އެންމެ ދެކުނުގެ 4 އަތޮޅަށް!

346

ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅަށް ދަތުރުފެށީ ހުކުރު ދުވަހެއްގެ ހުކުރު ވަގުތުއެއެވެ. އެއީ މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލްކޮށްފައި އޮތް ވަގުތެވެ. ފްލައިޓް އުދުއްސާލާ ވަގުތަކަށް އޮތީ 12:30 އެވެ. އެކަމަކު ފްލައިޓަށް އުދުއްސާލެވުނީ 13:00 ގައެވެ.

14:10 ގައި ފްލައިޓް ޖެއްސީ ގދ.މާވަރުލު އެއަޕޯރޓްގައެވެ. އަހަރެމެންގެ ފުރަތަމަ މަންޒިލަކަށް އޮތީ ގއ.ގެމަނަފުށްޓެވެ. އެއީ ގެމަނަފުށްޓާ އެންމެ ގާތުގައި އޮތް އެއަރޕޯޓެވެ. އެއެއަރޕޯޓަށް ދަތުރުކުރުމަށް މޯލްޑިވިއަންގެ އެއްކޮޅު ޓިކެއްޓެއްގެ އަގަކީ 1574 ރުފިޔާއެވެ. ދެން އޮތީ އެއަޕޯރޓުން ގެމަނަފުށްޓަށް ދިއުމެވެ. އެކަމުގައި އޮންނަނީ ދެގޮތެކެވެ. ލޯންޗެއް ކުއްޔަށް ނެގުނު ނުވަތަ އާރުޓީއެލް ފެރީއަށް މަޑުކުރުމެވެ. ލޯންޗެއް ނަގާނަމަ ކުޑަ ލޯންޗެއްގެ އެއްކޮޅު އަގު ހުރީ 1200 ރުފިޔާފައެވެ. އާރުޓީއެލްގައި 50 ރުފިޔާއިން ދެވުނަސް ފެރީއަށް 3 ގަޑިއިރު މަޑުކޮށްލަން ޖެހެއެވެ. މަޑުކުރަން ބަލާއިރ އެފަދަ މާހައުލެއް ނެތެވެ. ކެފޭއަކަށް ނުވާ ކެފޭއެއް ހުއްޓެވެ. އެވަގުތުވެސް އެތަނުގައި ޚިދުމަޔްދޭނެ މީހަކު ނެތެވެ. ކޮފީއެއްގެ މިންވަރުވެސް ނުލިބުނެވެ.

ގެމަނަފުށިން އާރުޓީއެލް ފެރީއެއް ނިކުންނަނީ: ފޮޓޯ-ޙަފްޞީ

އަހަރެމެންގެ ދަތުރު އޮތީ ލޯންޗެއްގައި ދާގޮތަށެވެ. އާރުޓީއެލްގެ މަގުން ދަތުރުކުރާނަމަ އޮތް ހާލަތު ހިއްސާކޮށްލީއެވެ. 15 ވަރަކަށް މިނިޓްގެ ދަތުރަކުން ގެމަނަފުށީ ފަޅަށް ވެދެވުނެވެ. 3 ދުވަސް ގެމަނަފުށީގައި ހޭދަކުރުމަށްފަހު އަހަރެމެންގެ ދެން އޮތް މަންޒިލަކީ ފުވައްމުލަކަށް ދަތުރުކުރުމެވެ. އެސިޓީގެ ތުނޑީގައި ރައްޔިތުން އެކުވެ ބާއްވާ މާހިފުމުގައި ބައިވެރިވެލުމެވެ. އެކަން އޮތީ ފެބްރުއަރީ 26 އަދި 27 ވަނަ ދުވަހުއެވެ. ގެމަނަފުށިން ފުވައްމުލަކަށް ދެވެން އޮތީ ގދ.އަތޮޅަށް ހެނދުނު ގޮސް ހަވީރުވަންދެން މަޑުކޮށްގެންނެވެ. އަހަރެމެން އިހުތިޔާރުކުރީ ގދ.ވާދޫއެވެ.

