ދަތުރުފަތުރުގެ ނިޒާމުން ގުޅިލާމެހިގެންދާ ރާއްޖޭގައި އެއްރަށުން އަނެއް ރަށަށް ޒިޔާރަތްކޮށް ކޮފީއެއް ބޮއިގެން ގަޑި ދެތިން ގަޑިއިރެއްގެ ތެރޭގައި އެނބުރި ރަށަށް އާދެވުމީ އުފާވެރި އިހުސާސެކެވެ. ސަޅި ތަޖުރިބާއެކެވެ. ‘ދަތުރު’ ސެގްމަންޓްގައި މިފަދަ ތަޖުރިބާތަކާއި, އެފަދަ ފުރުޞަތުތައް ހުރިގޮތް ހިއްސާކޮށްލާނަމެވެ.
ގއ.ގެމަނަފުށްޓަށް ކުރި ދަތުރުގެ ތެރެއިން ކޮފީއެއް ބޯލަން މި ދަތުރުކުރަން ކައިރީގައި އޮތް ކޮނޑޭ އަށެވެ. ކުރިން މީހުން ދިރިއުޅުނު ދިޔަދޫ ފަޅުތެރެރޭގެ ހިތްގައިމުކަން ތަޖުރިބާކުރަމުން ކުޑަ ޑިންގީއެއްގައި ލޮނުގަނޑު ކަފަމުން ކުރި ދަތުރަށް ހޭދަވީ 10 މިނިޓެވެ. އެއީ 500 ރުފިޔާގެ ދަތުރެކެވެ. ނަމަވެސް އަހަރެންގެ އެދަތުރަށް ފައިސާއެއް ޚަރަދު ކުރާކަށް ނުޖެހުނެވެ. ދަތުރު ހަމަޖައްސަދިން ފަރާތަށް ޝުކުރިއްޔާއެވެ.
އެއަށްވުރެ ހެޔޮ އަގުގައި ދަތުރުކުރުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެއީ އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރުޓީއެލް) ގެ ނިޒާމެވެ. އެކަމަކު އޭރުން ހެނދުނު 6:30 ގައި ގެމަނަފުށިން ފުރަން ޖެހޭނެއެވެ. އަދި ހަވީރު 5:30 ވަންދެން ކޮނޑޭގައި މަޑުކުރަން ޖެހޭނެއެވެ. އެދަތުރުގެ އަގަކީ ކޮޅަކަށް 35 ރުފިޔާއެވެ.
އާބާދީ މަދު ކޮނޑޭއަކީ މިހާރު ކޮމިއުނިޓީ ޓޫރިޒަމް ފަށާ, ފަތުރުވެރިން ޒިޔާރަތްކުރާ ރަށެކެވެ. ކެފޭ ރެސްޓޯރަންޓްތައް އަދި ގިނަ ނޫނަސް ކޮފީއެއް ބޯލެވޭ ވަރުވެއެވެ. އަހަރެމެންގެ މިދަތުރުގައި ކޮފީއެއް ބޯލައިގެން, ރަށުތެރެ ބަލާލުމަށްފަހު ދެގަޑިއެއްހާއިރު ފަހުން އެނބުރި ގެމަނަފުށްޓަށް ދިޔައީއެވެ.
