އާރުޓީއެލް އަށް އިތުބާރު ކުރަންތަ!

837

ރާއްޖެ ޓްރާންސްޕޯރޓް ލިންކުން ރާއްޖޭގެ އެއް ރަށް އަނެއް ރަށާ ގުޅާލުމަކީ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު އެއް ފަސޭހައެވެ. އެންމެ ބޮޑު އެއް ބަދަލެވެ. އެންމެ ގިނަ ބަޔަކު ބަލައިގަންނަ އެއް ޚިދުމަތެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ހޯދާ ޚިދުމަތެވެ. ފަސްހާހުން ކުރި ޚަރަދު 100 އިން ދަށަށް ދަށްކޮށްލި އަސާސީ ޚިދުމަތެކެވެ.

މިޚިދުމަތަށް ރައްޔިތުން އިންތިހާއަށް ބަރޯސާވިއެވެ. އަހަރެންވެސް ހިމެނޭ ގޮތަށެވެ. 2024 ވަނަ އަހަރު ބޮޑު ތިލަދުންމަތިން އެޚިދުމަތުގައި އަހަރެން ކުރީ އިތުބާރު އޮތް ތަޖުރިބާއެކެވެ. ދެ ދުވަހެއްގެ މަތީން އެތަޖުރިބާ ކުރީމެވެ. މުޅިންވެސް އޮތީ ޚިދުމަތަށް ތައުރީފެވެ.

މިއަދު, 2025 ވަނަ އަހަރު ރާއްޖޭގެ ދެކުނުން ކުރަން މިޖެހުނީ މުޅިން އިދިކޮޅު ތަޖުރިބާއެކެވެ. މޯލްޑިވިއަންގައި މާވަރުލަށް އައިސް, ކުޑަ ލޯންޗެއްގައި ގެމަނަފުށްޓަށް އައީ ހުވަދު އަތޮޅާއި, ފުވައްމުލައް އަދި އައްޑޫ ސިޓީގެ ގުޅާލެވިފައިވާ އާރުޓީއެލްގެ ޚިދުމަތް ތަޖުރިބާކުރުމަށް ތައްޔާރުވެ, އެޚިދުމަތަށް ހަގީގަތުގައިވެސް ބަރޯސާ ވެގެންނެވެ.

ފުވައްމުލަކު ތުނޑީގައި އެސިޓީގެ ރައްޔިތުން ބާއްވާ މާހެފުމުގައި ބައިވެރިވެ, އެއުފާވެރި މަންޒަރުތައް ރެކޯޑް ކޮށްލުމަކީ އެއް ބޭނުމެވެ. ދެވަނަ ބޭނުމަކީ ފެނުމުން މަހުރޫމްވެފައިވާ އެކުވެރި އަބްދުالله ޒިޔާއުއާއެކު އޭނާގެ ސިޓީ އައްޑޫ އަށް ދިއުމެވެ. އޭނާ އައްޑޫއަށް ގެންގޮސް ދިނުމަށްފަހު އެނބުރި މާލެ އައުމެވެ. ހުވަދު އަތޮޅު ދަތުރު ފެށީ ބ.އަތޮޅަށްވެސް ޒިޔާ ގޮވައިގެން ދަތުރެއް ކޮށްފައި ކަމުން, ހުވަދޫ ދަތުރުގައިވެސް ބައިވެރިކުރަން ބޭނުންވުމާވެސް އެކުއެވެ.

ގެމަނަފުށްޓަށް އައި އާރުޓީއެލްގެ ޓިކެޓް ނެގީ ވާދޫ މަގުން ފުވައްމުލަކަށް, އަދި އެތަނުގައި އެއް ރޭ މަޑުކޮށް, އައްޑޫ ސިޓީއަށް ދިއުމަށެވެ. ފެބްރުއަރީ 26 ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ބޮޑު މާހެފުން އޮންނާތީ 25 ވަނަ ދުވަހު އެސީޓިއަށް އެރުމަށް, އެދުވަހު ހެނދުނު 6:20 ގައި ވާދޫ އަށް ދިއުމަށް ޓިކެޓް ނެގީމެވެ. އަދި ވާދޫގައި އެދުވަސް މަޑުކޮށް, ހަވީރު 4:10 ގައި ވާދޫން ފުވައްމުލަކަށް ދަތުރުކުރަން ޓިކެޓް ނަގައިގެން ތިބީ ޔަގީންކަމާއެކުއެވެ.

