ށ.ބިލެތްފަހި ރަށު އާސާރު

552

ރަށު ކައުންސިލް އިދާރާގެ ކުރިމަތީގައި ހުރި ކުޑަ އިމާރާތެކެވެ. ޝައުކުވެރިކަން ހުއްޓުނީ ހަރުކޮށްފައިވާ ނަންބޯޑުންނެވެ. އެބޯޑްގައި ލިޔެފައި ވަނީ “ރަށު އާސާރު, ށ.ބިލެއްފަހި” އެވެ. އެއިމާރާތަކީ ދުވަސްވީ އިމާރާތެއްކަން އިމާރާތަށް ބަލާލުމުން އިނގެއެވެ. ގޯތި ތެރޭގައި ފެންވަޅެއް ހުރުމާއި, އިމާރާތުގެ ނަމުން އެތަނަށް ވަނުމުގެ ޝައުގުވެރިކަން ބޮޑުވިއެވެ.

ތަންހުރީ ތަޅުލާފައެވެ. އެތަނަށް ވަދެވުނީ ކައުންސިލް އިދާރާއަށް ދަންނަވައިގެން އެތަނުން ބޭފުޅަކު އައިސް ހުޅުވައިދިނުމުންނެވެ. ދޮރު ހުޅުވާލުމާއެކު އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅުންވެސް ސިހުން ލިބުނެވެ. އެއީ ހާދަބުރަ މަސައްކަތެކެވެ. ހާދަ މުހިއްމު މަސައްކަތެކެވެ. އެތާހުރީ މަދުން ނޫނީ ނުފެންނާނެ އާލާތްތަކެވެ. މިއަދުގެ ޖީލަށް ފަރިތަނޫން އެކަމަކު އަހަރެމެންގެ ދިރިއުޅުމެވެ. މުނިކާފައިންނާއި އޭގެ ކުރިއެވެ. ކާފަމެންގެ ދިރިއުޅުމެވެ. މިއަދުގެ ދިރިއުޅުމުންވެސް މަދުމަދުން ފެންނަ ތަކެއްޗެވެ.

ބިލެއްފަހި ރަށު އާސާރުގައި ބަހައްޓާފައިހުރި މަލާފަތަކާއި ބަނޑިޔާއެއް

އެތަނުގައި ތަރުތީބުން އަތުރާފައިހުރީ ދިވެހިންގެ ދިރިއުޅުމުގައި ބޭނުންކުރި މުހިއްމު ސާމާނެވެ. ބަދިގޭގައި ހިފާގެންގުޅުނު ސާމާނެވެ. އޮޑދޯނިފަހަރުގައި ގެންގުޅުނު ސާމާނެވެ. ވަޑާމުގައި ބޭނުންކުރި ސާމާނެވެ. ކުޑަކުދިން ބައިތިއްބަން ދިވެހީންގެ އަތްތަކުން ތައްޔާރުކުރި އެކުދީންނަށް ޚާއްޞަ ގޮނޑިއެވެ. (މިހާރުގެ ކުޑަކުދިން ދުއްވާ ކޮށްޓެވެ.) ރަށު އޮފީހުގައި ބޭނުންކުރި ވަސީލަތްތަކެވެ. ޓައިޕްރޭޓަރާއި, ސަންގެވެ. މާލޫދޫ ފޮތްތަކާއި, މިރަށް ހިންގުމުގައި ވެރީންން އޮފީސްތަކުގައި ގެންގުޅުނު އިދާރީ ފޮތްތަކެވެ. ކުރުކޮށް ބުނާނަމަ މުޅި ބިލެއްފަހީގެ ތާރީކެވެ. ދިވެހީންގެ ދިރިއުޅުމުގެ އެހާރެވެ.

މިތަނުގައި 1960 ގެ އަހަރުތަކުގެ ކުރީކޮޅުގެ އެތައް ސާމާނެއް އެބަހުއްޓެވެ. ޚާއްޞަކޮށް ރަށް ހިންގުމުގައި ބޭނުންކުރި ލިޔެކިޔުންތަކެވެ. މިއާސާރު ވުޖޫދުވުމުގެ ފެށުމަކީވެސް އެލިޔެކިޔުންތައް ހޯދާ ރައްކާކުރަން ފެށި ފެށުމެވެ. އޭގެތެރެއިން އައި ވިސްނުމަކީ ރަށުގެ މަސައްކަތްތެރިކަމާއި ދިރިއުޅުން ދައްކައިދިނުމެވެ. އޭގެތެރެއިން ސްކޫލް މަދަރުސާ ކުދީންނަށް ފިލާވަޅުތަކެއް ނަގައިދެވިދާނެކަމަށް ގަބޫލުކުރެވުނީއެވެ.

