ފެށީ ގަސްދޮށަށް ފައިބާ މޭވާގެ ބޭނުން ހިފަން, މިހާރު ވިޔަފާރިއެއް

4151

އއ.ތޮއްޑޫ, ހަނދުވަރީ ވިލާ ފާޠިމަތު އިބްރާހީމްގެ ޖޭމް ވިޔަފާރީގެ ފެށުމަކީ ގަސްދޮށަށް ވެއްޓިފައި ހުންނަ މޭވާގެ ބޭނުން ފައިދާކުރަނިވި ގޮތެއްގައި ކުރެވޭނެ ގޮތެއްގެ ވިސްނުންތަކެވެ. ތޮއްޑޫއަކީ ގިނަ އަދަދަކަށް މޭވާ ހައްދާ, މޭވާ ލިބޭ ރަށަކަށް ވުމާއި, ފާޠިމަތު އިބްރާހީމް އަކީ އެކިކަހަލަ ކާއެއްޗިހި ތައްޔާރުކޮށް, ތަފާތު ބާވައްތަކުގެ ރަހަތައް ތަޖުރިބާ ކުރަން ބޭނުންވާ މީހަކަށް ވުމަކީ މިއަދު “އަމިއްލަ ބްރޭންޑް” ގެ ޖޭމް ފުޅީގައި ބަންދުކޮށް ވިޔަފާރިއަށް ނެރުމުގެ މައިގަނޑު ސަބަބެވެ.

ހަގީގަތުގައި މިޖޭމް ތައްޔާރުކޮށް ރަހަ ހެޔޮވަރުކުރުމާއި ވިޔަފާރިއަކާ ގުޅުމެއް ނެތެވެ. އޭރު ވިޔަފާރީގެ ހިޔާލެއްވެސް ނެތެވެ. ވިއްސަކަށް އަހަރު ކުރީގެ ރަށްޓެއްސެއް ފެޝަންފުރުޓުން ޖޭމް އުފައްދާ ވާހަކަ ބުނެފައި އޮތުމުން އެހިޔާލު ސިކުނޑީގައި ދިޔައީ އެނބުރެމުންނެވެ. ނަތީޖާއަކީ އަހަރުތަކެއް ފަހުން ނަމަވެސް އަމިއްލައަށް އެތަޖުރިބާ ކުރަން ބޭނުންވުމެވެ. ފުރަތަމަ ފެށީ ޖުމްހޫރީ މޭވާއިންނެވެ. އެއީ އޭރު އެންމެ ގިނައިން ތޮއްޑޫން ލިބޭ އެއް މޭވާއެވެ.

ފާޠިމަތު އިބްރާހީމް ޖޭމް ފުޅިތަކުގައި ލޭބަލް ހަރުކުރަނީ

ބޭނުންވާ ތަކެތި އެކިވަރަށް މިނެކިރައިގެން ކައްކާ, އަސްލު ރަހަ އަންނަންދެން ތަޖުރިބާ ކުރިއެވެ. ޖޭމް ތައްޔާރުކޮށް ބަހައްޓައިގެން ކިހާ ދުވަހެއް ވަންދެން ހުރޭތޯ ބެލިއެވެ. އެރަހަ އާއިލާގެ މެމްބަރުންނަށް ދެއްކިއެވެ. މާލޭގައި ދިރިއުޅޭ އާއިލީ މެމްބަރުންނަށް ފޮނުވިއެވެ. އެންމެންވެސް ބުނީ ރަހަ ‘ބަރާބަރު’ ކަމަށެވެ. އެކަމަކު އެހިސާބުންވެސް ވިޔަފާރިއެއްގެ ވިސްނުމެއް ނެތެވެ.

ފާޠިމަތު އިބްރާހީމްގެ ޖޭމް ވިޔަފާރިއަކަށް ބަދަލުކޮށްލުމުގެ މޭސްތިރިއަކީ ރާއްޖޭގެ މަޝްހޫރު ދަނޑުވެރިޔާ ތޮއްޑޫ ގަމީރާއެވެ. ފާޠިމަތު އިބްރާހީމްގެ ކޮއްކޮއެވެ. ޖޭމްގެ ރަހަ ރަނގަޅުވުމުން ވިޔަފާރިއަކަށް ބަދަލުކުރުމުގެ ލަފާދީ, އެކަމުގައި އެހީވީ ގަމީރާއެވެ. އެހިސާބުން ވިޔަފާރިއަކަށް ބަދަލުކުރީއެވެ. ޖުމްހޫރީ މޭވާއަށްފަހު ފަޅޮލެވެ. އޭގެފަހުން ކަރައާއި އަނބެވެ. އަދި މިހާރު މިކްސްފުރުޓްވެސް އުފައްދަން ފަށައިފިއެވެ. ރަނގަޅަށް ލޭބަލްކޮށް, ފުޅީގައި ރަނގަޅަށް ބަންދުކުރަން ފަށައިފިއެވެ.