އާރުޓީއެލްގެ ގޯސް ތަޖުރިބާ

އެކަމަކު މުޅި އިތުބާރު ގެއްލިގެން ދިޔައީ 24 ވަނަ ދުވަހުގެރޭ 7:29 ގައި ލިބުނު ފޯނު ކޯލުންނެވެ. ވާދޫ ފުވައްމުލައް ފެރީ ކެންސަލްވީއެވެ. ޓެކްނިކަލް މައްސަލައެކެވެ. އެދުނީ ޓިކެޓް ބަދަލުކޮށްލުމަށް ނުވަތަ ރިފަންޑަށް އެދުމަށެވެ. 27 ވަނަ ދުވަހުގެ ދަތުރު ޝެޑިއުލްގައި އޮތަސް ޔަގީންކުރަން 25 ވަނަ ދުވަހު މެންދުރު ފަހު ގުޅާލުމަށް އެދުނެވެ.

ހަގީގަތުގައި ކެންސަލްވީ ދެ ދަތުރެވެ. ވާދޫއަށް ދިއުމުގެ ބޭނުން ކެނޑުނީއެވެ. ދަތުރު ޕްލޭން އެއްކޮށް ‘ފްލޮޕް’ ވީއެވެ. މިއީ އާރުޓީއެލް ފެރީގައި ހަތަރު އެއަޕޯރޓަށް ދެވޭގޮތަށް އޮތް ސަރަހައްދެކެވެ. އެކަމަކު އެއިން އެއަޕޯރޓަކުން އައްޑޫ ސިޓީއަށް އަދި ފުވައްމުލަކަށް ކަނެޝަން ފްލެޓައިވެސް ލިބޭކަށް ނެތެވެ.  ދަތުރުފަތުރުގެ ނިޒާމާ މެދު ކުރަންވީ ކޮން އިތުބާރެއްތޯ އެވެ.

އޭގެފަހުން ދެން ދިމާވި ގޮތުން އިތުބާރުގެ މައްޗަށް އިތުބާރު ގެއްލުނެވެ. 24 ވަނަ ދުވަހުގެރޭ 11:30 ގައި އެޕްލިކޭޝަނުން ބެލިއިރު ވާދޫ ފުވައްމުލަކަށް ދަތުރު އޮވެއެވެ. ބާކީ އޮތީ 3 ޖާގައެވެ. ހުސްކޮށް އޮތް ސީޓާއި, ފުލްކޮށް ހުރި ސީޓްތައްވެސް ފެނެއެވެ. ތިން ޖާގައިން 1 ޖާގަ ވަގުތުން ނެގީއެވެ. ފެރީ ޖާގަ ވަގުތުން 2 އަށް ބަދަލުވިއެވެ.

އެކަމަކު ކަން ދިމާވި ގޮތުން އިތުރަށް އޮޅުން ފިލުވަން 24 ގަޑިއިރު ޚިދުމަތްދޭ ނަމްބަރު 1650 އަށް ގުޅާ ސުވާލުކުރީމެވެ. ގެއްލުވާލީ އަނެއްކާވެސް އިތުބާރެވެ. ޔަގީންކަމާއެކު ވިދާޅުވީ ދަތުރު ނޯންނާނެ ކަމަށެވެ. އެޕުން ދަތުރު އޮތްކަމަށް ދެއްކިޔަސް ދަތުރު ނޯންނާނެ ކަމަށެވެ. އެޕުން ދަތުރު އޮތްކަމަށް ދައްކާ ސަބަބު ބުނެއެއް ނުދެވުނެވެ. ވިދާޅުވީ “ތިޔަ ޝަކުވާ ޙިއްސާ ކުރާނަން” ކަމަށެވެ.

މި މަގުން ޒިޔާ ގޮވައިގެން އޭނާގެ ރަށަށް ދެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އޭނާ ގޮވައިގެން އެނބުރި މާލެ ގޮސް, މާލެއިން އައްޑޫ ސިޓީއަށް ފޮނުވަން  ޖެހުން ގާތެވެ. އިތުރު ފްލައިޓް ޓިކެޓެއް ނަގަން ޖެހުމުގެ ފުރުޞަތު ބޮޑެވެ. ފުވައްމުލަކު ތުނޑީގައި މާހަފާލެވޭނެކަމާ މެދު ޝައްކެވެ. އެކަން އޮތީ 26 އަދި 27 ވަނަ ދުވަހު އެވެ. 26 ވަނަ ދުވަހުގެ ފެރީ ކެންސަލް ވެއްޖެ ނަމަ އެކަންވެސް ނުވީއެވެ. ރިފަންޑަށް އެދުމަށްފަހު, އެނބުރި މާލެ ދާންވީއެވެ. އެދެމެދުގެ ކޮންމެ ޚަރަދަކާއި, ކަމެއްގައި އަމިއްލައަށް ގޮތެއް ހޯދަންވީއެވެ. އިތުރު ތަފްސީލް ވީޑިއޯއިން ބަލާލާށެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.