ބިލެއްފަހި ރަށު އާސާރުގައި ބަހައްޓާފައިހުރި މައުލޫދު ފޮއްޓެއް

ކޮމިއުނިޓީ ޓޫރިޒަމްގެ ތެރެއަށް ވަންނައިރު ތާރީޚާއި ތަރިކައާއި ސަޤާފަތަކީ އެންމެ މުހިއްމު އެއްބައިކަން ގަބޫލުކޮށް އެވިސްނުން ނެރުނީއެވެ. އެމަސައްކަތުގައި މުޅި ރަށުގައި އަތްފުނާ އަޅާ އެފަދަ އެތައް ސާމާނެއް ހޯދާ, ސާފްކޮށް ވަކިތަރުތީބަކުން އަތުރާލީއެވެ. ރަށު އާސާރުގެ ގޮތުގައި ތަރައްޤީކޮށްފައި އެހުރީ ކުރިން އަންހެނުން ނަމާދުކުރަން ބޭނުންކުރި މިސްކިތެކެވެ. މިހާރު އެއީ ބިލެތްފަހީގެ މުއްސަނދި ތާރީޚެވެ. އެމަސައްކަތުގެ އެންމެ މުހިއްމު އެއް ހިއްސާދާރަކީ އެވިސްނުން ނެރުނު އޭރު ކައުންސިލްގައި މަސައްކަތްކުރެއްވި އަލީ ސާމިރެވެ. ކުރިން ކައުންސިލްގެ ނައިބުރައީސްކަންވެސް ކުރެއްވި ސާމިރު ވިދާޅުވީ މިއީ ރަށަށް އަރާފައިބާ މީހުންނާއި ފަތުރުވެރީންނަށްވެސް ވަރަށް މުހިއްމު އަދި ރަށުގެ ކުރިއެރުމަށްވެސް މުހިއްމު ކަމެއްކަމަށް ދެކި ފެށި މަސައްކަތެއް ކަމަށެވެ.

އަޅުގަނޑު ޤަބޫލުކުރަނީ މިއީ ވަރަށް އަގުބޮޑު ރައުސުލުމާލެއް ކަމަށް ރަށެއްގައި ބަހައްޓަން. މީގެސަބަބުން ދަރިވަރުންނަށްވެސް އެތައް ބަޔަކަށް މުހިއްމު އެތައް މައުލޫމާތެއް ލިބޭނެ. އަދި މިއަދުގެ ދުނިޔޭގައި މިއުޒިއަމް ތަކަކީ މީހުން ހަމަ ޒިޔާރަތްކުރަން ބޭނުންވެގެން ބުކިންގ ހައްދައިގެން ޒިޔާރަތްކޮށް ބަލާ ތަންތަން ހަމަ. މިތަނުން ފެންނަން ހުންނާނެ ރަށުގައި ވެރިކަން ކުރި ހުރިހާ ވެރިންގެ މައުލޫމާތު, އަޅުގަނޑު ވަރަށް ފަޚުރުވެރިވޭ މިމަސައްކަތް ކުރެވުނީތީ.

ރަށު ކައުންސިލްގެ އުއްމީދަކީ މިއީ ރަށަށް އާމްދަނީ ވަންނާނެ މަގަމަށް ވުމެވެ. ކޮމިއުނިޓީ ޓޫރިޒަމް ކުރިއަރުވާއިރު ރަށު އާސާރުގެ ފައިދާ ވަރަށްބޮޑަށް ކުރާނެކަމަށް ކައުންސިލުން ދެކެއެވެ. މިދިޔަ އަހަރު ހުޅުވި ރަށު އާސާރުގެ އެންމެ ބޮޑު ބޭނުމަކީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބިލެއްފަހި ބުނެދިނުންކަމަށް ކައުންސިލްގެ ނައިބުރައީސް އަލީ އަސްލަމް ވިދާޅުވިއެވެ.

ކުރިއަށް އޮތް މުސްތަޤްބަލްގައިވެސް އަޅުގަނޑުމެންގެ ވިސްނުމަކީ މިތަން އިތުރަށް ތަރައްޤީކޮށް, މިތަނުން އަޅުގަނޑުމެންނަށް ނަފާ ލިބޭނެ ގޮތަކަށް މަސައްކަތްކޮށް, އެގޮތަށް ބައްޓަން ވެގެން ދިއުން.

މިއީ ހަގީގަތުގައި ހަމަ ކޮންމެ ރަށެއްގައިވެސް ހުރުން މުހިއްމު ތަނެކެވެ. އެރަށެއްގެ ތާރީޚާއި, ދިރިއުޅުމުން އެރަށަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެނި ތަޖުރިބާ ކުރުމުގެ ފުރުޞަތު އޮންނަން ޖެހެއެވެ. މިއީ އެފަދަ ނަމޫނާއެކެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.