މިސްކިތާއި, ހޯލެވެ. ބެލެނިވެރިންގެ ހިޔާއާއި, ކުޅިވަރު ވަޞީލަތްތަކެވެ. މިސްކިތްތައް ބެލެހެއްޓުމާއި, ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމެވެ. މިއީ ރަށެއްގެ ކައުންސިލްގެ މަސައްކަތްތަކުގެ މިންވަރެކެވެ. މިއީ ގއ.ގެމަނަފުށި ކައުންސިލުން ރަށުގެ ތަރައްޤީއަށް ކޮށްފައިވާ މަސައްކަތްތަކާއި, ކުރަމުންދާ މަސައްކަތްތަކުގެ ލިސްޓުގެ ހުލާސާއެކެވެ. ދެން އޮތީ ތަފްސީލެވެ.
ކައުންސިލްގެ ރައީސް އިބްރާހީމް ނާޝިދު ވާހަކަ ފެއްޓެވީ ޒުވާނުންނާ ހަމައިންނެވެ. ވިދާޅުވީ ޒުވާނުންގެ ކަންކަމަށް, ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ހިނގަމުންދާ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވި މަސައްކަތްތަކުގެ ތެރޭގައި ވީރާނާވެފައިވާ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް ބޮޑު އިސްކަމެއް ދެއްވި ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ޒަމާނީ ފެންވަރުގެ ދެ ވޮލީކޯޓް ގެމަނަފުށީގައި އެބައޮތެވެ. އެއް ކޯޓަކީ ކުޅިވަރާބެހޭ މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން ތަރައްޤީކުރި ކޯޓެކެވެ.

ދެވަނަ ކޯޓަކީ ކައުންސިލް ބަޖެޓުން ޚަރަދުކޮށް ހަދާ ނިންމާފައިވާ ކޯޓެވެ. އެއް ކޯޓްގައި މިހާރު ކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ. ވިއްސަކަށް ދުވަހުގެ ތެރޭގައި އެކޯޓްގައި ކުޅެން ފެށޭނެކަމުގެ ޔަގީންކަން ކައުންސިލް ރައީސް ދެއްވިއެވެ. ޓާފް އެޅި ތިންވަނަ ކޯޓެއް އަންހެނުންނަށް ޚާއްޞަކޮށް މިއަހަރު ނިމުމުގެ ކުރިން ޤާއިމް ކޮށްދެއްވާނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އަންހެނުންނަށް ޚާއްޞަކޮށް ހޭންޑްބޯޅަ ކޯޓެއް ތަރައްޤީ ކުރުންވެސް ކުރިއަށް އެބައޮތެވެ.
ކުޅިވަރު ކަންތައްތަކަކީ މިކައުންސިލުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޒުވާނުން ނެތްތަނެއްގައި ކުރިއެރުމެއް ނޯންނާނެ
ކުޅިވަރަށް އިސްކަން ދިނުމުގެ މާނައަކީ ދީނީ ކަންކަމަށް ސަމާލުކަން ނުދިނުމެއް ނޫނެވެ. އޭގެ ހެއްކަކީ ކުރިއަށް އޮތް ރަމަޟާން މަހު ނަމާދުކުރަން ފަށާ ވަގުތީ އެކަމަކު ދާއިމީ މިސްކިތެވެ. އަމިއްލަ ފަރާތަކާ ގުޅިގެން ކައުންސިލުން ބިނާކުރި މިސްކިތް މިހާރު ވަނީ ހުޅުވަން ތައްޔާރުވެފައެވެ. ނަމުން ވަގުތީ އެކަމަކު ހަގީގަތުގައިވެސް އެއީ ދާއިމީ ރީތި ކުޑަ މިސްކިތެކެވެ. މިދިޔަ ސަރުކާރުން ރަށުގައި އިމާރާތް ކުރަން ފެށި މިސްކިތުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދޮޅުއަހަރެއްހާ ދުވަސް ވުމުން, ވަގުތީ ގޮތުން ހައްލެއް ހޯދަން ބިނާކުރި މިސްކިތުގައި ވަގުތީ މިސްކިތެއްގެ އެއްވެސް ޝަރުތެއް ހަމައެއް ނުވެއެވެ.
ވަގުތީ ކިޔަސް އެމިސްކިތަކީ ހަމަޔަގީނުންވެސް އެމިސްކިތް ފެންނަ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ އެއީ ވަގުތީ މިސްކިތެއް ނޫންކަން, ހަމަ ރީތި ކުޑަ މިސްކިތެއް ގާއިމްކޮށްފަ ހުންނާނެ
ރަށުގެ މިސްކިތްތަކުގައި ނެވިލޯން އަޅައިދީ, އޭސީ ހަރުކޮށްދިނީވެސް ކައުންސިލުންނެވެ. އެއް މިސްކިތެއްގައި ދެ ފާޚާނާވެސް ހިމެނޭ ގޮތަށް ޒަމާނީ ފެންވަރުގެ ވުޟޫކުރާ އިސްކުރުބަރިއެއްވެސް ކައުންސިލުން ވަނީ ހަދައިދީފައެވެ. މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ކައުންސިލުން ދަނީ ކުރަމުންނެވެ.

