކުރާ ރަށެއްކަން ޔަގީންވިއެވެ. ބައެއް މަންޒަރުތައް ރެކޯޑް ކުރުމަށްފަހު, ރަށްޓެއްސެއްގެ ރަށްޓެއްސެއް މެދުވެރިކޮށް ލިބުނު ސައިކަލެއްގައި ރަށުގެތެރެއަށް ނިކުތީއެވެ.

ސައިކަލްގައި ބަނދަރު ސަރަހައްދަށް ނިކުތުމުން އިތުރަށް މިރަށަށް އޮތް ޝައުގުވެރިކަން ބޮޑުވިއިއެވެ. ހޮޅިއަށިތަކުގައި އެކި އުމުރުގެ މީހުންނެވެ. ޚާއްޞަކޮށް އުމުރުން ދޮށީ މީހުންނާއި, މެދުއުމުރުގެ މީހުންނެވެ. ކުޑަކުދިން ތޮށި މަތީ މަސް ބޭނުމުގައެވެ. ޒުވާނުން މަހަށް ދިއުމަށް ބަނދަރުގައި ހުރި ދޯނިފަހަރަށް އަރަނީއެވެ. އަންހެނުން ދަރިން ގޮވައިގެން ސައިކަލުގައި ބުރު ޖަހަނީއެވެ. މެދުއުމުރުގެ އަންހެނުން ބަނަދަރުގެ އެއް ފަޅިއެއްގައި ހުރި ޖޯލި ފަތީގައި އޮލަ ވާހަކައިގައެވެ.
ހޮޅުއަށްޓަށް ކައިރި ކޮށްލީމެވެ. މިސަރޗްކޮށްލެވުނީ ހަމަ ގޫގުލްއެވެ. ގައުމުގެ ކަންކަމާމެދު ބަހުސް ކުރަނީއެވެ. އެކަކަށްވުރެ އަނެކަކުގެ މައުލޫމާތު މުއްސަނޖެވެ. އެއްވެސް ދޮގަކާ ނުލާ ބުނާނަމަ އެތަނުގެ މައިގަނޑު ވާހަކައަކީ ސަރުކާރަށް ފާޑުކިއުމެވެ. ޕްރޮޖެކްޓްތައް ހުއްޓި ކުރިއަށް ނުދާ ވާހަކައެވެ. ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ދިޔައީ އަދި ދަތުރެއް ކުރުމުގެ އުއްމީދުގައެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފްކުރަން ދާން ނިކުއިން ވަގުތު އައި ކޯލަކަށް ޖަވާބުދޭން މަޑުކޮށްލާ ‘ހަލޯ’ އޭ ބުނުމާއެކު ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ގުޅީ ނޮޅިވަރަން ކައުންސިލްގެ ނައިބުރައީސް މުޙައްމަދު ހުސައިން އެވެ. ތަޢާރަފްވެލުމަށްފަހު އެދުނީ މާލެއިން ބައްދަލުކޮށްލުމަށެވެ. ކައުންސިލްގެ މެމްބަރުން މިމަހު މާލެއަށް ކުރާ ދަތުރެއްގެ ތެރެއިން ބައްދަލުކޮށްލަން ބޭނުންވާ ކަމަށެވެ. މިހާރު ބައްދަލުކޮށްލެވިދާނެ ކަމަށް ދެންނެވުމުން, ވިދާޅުވީ މިވަގުތު ހުރީ ރަށުގައި ކަމަށެވެ.

ހަގީގަތުގައި ހީކުރެވުނީ ނޮޅިވަރަމުގައި ހުރިކަން އިނގިގެން ގުޅީ ކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނުނެވެ. ނޮޅިވަރަމުގައި ހުއްޓާ ގުޅުނީ އިއްތިފާގަކުންނެވެ. ކައުންސިލްގެ ނައިބުރައީސް ކުރިން ނުވެސް ދަންނަމެވެ. އަދި ބައްދަލެއްވެސް ނުވެއެވެ. އެވަގުތުގެ ފަހުން ކައުންސިލް އެވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ނައިބުރައީސްގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބުނެވެ. ދެއްވި އެއްބާރުލެއްވުމަށް ޝުކުރިއްޔާއެވެ.

ކައުންސިލްގައި ނައިބުރައީސްއާ ބައްދަލުކުރީ ޖެހިގެން އައި ދުވަހު ފުރުމުގެ ކުރިންނެވެ. އެކަމަކު އެރޭގެ ކެއުމާއި, ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ނާސްތާ ގަޑީގައިވެސް އެކުގައި ހުންނެވިއެވެ. ކައުންސިލް އިދާރާގައި މައިކް ޖެހުމަށްފަހު ކުރީ މައިގަނޑު ހަމަ އެންމެ ސުވާލެކެވެ. އެއީ ރާއްޖޭގައި އެތައް ރަށެއް ހުއްޓާ ނޮޅިވަރަމަށް އަންނަންވީ ކީއްވެތޯއެވެ. ފުރަތަމަވެސް ފާހަގަކުރެއްވީ ކުޅީގެ ވާހަކައެވެ. މޫދާ ތުނޑިއެވެ. އޭގެފަހުން އެހެން ވާހަކަތަކެވެ. ރަށުގައި ބީރަހެއްޓެވި ވާން ނުޖެހޭނެ ކަމެވެ. ކޮންމެ މީހަކާވެސް ހިނިތުންވުމާއެކު ރައްޔިތުން ބައްދަލުކޮށް މަރުހަބާކިޔާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ނޮޅިވަރަމަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެންފެށި ރަށްތަކުގެ ތެރެއިން ރަށެއް. އަޅުގަނޑުމެންނަށް މިކަން ޔަޤީން ކުރެވޭ ސަބަބަކީ ތާރީޚީގޮތުން މިކަމަށް ހެކިދޭނެ ބިނާތަކެއް މިރަށުން ފެންނަން ހުރުން. ދެން ނޮޅިވަރަމަކީ ޚާއްޞަކޮށް ދަނޑުވެރިކަމުގެ ރަށެއް އިނގޭތޯ. ނޮޅިވަރަމަކީ ބިލެތަށް ޚާއްޞަ ރަށެއް. ބިލެތޭ ބުނީމަ އެންމެ ފުރަތަމަވެސް ހިތަށް އަންނާނީ ނޮޅިވަރަމުގެ ނަން
ނިންމާލުމުގެ ކުރިން ވަރަށް މުހިއްމު އެއްކަމެއް އަދި ފާހަގަކުރިއެވެ. މިއީ ބިމުގެ ނިސްބަތުން އެންމެ ރާއްޖޭގައި 8 ވަނަ އަށް އެންމެ ބޮޑު ރަށެވެ. މީހުން ދިރިއުޅެނީ އަދި ކުޑަ ސަރަހައްދެއްގައެވެ. މިއީ 221 ހެކްޓަރުގެ ރަށެކެވެ.