ގއ.ގެމަނަފުށީ ބޭރު ތޮށީގައި ކުޑަކުދިންތަކެއް: ފޮޓޯ-ޙަފްޞީ

އެކަމަކު އަހަރެމެން ކަނޑައެޅި ތާރީޚުގައި ދަތުރުކުރެވޭ ގޮތެއް ނުވިއެވެ. އަހަރެމެން ފުރަން އޮތީ 25 ވަނަ ދުވަހުގެ ހެނދުނުވެ. ވާދޫ ފުވައްމުލައް ދަތުރު ކެންސަލްވިކަން އެންގީ 24 ވަނަ ދުވަހުގެ ރެއެވެ. އެހިސާބުން އަހަރެމެން ވާދޫ އަށް ދިއުމުގެ ބޭނުންވެސް ކެނޑިއްޖެއެވެ. ވާދޫ ދަތުރުގެ ޓިކެޓާއެކު ފުވައްމުލަކު ދަތުރުގެ ޓިކެޓެއް އެއްދުވަސް ފަސްކޮށް, ގެމަނަފުށީގައި މަޑުކުރީއެވެ. މާހިމުގެ ދެދުވަހުގެ ތެރެއިން އެއް ދުވަސް ގެއްލި, އެއް ދުވަސް ލިބޭނެ ކަމުގެ އުއްމީދުގައެވެ.

ޖެހިގެން އައި ދުވަހު ދަތުރުކުރެވުނެވެ. ހެނދުނު 6:20 ގައި ފުރައިގެން 8:10 އަށް ވާދޫއަށް ދެވުނެވެ. އިތުރު ތިން ރަށަކަށް ޖެއްސުމަށްފަހު ކުރި އެދަތުރުގެ އަގަކީ 125 ރުފިޔާއެވެ. ވާދުއަށް ދިއުމުގެ ކުރިން ފެރީ ޖެއްސީ ކަނޑުހުޅުދޫ އާއި މާވަރުލުގެ އިތުރުން ގައްދޫގައެވެ.

އަހަރެމެން ގދ.ވާދޫގައި

ވާދޫން ފުވައްމުލަކަށް އާރުޓީއެލް ފުރަން އޮތީ އެދުވަހު ހަވީރު 16:10 ގައެވެ. ދެވޭނެ ކަމަށް އޮތީ 18:05 ގައެވެ. އެދަތުރު ރޭވިފައި އޮންނަނީ ފަރެސްމާތޮޑާއަށް ޖައްސާފަ ދާގޮތަށެވެ. އެއީ 30 ހަކަށް މިނިޓް ދަތުރުން ގެއްލޭ ސަބަބެކެވެ. 250 ރުފިޔާގެ އެދަތުރުގައި އަހަރެމެންނަށް ފުވައްމުލަކަށް ދެވުނީ 18:30 ގައެވެ. ދަތުރު 30 ހަކަށް މިނިޓް ދިގުވީ އޮއިވަރު ހުރިގޮތުގެ ސަބަބުން ކަމަށް މައުލޫމާތު ލިބުނެވެ.

ދަތުރު އޮތީ އައްޑޫ ސިޓީއަށް ގޮސް, އެރޭ މާލެ ދާގޮތަށެވެ. އަމަކު މިފަހަރުވެސް އާރުޓީއެލްއިން ދިނީ ލަނޑެވެ. 27 ވަނަ ދުވަހުގެރޭ 23:43 ގައި ލިބުނު ނޮޓިފިކޭޝަން އަކީ ދަތުރު ކެންސަލް ވެއްޖެ ކަމަށެވެ. ޓެކްނިކަލް މައްސަލައެކެވެ. އެދުނީ ޓިކެޓްގެ ތާރީޚު އެހެން ދުވަހަކަށް ބަދަލުކުރަން ނުވަތަ ރިފަންޑަށް އެދުމަށެވެ. އޭގެ 30 ހަކަށް މިނިޓް ފަހުން މޮބައިލް ނަމްބަރަކުން ކުރި މެސެޖެއްގައި މަޢާފަށް އެދިފައި އޮތެވެ. އެކަމަކު 28 ވަނަ ދުވަހު މެންދުރު އިތުރު ދަތުރުއް އޮންނަކަމެއް ނުބުނެއެވެ. އެކަން ކުރިން އެނގިފައިވެސް ނެތެވެ.

