މިމަހުގެ 17 ވަނަ ދުވަހުގެރޭ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ހޯލްގައި ކުރިއަށްދިޔަ ގްރެޖުއޭޝަންގެ އުފާވެރި ހަފްލާއަށް އއ.އުކުޅަހު އަހުމަދު ފަޔާޒު (ފިއްޓޭ) ދިޔައީ އޭނާގެ އަންހެނުންނާއި ހަތަރު ދަރިންގެ އިތުރުން ބައްޕަވެސް ގޮވައިގެންނެވެ. ރަށުގައި ދިރިއުޅޭ އެ އެންމެން މާލެ ގޮސް އެރަސްމިއްޔާތުގައި ބައިވެރިވީ ހަގީގަތުގައިވެސް އުފާވެރިކަން ބޮޑުވުމުންނެވެ.
އޭގެކުރިން އެރަސްމިއްޔާތަށް ތައްޔާރުވަމުން ދިޔައިރުވެސް ފިއްޓޭގެ އިހުސާސްތައް ބަންޑުންވެ, ރަސްމިއްޔާތުގެ ކުރިން އެކަން ސޯޝަލް މީޑިޔާގައި ހާމަކުރިއެވެ. ފިއްޓޭގެ ބަހުންނަމަ އުފާވެރި އެއިހުސާސްތައް ބަންޑުންވީއެވެ. ކޮންޓްރޯލް ނުވީއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ލޮލަށް ނުފެނި, އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކޮށް, ހަތަރު ދަރިންނާއި އަނބިމީހާގެ ޒިންމާ ފުރިހަމައަށް އަދާކުރަމުން އެހާސިލްކުރީ މާސްޓަރސްއެވެ.

އއ.އުކުޅަހަށް އުފަން އެރަށު އިމާމް ފިއްޓޭއަކީ މިހާރު މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ފުރިހަމަކޮށްފައިވާ މާސްޓަރސް ޑިގްރީ ހޯލްޑަރެކެވެ. އެކަމަކު އެއީ ހާސިލްކުރެވޭނެ ކަމަށް އޭނާ ހުވަފެނުންވެސް ދުށް ތަސްވީރެއް ނޫނެވެ.
ތައުލީމީ ދަތުރުގައި މިހިސާބަށް އާދެވުމަކީ އުއްމީދުވެސް ކުރިކަމެއްނޫން. ފުރަތަމަ ލޯފަން މީހެއްގެ ގޮތުގައި ހުންނަން ޖެހުނީތީވެ ހަގީގަތުގައި ވެސް އޭރު ހިތަށްއެރީ ކިޔެވުމަކީ ވާނެކަމެއް ނޫނޭ.
ފިއްޓޭގެ ތައުލީމީ ދަތުރު ފެށީ އިމާމް ލެވެލް އެކަކާ ހިސާބުންނެވެ. އެކޯސް ފުރިހަމަކުރަމުން ދިޔައިރުވެސް އޭނާގެ ނަފްސް ބުނަމުން ދިޔައީ މިހިސާބުން ނިމުނީ ކަމަށެވެ. ތައުލީމީ ދަތުރުގައި އިތުރަށް އެންމެ ރާޅަކާވެސް ކުރިމަތިލާނެ ކަމަކަށް ހިތާއި ސިކުނޑިވެސް ގަބޫލެއް ނުކުރެއެވެ. 2014 ވަނަ އަހަރު އެކޯސް ފުރިހަމަ ކުރުމަށްފަހު 2017 ވަނަ އަހަރާ ހަމައަށް ދިޔައީ އެގޮތުގައެވެ.
އެކަމަކު 2017 ވަނަ އަހަރު ފިއްޓޭގެ ތައުލީމީ ދަތުރު އަލުން ފެށީ މާވަރުގަދަ އުއްމީދެއްގައެވެ. ފިއްޓޭގެ ބަހުން ނަމަ “ގަދަހިތްވަރު” ދައްކަމުންނެވެ. އެފެށި ފެށުން ފަހަރަކު މަރުހަލާއެއް ކަޑައްތުކުރަމުން ގޮސް މިއަހަރު އެނިންމާލީ މާސްޓަރސް ހާސިލްކޮށްފައެވެ. އެކަމަކު ފިއްޓޭ ގަބޫލުކުރަނީ ތައުލީމީ ދަތުރުގައި މަސްޓަރސްއަކާ ހަމައަށް ދެވުނީ ވަރަށް ހަނި ފުރުޞަތެއްގައި ވަރަށް ގަދަ ހިތްވަރެއް ކޮށްގެން ކަމަށެވެ.
އެހެންވީމަ މިއޮތް ފުރުޞަތުގެ ތެރޭގައި, ހަނި ފުރުޞަތުގެ ތެރޭގައި ގަދަ ހިތްވަރު ކުރުމުގެ ސަބަބުން ނަތީޖާއަކީ الله ގެ ރަހުމަތުން ނުކުޅެދުންތެރިކަން ހުރިނަމަވެސް ހަމަ މިނަތީޖާ ނެރެވުން.
ފިއްޓޭގެ ހަޔާތުގައި ކާމިޔާބީއާ ހަމައަށް ދިއުމުގައި ވަރަށް ވަރުގަދަ މޮޓޯއެއް ގެންގުޅެއެވެ. ތައުލީމީ ދަތުރުގައިވެސް ފަހަރަކު މަރުހަލާއެއް ކަޑައްތުކުރީ އެމޮޓޯގައެވެ. ” އަޅުގަނޑުގެ މޮޓޯއަކީ الله އަށް ނަސްރުވެރިވާށޭ, އޭރުން الله ތިޔަބައިމީހުންނަށް ނަޞްރުވެރިވާނޭ. އަދި ކޮންމެ ތަނެއްގައިވެސް الله ތިޔަބައިމީހުންގެ ފައިތިލަ ސާބިތުކޮށްދެއްވާނެ.” ކުރިއަށް އޮތްތަނުގައިވެސް ފިއްޓޭގެ މޮޓީއަކީ މިއީއެވެ.
އެމޮޓޯގައި ހިފަހައްޓައިގެން ފިއްޓޭ ކުރިހާވެސް ކަމަކީ ގަދަ ހިތްވަރެވެ. ފިއްޓޭގެ ހިތްވަރާމެދު ސުވާލެއް ނެތެވެ. އެކަން ޔަގީންކޮށްދިނީ އޭނާގެ ބައްޕައެވެ.
އިރާދަކުރެއްވިއްޔާ އޭނާ ކުރަންހުރި ކަމެއްވިއްޔާ ކުރާނެ, ވަރަށް ހިތްވަރު ގަދަވާނެ.
މިއީ ހަމައެކަނި ފިއްޓޭގެ ތައުލީމީ ދަތުރުގެ މިންވަރެކެވެ. ފިއްޓޭގެ ހަޔާތުން ދެއްކެނެ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. ކުރުކޮށް ބުނާނަމަ އޭނާ އަކީ ޢާއްމު ދިރިއުޅުމެއް އުޅޭ, ޢާއްމު މީހަކު ކުރާނެ ހުރިހާ މަސައްކަތެއް ދިރިއުޅުމުގައި ކޮށްގެން އުޅޭ ފިސާރި ‘ގަދަހިތްވަރު’ ހުރި ކޮންމެ މީހަކަށް ހުރި ނަމޫނާއެކެވެ.