ބަރަކާތްތެރި ރަމަޟާންމަހަކީ الله ސުބުހާނަހޫ ވަޠަޢާލާ އެތައްގޮތަކުން މާތްކުރައްވާ އަޅުގަނޑުމެންނަށް ހެޔޮކަންތައްތައް ކުރުމަށްޓަކައި ލައްވަވާފައިވާ ހެޔޮކަމުގެ މޫސުމެކެވެ. މިފަދަ ހެޔޮކަމުގެ މޫސުމެއް އަޅުގަނޑުމެންނަށް ކުރިމަތިވީތީވެ الله އަށް ހަމްދާއި ޝުކުރުކުރަން ޖެހެއެވެ. އެއަށްފަހު އެމައްސަރަށް އިސްތިޤްބާލުކުރުމުގެ ގޮތުން އަޅުގަނޑުމެން ކޮންމެ މުސްލިމަކު ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ފާގަތަކުން ތައުބާވުމެވެ. ސަބަބަކީ އަޅާ ހެޔޮކަންތައްތަކުން މަހުރޫމްވުމަށްވުރެ ބޮޑު މުސީބާތެއް އަޅާއަށް ކުރިމަތިނުވާތީ އެވެ.
އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ މިފަދަ ހެޔޮކަމުގެ މޫސުމެއް ލިބުނީތީވެ الله އަށް ހަމްދާއި ޝުކުރުކުރުމާއެކުގައި ފާފަތަކުން ތައުބާވެ اللهގެ ހަޟްރަތަށް އެނބުރި ރުޖޫޢަވުމެވެ. ތައުބާވުމުގެ މާނައަކީ ކުރެވުނު ކުށެއް ދޫކޮށް, އެކަމަށް ހިތާމަކޮށް ދުވަހަކުވެސް ތިމަނާގެ ހަޔާތުގައި ބާކީއޮތްތަނުގައި އެފަދަ ކުށެއް ނުކުރާނެ ކަމަށް އަޒުމްކަނޑައެޅުމެވެ.
އެހާދީލަތިވަންތަ ރަހީމްވަންތަ އިލާހު އަޅުގަނޑުމެންނަށް މިހެޔޮކަމުގެ މޫސުން ދެއްވީމަ އެކަމަށް އަޅުގަނޑުމެން ފުރަގަސްދީފިނަމަ އަޅުގަނޑުމެންނަކީ ހަގީގަތުގައިވެސް އަބާއްޖަވެރިންނެވެ.
الله އަޅުގަނޑުމެން އެންމެންނަށްވެސް މިމައްސަރުގައި ހެޔޮކަންތައް ކުރުމަށްޓަކައި ތައުބާވެ, އިސްލާހުވެ, ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ, ރޯދަހިފާ ޤުރުއާން ކިޔެވުމުގެ ހެޔޮތައުފީޤު މިންވަރުކޮށްދެއްވާށިއެވެ. އާމީން