ގެމަނަފުށްޓަކީ ތަފާތު މުނާސަބާތައް ފާހަގަކުރާ, ގިނަ ބަޔަކު އަރާ ރަށެކެވެ. އެކަމަކު ރަށުގައި ހޯލެއް ނެތުމުގެ ކަންބޮޑުވުން ބޮޑެވެ. ސްކޫލްގައިވެސް ހޯލެއް ނެތުމުގެ ކަންބޮޑުވުން ކައުންސިލް ރައީސް ފާޅުކުރެއްވިއެވެ. ވިދާޅުވީ ގެމަނަފުށި ސްކޫލްގެ މަލްޓިޕާޕަސް ހޯލް ބަޖެޓްކުރާތާ ފަސް ވަރަކަށް އަހަރުވީ ކަމަށެވެ. މިއަހަރުވެސް ބަޖެޓްގައި އޮތްނަމަވެސް އެކަމަކު އަމަލީ މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

އެހެންކަމުން އެކަމުގެ ހައްލަކަށް ފެނުނީ ކައުންސިލް ރަށުގައި ރަނގަޅު ހޯލެއް އަޅައިދިނުމެވެ. އެއީ ޒުވާނުންނަށްވެސް އެފަދަ ހޯލެއްގެ މުހިއްމުކަން ބޮޑުވުމުންނެވެ. ގެމަނަފުށި ޕްރީސްކޫލް ގޯތިތެރޭގައި 700 މީހުންގެ ޖާގައިގެ ހޯލެއްގެ މަސައްކަތް ފަށާ މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ.
އުއްމީދުކުރަނީ ކުރިއަށް އޮތް ދެތިންމަސް ތެރޭގައި އެއްކޮށް ހަމަ ނިންމާލެވޭނެ ކަމަށް. އޭގެކުރިންވެސް މަސައްކަތް ނިންމާލެވިދާނެ
ކައުންސިލުން ތައުލީމީ ދާއިރާވެސް ދުލެއް ނުކުރެއެވެ. ބެލެނިވެރިންގެ ހިޔާ ހެއްކަކަށް ފުދެއެވެ. ރަށަކުން ފެންނާނެ އެންމެ ރީތި ބެލެނިވެރިންގެ ހިޔާތަކުގެ ތެރޭގައި ގެމަނަފުށި ބެލެނިވެރިންގެ ހިޔާ ނުހިމެނު ނުދާނެއެވެ.

ގެމަނަފުށްޓަކީ ހިތްފަސޭހަ މައިދާންތަކާއި, މޫދު އެރޭނެ ސަރަހައްދުތައް ތަރައްޤީ ކުރުމަށް އިސްކަންދޭ ރަށްޔިތެއް ދިރިއުޅޭ ރަށެކެވެ. އެގޮތުން ރައްޔިތުންގެ ތެރެއިން ތަރައްޤީ ކުރި ދެ ސަރަހައްދެއް ކައުންސިލުން ދަނީ ބަލަހައްޓަމުންނެވެ. އަދި ސަންރައިޒް ބީޗްގެ ނަމުގައި އިތުރު ހިތްގައިމު ރީތި ބީޗް ސަރަހައްދެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ގެމަނަފުށީގެ އިހުތިސާސްގެ ތެރޭގައި އޮތް ފަޅު ރަށެއް ޕިކްނިކް އައިލެންޑްގެ ގޮތުގައިވެސް ވަނީ ތަރައްޤީކޮށްފައެވެ.

ރަށުގެ މަގުތައް ލެވެލްކޮށް ރައްޔިތުންނަށް އުނދަގޫ ނުވާނެ މިންވަރަށް ބަލަހައްޓުމުގެ މަސައްކަތްވެސް ކުރަނީ ކައުންސިލުންނެވެ. އެއާއެކު ރަށުގެ ވަށާ މަގުގެ ބޮޑުބައެއް ރީތިކޮށް ބޭނުންކުރެވޭ ހާލަތަށް ގެނެސް ބަލަހައްޓަމުން ދެއެވެ. ގެމަނަފުށީގެ މަގުބައްތި ތަކަކީވެސް ރަށު ކައުންސިލްގެ މަސައްކަތްތަކުގެ ތެރެއިން މުހިއްމު މަސައްކަތްތަކެވެ. އޭގެތެތޭގައި ބަނދަރު ބައްތިތައްވެސް ހިމެނެއެވެ.
ގެމަނަފުށި ކައުންސިލްގެ މަސައްކަތްތަކުގެ ލިސްޓުން ބުނެދެނީ ކައުންސިލަކަށް އެރަށެއްގެ ރައްޔިތުންނަށްޓަކައި, ރަށަށްޓަކައި ލައްކަ ގިނަ މަސައްކަތްތައް ކުރެވޭނެ ކަމެވެ. ކުރެވޭނެ މަގުތައް ހޯދޭނެ ކަމެވެ. އުނދަގޫތަކާއި ގޮންޖެހުންތަކުގެ ތެރެއިންވެސް ނަތީޖާއެއް ނެރެވޭނެ ކަމެވެ.