މިއީ ނޮޅިވަރަމެއް ނޫން, ނޮޅިވަރަންފަރު

439

މިއީ ދެރަށެކެވެ. އެކަމަކު ވަރަށްގިނަ މީހުންނަށް އޮޅޭ, އޮޅުވާލާ ދެރަށެވެ. ސަރުކާރުގެ ބައެއް މިނިސްޓްރީތަކުންވެސް އޮޅުވާލާ ދެރަށެވެ. ދެރަށުގެ ދެމެދުގައި އޮތީ ލޯންޗްގައި 10 މިނިޓްގެ ރާސްތާއެކެވެ.

ދެރަށަކީވެސް ބޮޑު ދެރަށެވެ. މިހާރު މިހުރީ ނޮޅިވަރަންފަރުގައެވެ. މިރަށަށް މިއައީ ނޮޅިވަރަމުންނެވެ. އާރުޓީއެލް ފެރީގައި 10 މިނިޓްގެ ދަތުރެއްގައި ކޮޅަކަށް 35 ރުފިޔާއެވެ. އެކަމަކު މާލެއިން އަންނަ މީހަކަށް ބޮޑު ހޭދައެއް ހިނގާނެއެވެ. އެއީ މާލެއިން ކުޅުދުއްފުށްޓަށް އަދި މާލެއިން ހަނިމާދުއަށް ވެސް މޯލްޑިވިއަންގެ އެއްކޮޅު ޓިކެޓަކަށް 1464 ރުފިޔާ ނަގާތީއެވެ. އެދެރަށުންވެސް އާރުޓީއެލް ފެރީގައި ނޮޅިވަރަންފަރަށް އާދެވޭނެއެވެ. ހަނިމާދޫއަށްވުރެ ކައިރީ ކުޅުދުށްފުއްޓެވެ. ލޯންޗެއް ކުއްޔަށް ނަގައިގެން ކުޅުދުށްފުށިން އާދެވޭނީ 700 ރުފިޔާ އަށެވެ. މިއީ މިރަރަށް އަންނަން ހުރި މަގުތަކެވެ.

ހދ.ނޮޅިވަރަންފަރު: ފޮޓޯ-ޙަފްޞީ

މިރަށަށް އާދެވުމުން މިރަށުގެ މީހުންވެސް އެދުނީ ނޮޅިވަރަމާއި ނޮޅިވަރަންފަރު އޮޅުވައިނުލާށެވެ. އަދި އެކަން ސަމާލުކަމަށް ގެނެސްދޭށެވެ. އެކަން ސަމާލުކަމަށް ގެންނަން ޖެހޭ އެތައް ސަބަބެކެވެ. ތަފާތު އެތައް ކޮފީ މޭޒަކުން އެފަދަ ބައެއް ސަބަބުތައް މިރަށު މީހުން ހިއްސާކޮށްދިނެވެ.

ނޮޅިވަރަންފަރު ސްޕޯރޓްސް ކައުންސިލަރުގެ މުސާރަ ނޮޅިވަރަމަށްވެސް ފޮނުވަނީއެވެ. ނޮޅިވަރަންފަރުގައި އަޅާ ޕާރކްގެ ސާމާނު ނޮޅިވަރަމަށްވެސް ދަނީއެވެ. ނޮޅިވަރަމްގައި ހިނގާ ހާދިސާއެއް ނޮޅިވަރަންފަރުގައި ހިނގިކަމަށް ނޫސްތަކުން ރިޕޯރޓްކޮށްފާނެއެވެ. ކޮށްފައިވެސް އެބަހުއްޓެވެ. ނޮޅިވަރަމަށް ފޮނުވާ ސިޓީއެއް ނޮޅިވަރަންފަރު ކައުންސިލްގެ ރައީސްގެ ނަން ޖަހާ އެޑްރެސްކުރަނީއެވެ. އަދި އެއްދުވަހު މިރަށުގައި މަޑުކޮށްލައިފިނަމަ މިފަދަ އެތައް ކަމެއް ހިއްސާކުރީހެވެ.

ނޮޅިވަރަންފަރު ޖެޓީ ސަރަހައްދު: ފޮޓޯ-ޙަފްޞީ

މިފަހަރު ދެން މިރަށުން ފައިބަނީއެވެ. ދެރަށް އޮޅުވައިނުލާން އަހަރެން ވަރަށްބޮޑަށް ސަމާލުވާނަމެވެ. އެކަމަކު އެވަރަކުން ނުފުދެއެވެ. ސަރުކާރާއި ނޫސްވެރިންވެސް ސަމާލުވާން ޖެހެއެވެ. ޢާއްމު ރައްޔިތުން އަންނާނީ އޭގެ ފަހަށްތާއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.