ނޮޅިވަރަމަށް!

571

މޯލްޑިވިއަންގެ ފްލައިޓްގައި ދަތުރުގެ މިސްރާބު ހުރީ ހދ.ކުޅުދުށްފުއްޓަށެވެ. ބަރާބަރު ގަޑިއަށް ފްލައިޓް ވައިގެތެރެއަށް އުދުހިގަތުމުގެ ހިތްހަމަ ޖެހުން ބޮޑެވެ. 1464 ރުފިޔާގެ ޓިކެޓްގައި ކުޅުދުށްފުއްޓަށް މިދަތުރު ކުރަނީ ފުރަތަމަ ފަހަރަށެވެ. މީގެކުރިން މުޅިންވެސް ދަތުރުކުރެވިފައި ހުރީ އެހެން ރޫޓްތަކުންނެވެ.

ބޯޓްގެ ކެޕްޓަން އިއުލާނުކުރީ ދަތުރަށް 50 މިނިޓް ހޭދަވާނެ ކަމަށެވެ. ނަމަވެސް މޫސުން ވަރަށް ރީތި ހިތްގައިމު ދުވަހެއްގައި ފްލައިޓް ކުޅުދުއްފުށީ އެއަޕޯރޓްގައި ޖައްސަން ބަރާބަރު 45 މިނިޓްވެސް ނުނަގައެވެ. އެއަޕޯރޓް ޓަރމިނަލްއަށް ވަދެ ފުރަތަމަވެސް ބަލާލެވުނީ ލަގެޖް ބެލްޓަށެވެ. އެތާހުރީ ލަގެޖް އަށްޓެކެވެ. ގަބޫލުކުރަން ދައްޗެވެ. އެހެނަސް ހަގީގަތެވެ. ލަގެޖް ލިބެންވެސް އުއްމީދުކުރިވަރަށްވުރެ ގިނަ ވަގުތު ނެގިއެވެ.

ނޮޅިވަރަން ބަނދަރުގައި ހޮޅިއަށި ގިނަ: ފޮޓޯ-ޙަފްޞީ

އަސްލު މަންޒިލަކީ ނޮޅިވަރަމެވެ. ކުޅުދުށްފުއްޓާ އެންމެ ކައިރިން އޮތް ރަށެވެ. އެރަށަށް ދިއުމަށް ސިކުނޑީގައި އޮތީ ދެގޮތެވެ. އެއީ ކުރަން އައި މަސައްކަތަށް ވަގުތު ސަލާމަތް ކުރުމަށް ވަގުތުން ޑިންގީއެއްގައި ނޮޅިވަރަމަށް ދަތުރު ފެށުމެވެ. ނުވަތަ ޚަރަދު ކުޑަކުރުމަށް އާރުޓީއެލް ފެރީއަށް މަޑުކުރުމެވެ. އާރުޓީއެލް ފެރީއަށް މަޑުކުރާނަމަ ތިން ގަޑި ތިރީސް މިނިޓް މަޑުކޮށްލަން ޖެހެއެވެ. ކުޅުދުއްފުށްޓަށް އައިއިރު އެކަމާ މެދު އޮތީ ގޮތެއް ނުނިންމިއެވެ. އެކަމަކު ލޯންޗެއް ނަގައިގެން ދާނަމަ ދާނެ އަގު އޮތީ ބަލާލެވިފައެވެ. އެއީ 500 ރުފިޔާގެ ދަތުރެކެވެ. އާރުޓީއެލްގައި ނަމަ 35 ރުފިޔާއެވެ. ފަރަގު ވަރަށް ބޮޑުވުމުން އަހަރެން ގަސްތުކުރީ ކުޅުދުއްފުށީގައި މަޑުކޮށް, މެންދުރު އާރުޓީއެލް ފެރީގައި ދިއުމަށެވެ.