ފުވައްމުލަކަށް ދެވުނީ 18:30 ގައި: ފޮޓޯ-ޙަފްޞީ

އާރުޓީއެލް ދަތުރުތަކުގެ ރޫޓާއި, ޝެޑިއުލް ވަރަށްބޮޑަށް ހިތުދަސް އެކުވެރި އަބްދުالله ޒިޔާއުގެ ފަރާތުން އެނގުނީ މެންދުރުވެސް ފުވައްމުލަކާ އައްޑޫ ސިޓީއާ ދެމެދު ދަތުރުކުރާ ކަމެވެ. ޝެޑިއުލް ބަލާލިއިރު ޖާގަ ލިބެއެވެ. ދެން އުއްމީދު ކުރީ މެންދުރު އައްޑޫ ސިޓިއަށް ދެވޭނެ ކަމަށެވެ. އެރޭ ގަމުން މާލެ ދިއުމަށް ނެގި ޓިކެޓްގައި ދަތުރުކުރެވޭނެ ކަމުގައި އުއްމީދުގައި ތިބީއެވެ. އެއީވެސް ހުކުރު ދުވަހެކެވެ.

މެންދުރު ފުވައްމުލަކުން އައްޑޫ ސިޓީއަށް ދަތުރު ކުރެވުނެވެ. ހުޅުމީދޫއަށް ޖެއްސުމަށްފަހު ކުރާ އެދަތުރުގައި އަހަރެމެންގެ މަންޒިލަކީ ފޭދޫއެވެ. އެއީ ދޮޅު ގަޑިއިރުގެ ދަތުރެއް ކަމަށް ޝެޑިއުލްގައި އޮތަސް އެދަތުރަށްވެސް އިތުރު 30 މިނިޓް ހޭދަވިއެވެ.

ގަމުން އެރޭ އުދުއްސާލާ މޯލްޑިވިއަންގެ ފްލައިޓް ޗެކިންގ ފަށަން އޮތީ 21:20 ގައެވެ. އެކަމަކު މިފަހަރުވެސް “ޑިލޭ” އެވެ. އެރޭ އެންގީ ޗެކިންގ ފަށާ ގަޑި 10:30 އަށް ބަދަލުވި ކަމެވެ. އެކަމަކު މިފަހަރު މަގްބޫލް ސަބަބެއް ދެއްކިއެވެ. ވިއްސާރައެވެ. ވިއްސާރައިގެ ސަބަބުން މާލެއިން އަންނަން އޮތް ފްލައިޓް ލަސްވީއެވެ.

ގަން އެއަޕޯރޓަށް އެގަޑިއަށްގޮސް ޗެކިންގ ނިންމިޔަސް ފްލައިޓަށް އެރުނު އިރު މެންދަމު 1:15 ވީއެވެ. މާލެ އާދެވުނު އިރު ދެގަޑި ބައިވެ ބޮޑުވެއްޖެއެވެ. ގަމާއި މާލެއާ ދެމެދު އޮތީ 1687 ރުފިޔާގެ ބަރު ދަތުރެކެވެ. ދަތުރުފަތުރުގެ ހާލަތާއި އަގުން މައުލޫމާތެއް ހިއްސާކޮށްލީއެވެ.

ދަތުރާ ގުޅޭ ވީޑިއޯ
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.