މިއީ ދައުލަތުގެ ބަޖެޓަށް އެންމެ ގިނައިން ފައިސާ ވައްދާ ރަށްތަކުގެ ތެރެއިން ރަށެކެވެ. ލޯކަލް ޓޫރިޒަމްގައި ކުރީގައި އޮތް ރަށެވެ. ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކުރާ ރަށެކެވެ. އެކަމަކު ވިއްސާރަވެއްޖެ ނަމަ މަގުމަތީ ހިނގާލަން އުނދަގޫ ރަށެކެވެ. މިއީ އަރިއަތޮޅު އުތުރުބުރިން އުކުޅަހެވެ.
މިރަށު ކައުންސިލާއި, ރައްޔިތުންނަށްވެސް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރަށުގެ ތަރައްޤީއަށް ހުރި މުހިއްމު މަޝްރޫއުތައް ފެށިފައި ވުމެވެ. މަގު ހަދަން ވަނީ ފަށާފައެވެ. ބަނދަރު އަޕްގްރޭޑް ކުރަން ވަނީ ފަށާފައެވެ. ބިން ހިއްކުންވެސް ނިމުމަކާ ހަމައަށް ދިޔައެވެ. ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދަނީއެވެ. މިއީ މުޅިންވެސް މިދިޔަ ދައުރުގެ ތެރޭގައި ފެށި ނަމަވެސް ނުނިމު އެކި މަރުހަލާގައި ހުރި މަޝްރޫއުތަކެވެ. ދައުރު ނިމުމާ ހަމައަށްވެސް މަސައްކަތް ކުރިއަށް ދިޔަކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މިއާއެކު ދެން އޮތީ ކަންބޮޑުވުންތަކެވެ. ފެށި ނަމަވެސް މުހިއްމު ބައެއް މަޝްރޫއުތައް ހުއްޓިފައި ވުމެވެ. މަގު ހެދުމުގެ މަޝްރޫއު މިދައުރު ފެށުމާއެކު ހުއްޓިފައެވެ. ބަނދަރު އަޕްގްރޭޑް ކުރުންވެސް އެހާލަތެވެ. ބިންހިއްކުމުގެ މަސައްކަތްވެސް މިދިޔަ ދައުރު ނިމުނުއިރު މުޅިން ނުނިމި, މިދައުރު ފެށުމާއެކު މަސައްކަތް ހުއްޓުނީއެވެ. މިއީ ކައުންސިލުން ދެއްވި މައުލޫމާތެވެ.

ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ޢަބްދުالله ވަހީދު އިމާދު ވިދާޅުވީ މިދިޔަ ސަރުކާރު ނިމިގެންދިޔައިރު ވަރަށް މުހިއްމު ބޮޑަތި މަޝްރޫއުތަކެއް ވަނީ ފެށިފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ފާހަގަކުރެއްވީ އުކުޅަހު މަގު ހެދުމުގެ މަޝްރޫއެވެ. ވިދާޅުވީ އެއީ ރައްޔިތުން ވަރަށްބޮޑަށް ބޭނުންވެ, ޒަމާންވީ އުއްމީދެއް އޮތް މަޝްރޫއެއް ކަމަށެވެ. މިދިޔަ ސަރުކާރުގައި މަސައްކަތް ފަށާ ރައްޔިތުންނަށް ދިން އުއްމީދު މިދައުރުގައި ފަނޑުވުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ. އެކަމަކު މިހާރު އަނެއްކާވެސް އޮތީ އުއްމީދެވެ. މިއަހަރުގެ ނިޔަލަށް މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން ދޭތީއެވެ. އެމަސައްކަތް ބާރަށް ގެންދަން އުޅޭކަމުގެ ނިޝާންތައް ފެންނާތީއެވެ. މިރަށަކީ ކިރިޔާ ވިއްސާރަކޮޅެއް ވެހުނަސް ފެންބޮޑުވާ ރަށެކެވެ.
ފަތުރުވެރިން މާސްކް އަޅައިގެން މަގުމަތީގައި ފީނާ މަންޒަރުވެސް ފެނިފަ އެބަހުރި, ވަރަށްގިނަ ފަތުރުވެރިން ކަހާލައިގެން މަގުމައްޗަށް ވެއްޓިފަހުރި މަންޒރު ފެނިފައެބަހުރި. އުއްމީދުކުރަނީ މަގުތައް ހަދާ ނިމުމުން މިފަދަ މައްސަލަތައް ހައްލުވެ, ޓޫރިޒަމް އިންޑަސްޓްރީގައި ދިމާވެގެންއުޅޭ ދަތިތައް ހައްލުވެގެންދާނެ ކަމަށް.