ފެރީ ޓާރމިނަލްގެ ލަގެޖް ބަހައްޓަން ޚާއްޞަ ރޫމްގައި ފޮށި ބެހެއްޓުމަށްފަހު ޓަރމިނަލްގައި ހުންނަ ކެފޭގައި މަޑުކޮށް ލެޕްޓޮޕް ހުޅުވާލީ ކޮފީއަކަށް އިންސާފް ކުރަމުންނެވެ. މަސައްކަތުގެ ތެރެއަށް ވަދެ, ބައެއް ރަށްޓެހިންނާ އެތަނުގައި ބައްދަލުކުރަމުން ވަގުތު ދިޔަގޮތްވެސް ނޭންގުނެވެ. ކުޅުދުއްފުށްޓަށް އައިކަން އިނގުމުން ބައެއް ރަހުމަތްތެރިން ގުޅާ ބައްދަލުކުރުމުން އުފާވެރި އިހުސާސެއް ކުރެވުނެވެ.

ނޮޅިވަރަމްގެ އެންމެ ހިތްގައިމު ތަނަކީ މިކުޅި: ފޮޓޯ-ޙަފްޞީ

ދެން އޮތީ ނޮޅިވަރަމް ދަތުރެވެ. ބަރާބަރު ގަޑިއަށް ފެރީ ނައްޓާލިއެވެ. 11 މިނިޓްގެ ތެރޭގައި ނޮޅިވަރަމް ބަނދަރަށް ވަނެވެ. އެހެންވީމަ މިދަތުރަށް ކޮޅަކަށް, ދަތުރަށް މިހޭދަވީ 1499 ރުފިޔާ އެވެ. ފްލައިޓް ޓިކެޓްގެ އަގު ބޮޑުވުމުން ދަތުރަށް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. މިއީ އަހަރެންގެ މިދަތުރުގެ ރޫޓެވެ.

އެކަމަކު މިނޫން ރޫޓްތައްވެސް އެބަހުއްޓެވެ. ނޮޅިވަރަމާ ކުޅުދުއްފުއްޓާ ދެމެދު ވަރަށްގިނައިން ލޯންޗްތައް ދަތުރުކުރާ ކަމަށް މައުލޫމާތު ލިބުނެވެ. ލިބުނު މައުލޫމާތުން އެދަތުރުތަކުގައި ބޮލަކަށް ނަގަނީ ކޮޅަކަށް 50 ރުފިޔާއެވެ. ހަނިމާދޫއާ ނޮޅިވަރަމްއާވެސް މާދުރެއް ނޫނެވެ. މާލެއިން ހަނިމާދޫއަށް އައިސް, ހަނިމާދޫން އާރުޓީއެލްގައި ނޮޅިވަރަމްއަށް އައުމުގެ ފުރުޞަތުވެސް އެބައޮތެވެ. މާލެ ކުޅުދުއްފުއްޓާއި, މާލެ ހަނިމާދޫ ފްލައިޓް ޓިކެޓްގެ އަގު އެއްވަރެވެ.

@happehafsy

ހދ.ނޮޅިވަރަމަށް ދާން ދަތުރު ޚަރަދަށް ކިހާވަރެއް ހޭދަވާނެ؟ މާލެއިން ކުޅުދުއްފުށްޓަށް މޯލްޑިވިއަންގެ އެއްކޮޅު ޓިިކެޓެއް 1464 ރުފިޔާ! #tiktoktraveller #beautifulmaldives #islandlife🌴 #localvibes #maldivestiktok #maldives #nolhivaran #traveldiary #hafseeabdulla #hafsee

♬ original sound – Hafsee.com
ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް

މިހިއްސާކޮށްލީ ނޮޅިވަރަމްއަށް ދަތުރެއް ކުރަން ހުރި މީހަކަށް ދަތުރުގެ އޮޕްޝަންތަކާއި, ހޭދަވާނެ ޚަރަދެވެ. ކެއުމާއި, ހުރުން އަދި އޮތީއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.