މިއީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބާޒާރެވެ. ރާއްޖޭގެ އުފެއްދުންތައް ވިއްކާ އުތުރުގެ މައި ބާޒާރެވެ. އަހަރުތަކެއްވީ މިބާޒާރު ކުރިއަށްދަނީ އަދިވެސް ހަމަ އިހު ގޮތަށެވެ. ހދ.އަތޮޅާއި ށ.އަތޮޅުންވެސް ދަނޑުވެރިކަމުގެ އުފެއްދުންތައް ހިފައިގެން ފެރީގައި ހެނދުނު ކުޅުދުއްފުށްޓަށް އައިސް ކަނޑައެޅިފައިވާ ސަރަހައްދުގައި ކޮންމެ މީހަކު ‘ގޮޅިއެއް’ ހަދަނީ އެވެ. ކޮންމެ މީހަކު ތަންކޮޅެއްގައި އެމީހަކު ގެނައި ބާވަތްތައް އަތުރާލަނީއެވެ. މިއަދު ( 26 އޭޕްރީލް 2025) ގައިވެސް އެއުސޫލުން ބާޒާރު ހެނދުނު އޮތީ ފަށާފައެވެ.
ކުރުނބައާއި, ބަށްޓެވެ. ބަނބުކޭލާއި, މުރަނގަތޮޅިއެވެ. ވަޅޯމަހާއި ރިހާކުރެވެ. ކަރަޔާއި, އަނބެވެ. ދޮންކޭލާއި, ފަޅޮލާއި, ކަށިކޭލެވެ. ދެ ރަށަކުން ގެނެސްފައިހުރި ކުއްޅަވަށްވެސް ހުއްޓެވެ. އެތައް ރަށެއްގެ ބަޔަކު އެއްތަނަކުން ބައްދަލުވާ ހޮނިހިރު ބާޒާރަކީ ފައްކާ ބާޒާރެކެވެ. އިއްތިފާގުން އެސަރަހައްދުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނު ފުރުޞަތުގައި ނަގާލެވުނީ ވިއްސަކަށް ގަނޑު ފޮޓޯއެވެ.
























