މިރަށުގެ ނަރުދަމާ އަޅާތާ 3 ދައުރު!

2685

މިއީ ދެކުނުގެ މައިގަނޑު އެއް ހަބެވެ. އަހަރަކު ތިންހާހެއްހާ މީހުން ޒިޔާރަޔް ކުރާ ރަށެވެ. އާބާދީގައި ދެހާހާ ކައިރީގައެވެ. އިޤްތިޞާދީގޮތުން ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ތަރައްޤީ ރަށެކެވެ. އެކަމަކު ތަރައްޤީގައި ކުރިއަށްދިއުމަށް ގޮންޖެހުން އިންތިހާއެވެ. އެންމެބޮޑު ގޮންޖެހުމަކީ ރަށުގެ ނަރުދަމާއެވެ. މިއީ ގއ.ގެމަނަފުށީގެ ވާހަކައެއެވެ.

ވިދިވިދިގެން ތިން ދައުރު ނިމިގެންދާއިރު އަދިވެސް ރައްޔިތުން އެކަމަކަށްޓަކައި އެންމެ ބޮޑަށް އެދިއެދި ތިބި ކަންތައް ނުވޭ. ނަރުދަމާ ނިމޭނެކަމުގެ އުއްމީދުގައި އެތައްބަޔަކު އެބަތިބި ގެއަށް ނުގޮސް ޖަންކްޝަން ނަހަދާ. އަނެއްބަޔަކު އެތިބެނީ ޖަންކްޝަން ފުރިގެން އަލުން ދެން ޖަންކްޝަނެއް ނަހަދާ އާ މާދަމާ ގުޅާނޭ, މާދަމާ ގުޅާނޭ ހިތާ. އެހެންވީމަ އެންމެ ބޮޑު ގޮންޖެހުމަކީ ރަނުދަމާ

ކައުންސިލް ރައީސް އިބްރާހީމް ނާޝިދު ވިދާޅުވީ އެރަށުގެ ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކުރީ ރައީސް ޔާމީނުގެ ދައުރުގައި ކަމަށެވެ. އެކަމަކު މިއަދާ ހަމައަށްވެސް އެކިވަރަށް މަސައްކަތްކޮށްވެސް ޚިދުމަތް ލިބޭ ހިސާބަށް ނުދާ ކަމަށެވެ. މިދިޔަ ދައުރު ނިމުނުއިރު މަސައްކަތުގެ ވަރަށްބޮޑުބައި (95 އިންސައްތަ) ނިމިފައި ވިޔަސް މިހާރު އެމަސައްކަތް ވަނީ މެދުކެނޑިފައެވެ.

ގއ.ގެމަނަފުށި: ފޮޓޯ-ޙަފްޞީ

ހަމައެކަނި ނަރުދަމާގެ މައްސަލައެއް ނޫނެވެ. މިހާރުވެސް އެއްގަމު ތޮށްޓަކާއެކު, ރީތި ބަނދަރެއް އޮތް މިރަށަށް ބަނދަރުގެ ޖާގައަކީވެސް ގޮންޖެހުމެކެވެ. ބަނދަރު މާބޮޑަށް ކުޑަވީއެވެ. މިއީ ބޮޑަތި މަސްދޯނި ފަހަރު ނިސްބަތުން ގިނަ ރަށެކެވެ. މަސްވެރި މިރަށުގައި މިދިޔަ ސަރުކާރުން މަސައްކަތުގެ ބޮޑުބައި ނިންމާ ނިމުމާ ގާތުގައި އޮތް އައިސްޕްލާންޓް މިސަރުކާރުން ފެބްރުއަރީ މަހު ވަނީ ހުޅުވާފައެވެ. އެއާއެކު ބަނދަރުގެ ބާރު އިތުރަށް ބޮޑުވެގެން ދިޔައީއެވެ. ދެކުނުގައި މަސްވެރިކަމަށް ނިކުމެ އުޅޭ ގިނަ އުޅަނދުތައް މަޑުކޮށްލާ މަންޒިލަކަށް ގެމަފުށި ވެއްޖެއެވެ. ހަމައެހެންމެ މާލެ ދަތުރުކުރާ ތިން ހަތަރު ބޯޓް ހަފްތާއަކު މިރަށު ބަނދަރަށް ވަދެއެވެ. ބަނދަރުގެ ޖާގަ އިތުރުކުރަން ކޮންމެހެންވެސް ބޭނުންވެއްޖެއެވެ.