އުކުޅަހަކީ ކުރިން މަސްވެރި އެކަމަކު ލޯކަލް ޓޫރިޒަމް ފުޅާވުމާއެކު އެންމެން އެދާއިރާއަށް މިސްރާބު ޖަހާފައިވާ ރަށެކެވެ. ކުރިން ރަށުގައި ހުރީ ބޮޑަތި މަސްދޯނިފަހަރެވެ. މިހާރު އެކްސްކާޝަންއަށް ދާ އުޅަނދު ތަކާއި, ފަރުމަސްވެރިކަމަށް ދާ އުޅަނދުތަކެވެ. އެފަދަ އުޅަނދުތައް ވަރަށް ގިނައެވެ. ބަނދަރު ވަނީ ތޮއްޖެހިފައެވެ. ރައްޔިތުންގެ އެދުމާއެއްގޮތަށް މިދިޔަ ސަރުކާރުގައި ބަނދަރުގެ އަޕްގްރޭޑިންގ މަޝްރޫއެއް ފެށިއެވެ. ބަނދަރު ފުން ކުރުމާއި, ބަނދަރު އެތެރޭގެ ޖެޓީތައް ހެދުމުގެ މަސައްކަތް ވަރަށްބޮޑު ކުރެވުނު ކަމަށް ސެކެޓްރީ ޖެނެރަލް ވިދާޅުވިއެވެ. އެހެންނަމަވެސް މުޅިން ނިންމާނުލެވެނީސް ސަރުކާރު ބަދަލުވެ, މަސައްކަތްވެސް ހުއްޓުނީއެވެ. މިރަށުގައި ފަތުރުވެރިކަމާ ގުޅިގެން ވަރަށްގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައްވެސް ކުރާތީ ބަނދަރުގެ ޖާގައިފެ ދަތިކަމުގެ ސަބަބުން ވަރަށްބޮޑަތި ދަތިތައް ކުރިމަތިވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ. އެއީ އެމަސައްކަތަށް ބޭނުންވާ މެޓީރިއަލްސް ކޮޅުވެއްޓިއާއި ބޮޑަތި އުޅަނދުތަކުގައި ގެނެސް ރަށަށް ކައިރިކޮށް ބާލާ ހެދުމުގައި ހުރި ދަތިތަކެވެ.
ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށް މިދިޔަ ދައުރުގައި ސަރުކާރުގައި އެދިގެން ބަނދަރުގެ ބޭރު ތޮށީގައި ދެ ޖެޓީ ހަދަން ހަމަޖެހި, އެއް ޖެޓީގެ މަސައްކަތް ނިންމާލެވުނު. މިމަޝްރޫއުގެ ތެރެއިން ބަނދަރުގެ ބޭރު ތޮށީގެ ބޭރަށް ކުޑަ ރަށެއް ލާންވެސް ހަމަޖެހި މިދިޔަ ދައުރުގައި މަސައްކަތް ފެށި. އެހެންނަމަވެސް ދައުރު ބަދަލުވެ, މަސައްކަތް ހުއްޓި ޖަމާކުރި ވެލިވެސް ވަނީ ގިރާލާފަ.
އެއްގަމު ތޮށީގެ ބޭރުގައި ތަރައްޤީ ކުރަން ނިންމި ރަށަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށް ތަރައްޤީކުރަން ނިންމާފަ އޮތް ރަށެއް ކަމަށް ކައުންސިލުން ވިދާޅުވިއެވެ. އެރަށް ތަރައްޤީ ކުރަން ވިސްނާފައި އޮތީ ފުޑް ކޯޓެއްގެ ގޮތަށް ކަމަށް އެސްޖީ ވިދާޅުވިއެވެ. މިވަގުތު މަސައްކަތްތައް ހުއްޓިފައި އޮތަސް އެމްޓީސީސީން ދޭ ޔަގީންކަމަކީ ކައުންސިލަށް އޮތް ހިތްހަމަޖެހުމެކެވެ.
އެމްޓީސީސީއާ ކުރެވުނު މަޝްވަރާތަކުން އެބޭފުޅުން އެބަބުނޭ ފަހަރަކު ކަމެއް ފަށާ ކުރިއަށްގެންގޮސްދެއްވާނެ ކަމަށް. އެހެންވީމަ އަޅުގަނޑުމެން މިތިބީ ވަރަށްބޮޑު އުއްމީދެއްގައި.
