ހަތަރު މެމްބަރުންގެ މިއާއިލާ ޢުމްރާގެ އަޅުކަމަށް މައްކާއަށް އައީ ރަމަޟާން މަހުގެ 17 ވަނަ ދުވަހު އެވެ. ގއ.ގެމަނަފުށީ މިއާއިލާގައި ހިމެނެނީ ދެމަފިރިންގެ އިތުރުން އެދެމަފިރިހެން ދެ ދަރިންނެވެ. އެއީ 14 އަހަރުގެ އަންހެން ކުއްޖަކާއި, 5 އަހަރުގެ ފިރިހެން ކުއްޖެކެވެ. މީގެތެރެއިން ފަސް އަހަރުގެ ފަސް އަހަރުގެ ޔުކްޝަފް ނައުޝަދު އަހުމަދު އަކީ މިރަމަޟާންމަހު ފަހު ފަނަރައަށް އަރަފާތު ހައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި މަތިވެރި އަޅުކަމަށް އައި އެންމެ ހަގު އުމްރާވެރިޔާއެވެ.
ޔުކްޝަފް ވަނީ ދެ އުމްރާ ފުރިހަމަކޮށް ތިންވަނަ ޢުމްރާ ފުރިހަމަ ކުރަން ތައްޔާރުވެފައެވެ. ޔުކްޝަފްގެ ޢުމްރާގެ އެންމެ މުހިއްމު ބައިވެރިއަކީ ބައްޕަ މުޙައްމަދު ނައުޝާދެވެ. ނައުޝާދަކީ ފުލުހެކެވެ. ޔުކްޝަފްގެ ޢުމްރާ ފުރިހަމަކުރަމުންދަނީ ބައްޕަ މުޙައްމަދު ނައުޝާދުގެ ކޮނޑުގައެވެ. އެވާހަކަ ފަސް އަހަރުގެ ޔުކްޝަފް ބުނަނީވެސް ފަޚުރުވެރިކަމާއެކުއެވެ.
ޢުމްރާ ކުރިން, ބައްޕަ ކޮނޑުމައްޗަށް އަރާފަ ކުރީ, ކައުބާގަ. ވަރަށް މީހުން ގިނަ, ވަރަށް އުފާވި.
ޔުކްޝަފްގެ ޢުމްރާ ތަޖުރިބާ ޔުކްޝަފްގެ ދުލުން ކިޔައިދިނީ ހަތަރު ވަރަކަށް ދުވަހު މަސައްކަތްކޮށްގެންނެވެ. ޢާއްމުކޮށް, ވަރަށް ވާހަކަދައްކާ, ރަހުމަތްތެރި ޔުކްޝަފް އުމްރާގެ ވާހަކަ ކިޔައިދޭން ދުވަސް ނެގި އެއް ސަބަބަކީ ވަރުބަލި ކަމާއި, ބޯ ތުނިކޮށް ކޮށަން ޖެހުމުން ‘މޫޑީ’ ވުމެވެ. ހަގީގަތުގައި ބޯތުނިކޮށް ކޮށަން ޔުކްޝަފް ބޭނުމެއް ނުވިއެވެ. ޚާއްޞަކޮށް ނިތްކުރިއާ ދިމާލުން ކޮށާލަން އެއްގޮތަކަށްވެސް ބޭނުން ނުވިއެވެ.
ބައްޕަގެ ކޮނޑުގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރަމުން ދިޔައިރު ބައެއް ފަހަރު ނިދިފައި, ބައެއް ފަހަރު ވަށައިގެން މާހައުލަށް ބަލަމުން ދިޔައެވެ. އަދި ބައެއް ފަހަރު އެހެން އުމްރާވެރީންނަށް ލުއި ހިނިތުންވުމެއްވެސް ދެމުން ދިޔައެވެ. ދެވަނަ ޢުމްރާ ފުރިހަމަ ކުރީ ހޫނު ގަދަ ދުވަހެއްގެ މެންދުރުއެވެ. ބައްޕަގެ ކޮނޑުގައި އޮތް ޔުކްޝަފްގެ މޫނު ޓިޝޫ އިން ފޮހެލައިދީ, ހޫނުން ރައްކާތެރިކަން ހޯދައިދިނުމަށް ކުޑަ ނަގައިދިނީ ގްރޫޕްގެ އެހެން އުމްރާވެރީންގެ ތެރެއިންނެވެ.

އުމްރާގެ އަޅުކަން އަދާކުރަމުންދިޔަ ދައްތައެއް އަތުގައި އޮތް ކުޑަ ދިއްކޮށްލީ ޔުކްޝަފްގެ ފަހަތުގައި ހުރި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަށެވެ. ވަރަށްގިނަ ވަގުތު ޔުކްޝަފް އަށް ހޫނުން ރައްކާތެރިކަން ހޯދައިދޭން ކުޑަ ހިފަހައްޓާލައިގެން ހުރީ މޭޔަރު ނިޒާރު އެވެ. އުމްރާގެ އަޅުކަމުގެ ތެރެއިން ޔުކްޝަފްގެ ހަރަކާތްތަކަށް ބަލާލުންވެސް ވެގެންދިޔައީ ހަގީގަތުގައިވެސް ހިތްހަމަ ޖެހުމަކަށެވެ.

ޔުކްޝަފް ވެގެންގޮސްފައިވަނީ ގްރޫޕްގެ އެހެން ޢުމްރާވެރީންނަށްވެސް ލިބުނު ހިތްހަމަޖެހުމަކަށެވެ. ޢުމްރާގެ އަޅުކަން އަދާކުރަމުން ދިޔައިރުވެސް އަދި އެހެން ދަތުރުތަކާއި, ހޮޓަލުގައި އުޅޭ ވަގުތުތަކުގައިވެސް ޔުކްޝަފްގެ ސަބަބުން ހަގީގަތުގައި އެހެން އުމްރާވެރީންގެ ހިތްތަކަށްވެސް އުފާވެރި އިހުސާސެއް ކުރެވޭކަން ފާހަގަކުރެވުނެވެ. ޑރ.އިލްޔާސް ހުސައިންވެސް ބައެއް ވަގުތުތަކުގައި ޔުކްޝަފްގެ އަތުގައި ހިފައިގެން އުޅުނު މަންޒަރާއި, ސަމާސާ ކުރަމުންދިޔަ މަންޒަރު ފެނުނެވެ. ތިންވަނަ އުމްރާއަށް ފަހު އީދު މައްކާގައި ހޭދަކޮށް, ޔުކްޝަފް ދަތުރުކުރާނީ މަދީނާއަށެވެ. އެއަށްފަހު ސްކޫލްގެ ކިޔެވުން ފެށުމުގެ ކުރިން އެނބުރި ރަށަށް ދާނެއެވެ. ޔުކްޝަފްގެ އުމްރާ ތަޖުރިބާ އޭނާގެ ޔޫކޭޖީ ކްލާސްމޭޓުންނާ ހިއްސާކުރާނެއެވެ.