އެކަމަކު ފާޠިމަތު އިބްރާހީމްގެ ޖޭމް ވިޔަފާރި އަދިވެސް އޮތީ ތޮއްޑޫގެ އެތެރޭގެ ވިޔަފާރިއެއްގެ ގޮތުގައެވެ. ތޮއްޑޫގެ ގެސްޓްހައުސްތަކުން ފަތުރުވެރިންނަށް އެރަހަ ދައްކައެވެ. ތޮއްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގްބޫލްވެ, އެމީހުންނަކީވެސް ކަސްޓަމަރުންނަށް ވެއްޖެއެވެ. އެކަމަކު އަދިވެސް ރާއްޖޭގެ އެހެން ރަށްތަކާ ހަމައަށް ތޮއްޑޫގައި ހައްދާ ތާޒާ މޭވާއިން އުފައްދާ ޖޭމްގެ ރަހައެއް ނުދެއެވެ. މިހިސާބުން އޮތް ސުވާލަކީ ބޭރުން އެތެރެކުރާ ޖޭމްގެ ބަދަލުގައި ފާޠިމަތު އިބްރާހީމް އުފައްދާ ޖޭމް ބޭނުންކުރަންވީ ސަބަބެވެ. އެޖޭމް ރާއްޖޭގެ ރަށްތަކުގެ ފިހާތަކާ ހަމައަށް ގެންދަންވީ ކީއްވެތޯއެވެ.

މިޖޭމްގައި ނުހުންނާނެ އެއްވެސް ކެމިކަލްއެއް, ބަންދު ކުރުމުގައިވެސް ބޭނުންކޮށްފަ.ފްރެޝް ފުރުޓް މީގަ ހުންނާނީ, އެހެންވީމަ މިޖޭމް ވަރަށް ތާޒާވާނެއްނުން. އެހެންވީމަ މިޖޭމް ބޭނުން ކުރަންވީ.

މިހާރު ޢާއްމުކޮށް ޖޭމް އުފައްދަނީ ހަފްތާއަކު ތިން ދުވަހުއެވެ. ދުވާލަކު 150-200 އާ ދެމެދުގެ އަދަދަކަށް ފުޅި ތައްޔާރުކުރެއެވެ. އެވަރުން ތޮއްޑޫގެ މާކެޓަށް ފުދެއެވެ. އެކަމަކު އިތުރަށް ފުޅާކޮށް, ޕެކިންގވެސް މިހާރަށްވުރެ ރަނގަޅުކުރަން ފާޠިމަތު އިބްރާހީމް ބޭނުންވެއެވެ. އެކަމަށް އޮތް ގޮންޖެހުމަކީ މާކެޓެވެ. ތޮއްޑޫން ބޭރަށް އޭނާގެ ރަހަ ގެންދިއުމަށް އޮތް ހުރަސްތަކެވެ. އެއޮޅި ގިރާކުރެވިއްޖެނަމަ މިހާރަށްވުރެ މާފުޅާކޮށް ޖޭމް އުފައްދަން އޭނާ ހުރީ ތައްޔާރަށެވެ.

ތޮއްޑޫ ދަނޑުބިން ސަރަހައްދު: ފޮޓޯ-ޙަފްޞީ

ކުރިއާ ހިލާފަށް މިހާރު މޭވާ ލިބުމުގައިވެސް ދައްޗެވެ. ކުރިން ގަސްދޮށުން ލިބޭ މޭވާ މިހާރު ލިބެނީ ގަނެގެންނެވެ. އެކަމަކު އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކީ މާކެޓެވެ. ތޮއްޑޫން ބޭރުކުރެވޭނެ މަގެވެ. ރާއްޖޭގެ އުތުރާއި ދެކުނަށް އޭނާގެ ރަހަ ފޯރުކޮށްދިނުމެވެ.

ޖޭމް ފުޅިއެއްގެ އަގަކީ ކަރާ ފިޔަވާ އެހެން ބާވަތްތައް 90 ރުފިޔާއެވެ. ކަރާ 100 ރުފިޔާއެވެ. ތޮއްޑޫ ފައިން ބޭކަރީން މިޖޭމް ލިބޭނެއެވެ. ނަމްބަރަކީ 9921401 އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.