ގެމަނަފުށީ ޕިކްނިކް އައިލެންޑް

542

ގެމަނަފުށިން ފުރައިގެން ޑިންގީއެއްގައި އެއީ ފަސް މިނިޓެއްހާއިރުގެ ދަތުރެކެވެ. އެރަށުގެ ފަޅުތެރޭގައި ހުރި ގިނަ ރަށްތަކުގެ ތެރެއިން ރަށެކެވެ. ގެމަނަފުށީގެ އިހުތިޞާސްގެ ތެރޭގައި ހިމަނުއްވާފައިވާ ރަށެކެވެ. ބޮޑުރަށެކެވެ. މިރަށަށް ދީފައިވާ ނަމަކީ ‘ރެހާ ބީޗް’ އެވެ.

ރަށަށް ފައިބާއިރު ޖޯލިފަތި ބަހައްޓާ އުނދޯލި އެލުވާފައެވެ. ސިމެންތި ދިގު އަށްޓެއްގެ ވަށައިގެން ސިމެންތި ގޮނޑިއެވެ. އެއީ ކާން ތިބެން ތައްޔާރުކޮށްފައިވާ ކާމޭޒުކަން އިނގުނެވެ. ޖެހިގެން ހުރީ ގެއެކެވެ. ކުޑަކޮށް ހިނގާލާއިރު ވޮލީ ކޯޓެވެ. އެންމެ ޚާއްޞަކަމަކަށް ފާހަގަވީ ލައިޓް ޖަހާ ރޭގަނޑުވެސް ބޭނުންކުރެވޭ ގޮތަށް ހުރުމުންނެވެ. އެއަށްވުރެ ޚާއްޞައީ ސޯލާ ނިޒާމުން ދިއްލޭ ގޮތަށް ހުރުމުންނެވެ.

ގ.ގެމަނަފުށި ޕިކްނިކް އައިލެންޑް

ރަށުތެރެއަށް ހިނގާލުމާއެކު ފާޚާނާއާއި ފެންވަރަށް ޚާއްޞަތަނެވެ. އަދި ރީތި މިސްކިތެވެ. ރަށަށް ފޭބި ދިމާލުގައި ނޫނަސް ޖޯލިފަތި ހުރީ ބަހައްޓާފައެވެ. ރީތި މޫދެވެ. އެހާގިނަ ވަގުތު މަޑުނުކޮށް, ޑިންގީގައި އެނބުރި ދިޔައީއެވެ. އެކަމަކު ރަށުގެ ހޭޅިފަށް ކައިރިން ދުއްވާފަ ގޮސް އަނެއްކާވެސް ޑިންގީ ކައިރިކުރީ ރަށުގެ އެހެން ދިމާއަކަށެވެ. އެދިމާއިން ފައިބާއިރު ގަސްތައް ކޮށާ މަގު ހަދާފައެވެ. ފުޅާ މަގުން ކުރިއަށް ގޮސް ހަތަރު އަނގޮޅިއަށް މަޑުކޮށްލުމަށްފަހު ކައުންސިލް ރައީސް ވިދާޅުވީ މިއީ ދަނޑުވެރިކަމަށް ޚާއްޞަ ސަރަހައްދު ކަމަށެވެ.

އެރަށް ދަނޑުވެރިކަމަށް ތަރައްޤީކޮށް, ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބައެއް ވަނީ ކަނޑައަޅާފައެވެ. އެރަށަށް ދިޔައިރުވެސް 30 ދަނޑުބިން ވަނީ ދޫކޮށްފައެވެ. ދަނޑުވެރިކަމަށް ބިން ދޫކުރިޔަސް ޕިކްނިކް ދާ ފަރާތްތަކަށް އެއްވެސް އުނދަގުލެއް ނުވާވަރުގެ ބޮޑު ރަށެކެވެ.

މިރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީ ކުރީ ގެމަނަފުށީ ރައްޔިތުންގެ ތެރެއިން ބައެކެވެ. އެކަމަކު މިހާރު ރަށް ބަލަހައްޓަނީ ކައުންސިލުންނެވެ. ގެމަނަފުށްޓަކީވެސް ޕިކްނިކް އައިލެންޑެކެވެ. ޕިކްނިކް ދާނެ ސަރަހައްދުތައް ރަށުގައިވެސް ވަނީ ތަރައްޤީކޮށްފައެވެ. ރަށުން ފުރައިގެން ޑިންގީގައި ކުރާ ފަސް މިނިޓްގެ ދަތުރުން ދެން އޮތީ ރަށުގެ ރަސްމީ ‘[ޕިކްނިކް އައިލެންޑް’ އެވެ. ސަޅިއެވެ. ޖައްސާލާކަހަލައެވެ.

ގެމަނަފުށި ޕިކްނިކް އައިލެންޑްގެ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.