ކާރޫބާރޫ ބޮޑު ބަނދަރެއް އޮންނަ ރަށެއް. މާލެ ދަތުރުކުރާ ބޯޓްވެސް ހަފްތާއަކު ތިން ހަތަރު ބޯޓް މިރަށަށް ވަންނާނެ. އަނެއްކާ މުދާ ދޯނި އެހާވަރަށް ވަދޭ. ބަނދަރުގެ ޖާގަ ކުޑަވުމުން މުޅި ރަށުގެ މަލަމަތި ހަޑިވެފަ މިއޮންނަނީ. ބޮޑު ދެތިން ދޯނި ފަޅަށް ވަދެއްޖިއްޔާ ޖެޓީގެ މެދަށްވެސް އެބަޖެހޭ ބައެއް އުޅަނދު ހުސްކުރަން. ބަނދަރާއި, ރަށްގިރުމާ ނަރުމަދަމާއާ މިއީ ހަމަ ވަރަށްބޮޑު މައްސަލައެއް އަޅުގަނޑުމެންނަށް ކުރިމަތިވެފައި އޮތް

ކައުންސިލް ރައީސް ގަބޫލުކުރައްވަނީ ނަރުދަމާގެ މައްސަލަ ހައްލުވެގެން ދިއުމާއެކު ބަނދަރުގެ ޖާގަ އިތުރުވެގެން ދިއުމަކީ ގެމަނަފުށްޓަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. ބަނދަރު ބޮޑުކުރުމާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަކީ ސޮއިކޮށް, މަސައްކަތް ނުފެށި އޮތް މަޝްރޫއެކެވެ.

މީގެއިތުރުން ގެމަނަފުށީގެ ތަރައްޤީއާއި, ޒަމާނީ ގެމަނަފުށްޓަކަށް މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން މުހިއްމެވެ. މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރިތާ ދެ އަހަރު ފާއިތުވެވެގެން ދިޔަނަމަވެސް އަމަލީ މަސައްކަތެއް ނުފެށެއެވެ. ޒަމާނީ ފެންވަރުގެ ރީތި މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކޮށް މަސައްކަތް ފެށި ނަމަވެސް އެމަސައްކަތްވެސް ހުއްޓިފައި ހުންނަތާ ދޮޅު އަހަރު ފާއިތުވެއްޖެއެވެ.

ކުނީގެ މައްސަލަވެސް ކުޑައެއް ނޫނެވެ. އެމައްސަލަ ބޮޑުވަނީ ކުނިމެނޭޖް ކުރެވޭނެ ގޮތެއް ނެތުމުންނެވެ. ކުނި މެނޭޖް ކުރާ މަރުކަޒެއްގެ މުހިއްމުކަން ބޮޑެވެ. ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމް ކުރުމަށް ސަރުކާރުގެ ކުންފުނިތަކާ މިސަރުކާރުން ހަވާލުކޮށްފައި ވުމީ އަވަސް ހައްލެއްގެ އުއްމިދެކެވެ.

މިދިޔަ ދައުރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރެވުނުކަންވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ފެން ޕްލާންޓާއި, ސްކޫލްގެ 10 ކްލާސް ރޫމް ހިމެނެއެވެ. ފެނަކަ އޮފީހުގެ އާއިމާރާތްވެސް ނިންމާ ދަނީ ބޭނުން ކުރަމުންނެވެ. ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް ވަނީ ބަދަލުކޮށްފައެވެ. ޞިއްހީމަރުކަޒުގެ އެޑްމިން އިމާރާތެއް ނިންމާ ބޭނުން ކުރަން ފެށީވެސް މިދިޔަ ދައުރުގެ ތެރޭގައެވެ.

ކުރެވުނު މަސައްކަތްތަކާއެކުވެސް ނަރުދަމާއާއި ބަނދަރުގެ ގޮންޖެހުން ބޮޑީއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.