ހަގީގަތުގައި މިރަށަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުގެ ދަތިކަމެވެ. ދިރިއުޅުމުގެ ބޭނުމެއް ބިމެއް ދޫނުކުރެވި ތިރީހަކަށް އަހަރުވެދިޔައީއެވެ. އިޖުތިމާއީ މައްސަލަތަކުގެ މައިގަނޑު ސަބަބަކީ އެއްގެއެއްގެ ތެރޭގައި އެތައް ބަޔަކު ދިރިއުޅެންޖެހުންކަން ކައުންސިލަށް އިނގެއެވެ. އެކަމަށް ހައްލު ހޯދުމަށް މިދިޔަ ދައުރު ނިމެނިކޮށް, ބިންހިއްކުން ފަށާ, ދައުރު ނިމުން އިރު މުޅިން ނިންމާނުލެވި މަސައްކަތް މުޅިން ހުއްޓުމަކަށް އައީ މިދައުރު ފެށުމާއެކުއެވެ. ރިވެޓްމަންޓްގެ މަސައްކަތްވެސް މުޅިން ނުނިމި, މިހާރު އެތައް ގިރަމުން ދިއުމުގެ ކަންބޮޑުވުން ކައުންސިލުން ފާޅުކުރެއްވިއެވެ. މިއީވެސް އެމްޓީސީސީއާ ހަވާލުކޮސށްފައިވާ މަޝްރޫއެކެވެ. އެކަމަކު ލަސްތަކެއް ނުވެ އަލުން ފަށާ މަސައްކަތް ނިންމާލަދެއްވާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ދެއްވާތީ ކައުންސިލުން އޮތީ އުއްމީދެއްގައެވެ.

މި ރަށުގެ އާބާދިއަކީ 1200 ނަމަވެސް, ދިރިއުޅޭ އާބާދީ 2500 އަށްވުރެ މައްޗެވެ. މިރަށުގެ އާބާދީއާ އެއްވަރުގެ އަދަދަކަށް ފަތުރުވެރިންވެސް އުޅޭކަން ކައުންސިލުން ފާހަގަކުރައްވައެވެ. އެހެންކަމުން ރަށުގައި ރަނގަޅު ހޮސްޕިޓަލެއް ހުންނަންޖެހޭ ކަމަށް ކައުންސިލުން ގަބޫލުކުރެއެވެ. ރަށުގައި މިހާރު ހުރީ ކުރީގެ ހެލްތް ޕޯސްޓް އިމާރާތެއްގައި ހުރި ޞިއްޙީ މަރުކަޒެކެވެ. މިދިޔަ ސަރުކާރުން ސިއްހީމަރުކަޒު އަޕްގްރޭޑް ކުރަން ނިންމި ނިންމެވުން, ކައުންސިލްގެ މަޝްވަރާގެ މަތީން ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާ އަމަލީ މަސައްކަތް ފެށުމަކީ ރައްޔިތުންނަށް އޮތް ވަރަށްބޮޑު ހިތްހަމަޖެހުމެވެ.
އާސަރުކާރާއެކުވެސް އެމަސައްކަތް މެދުނުކެނޑި ކުރިއަށްދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. 30 އެނދުގެ އެހޮސްޕިޓަލަކީ އޮޕަރޭޝަން ތިއޭޓަރ ފިޔަވާ އެހެން ޚިދުމަތްތައް ލިބޭ ފެންވަރުގެ ޚިދުމަތެކެވެ. މިއަހަރުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމުގެ ޔަގީންކަން މަސައްކަތް ކުރާ ކުންފުނިން ދިނުމަކީވެސް ބޮޑު ހިތްހަމަޖެހުމެކެވެ.

ނުނިމި ގިނަ މަސައްކަތްތަކެއް ހުއްޓަސް މިދިޔަ ފަސް އަހަރުގެ ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ކައުންސިލުން ފާހަގަކުރައްވައެވެ. އެގޮތުން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރަނީ ބައިނަލްއަޤްވާމީ ކޮންފަރެންސްތައްވެސް ބޭއްވޭ ވަރުގެ ކޮންވެންޝަން ސެންޓަރެވެ. އެއީ ރަށު ކައުންސިލަށް އާމްދަނީ ވަންނަ ‘ބޮޑު’ ދޮރެކެވެ.
12 ކްލާސް ރޫމާއި, މަލްޓިޕާޕަސް ހޯލެއްގެ މަސައްކަތް ނިންމާ އުކުޅަހު ސްކޫލްގެ ޖާގައިގެ ދަތިކަން މުޅިން ހައްލުކޮށްދީފައިވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. ކުޅިވަރުގެ ދާއިރާއިން ބަލާއިރު ހޭންޑްބޯޅަ ކޯޓެއްގެ މަސައްކަތް ނިންމިއެވެ. ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށާ ނިމުމަކާ ހަމައަށް ގެންދިޔައެވެ. ޓާފް އަޅާ, ފެންސް ޖަހާ, ލައިޓްވެސް ހަރުކޮށް ދަނޑުގެ މަސައްކަތް މުޅިން ނިންމާ ހުޅުވީ މިދައުރުގެ ތެރޭގައެވެ.
ލިސްޓްކުރެވި އެކި މަރުހަލާގައި ހުރި މަޝްރޫއުތައް ނިމޭއިރު ހަމަޔަގީނުންވެސް މުޅިން ބަދަލުވެފައިވާ ތަރައްޤީގެ އުކުޅަހެއް ފެންނާނެއެވެ. ފުދުންތެރި މިރަށުގެ ރައްޔިތުން ތިބީ އެއުއްމީދުގައެވެ.