2024 ވަނަ އަހަރު ނިމުނުއިރު އަބްދުالله ޒިޔާއު އަށް ހާސިލްނުވެ އޮތް އެއް އުއްމީދަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރުމެވެ. މިދިޔަ އަހަރު އެކަން ހާސިލްވާނެ ކަމަށް އުއްމީދު ކުރިޔަސް, އެކަން ހާސިލްނުވެ އަހަރު ނިމުމުން 2025 ވަނަ އަހަރަށް އޭނާ ކަނޑައެޅި އެއް އަމާޒަކީވެސް ހުރިހާ އަތޮޅަކަށް ޒިޔާރަތްކޮށް ނިންމުމެވެ.
މިދިޔަ އަހަރު ނިމުނުއިރު އޭނާއަށް ޒިޔާރަތް ނުކުރެވޭ ހަމައެކަނި އަތޮޅަކީ ބ.އަތޮޅެވެ. އުފަންރަށް އައްޑޫ ސިޓީގެ މަރަދޫގައި ދިރިއުޅޭ ޒިޔާ 2025 ވަނަ އަހަރު މާލެއަށް ކުރި ފުރަތަމަ ދަތުރުގައި މި ފެބްރުއަރީ މަހު 12 ވަނަ ދުވަހު އައިއިރުވެސް އޮތް އުއްމީދަކީ އެކަން ހާސިލް ކުރުމެވެ. މިފަހަރު އޭނާގެ އުއްމީދު ހާސިލްވީ އެވެ.
އެޓޯލް ކިޔުޓް ކިންގް ގައި އެއްގަޑި ސާޅީސް މިނިޓްގެ ދަތުރެއްކޮށް އެއުއްމީދު ފުރިހަމަކުރީ އަތޮޅުގެ އެންމެ ހިތްގައިމު ރަށްތަކުގެ ތެރެއިން ބ.ގޮއިދޫއަށް ޒިޔާރަތްކޮށްގެންނެވެ. ގޮއިދޫ ވެގެންދިޔައީ ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް ޒިޔާރަތްކޮށްލަން ރަނގަޅު ރަށަކަށެވެ. ކެފޭތަކުގެ ބޭރުގައި މަގުމަތީގައި ކޮފީ ބުއިމާއި ސައިބުއިން ޒިޔާއަށްވީ ވަރަށް ސަޅި ކަމަކަށެވެ. ރަށްފުށުގެ އުފާވެރި އިހުސާސްކުރިވި ކަމަކަށެވެ.

ބަނދަރު ސަރަހައްދުގައި އެލުވާފައި ހުރި އުނދޯލިތަކުގައި ފިނިކޮށްލަން ތިބި އިސްރަށްވެހީންގެ ފަރާތުން އިހުސާސް ކުރެވުނު ގާތްކަމާއި, ގޭދޮރު މަތީގައި ކަނަމަދުފަޅަން ތިބި ދައްތަ މެންނާއި, މަގުމަތީގައި ޖޯލިފަތި ބަހައްޓައިގެން ފިޔާކޮށަން ތިބި ދައްތައިންގެ ފަރާތުންވެސް ފެނުނީ ގާތްކަމެވެ. އިހުތިރާމެވެ. މިއީ ތާރީޚީ ދަތުރުގެ ޚާއްޞަކަން ބޮޑުވެގެންދިޔަ ވަރަށް ބޮޑު ސަބަބަކަށެވެ.
ކުޑަކުދިން މަގުމަތީގައި ކުޅެ, ދުވެ, ބައިސްކަލް ދުއްވާ އަޑުންވެސް ހިތަށް އުފާވެރިކަން އިހުސާސްކުރުވާކަން ޒިޔާ ފާހަގަކުރިއެވެ. ދަތުރުކުރުމަށް އިންތިހާއަށް ޝައުގުވެރިވާ ޒިޔާގެ ހިތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމުގެ ޝައުގު ބޮޑުވި ސަބަބަކަށްވެސް މިދަތުރުގެ ތަޖުރިބާ ވެއްޖެއެވެ.
ދަރިން ގޮވައިގެން ސައިކަލް ދުއްވާލަން ނިކުމެ އުޅުނު މަންމައިންނާއި ބައްޕައިންގެ އުފާވެރި އިހުސާސް ޒިޔާއަށްވެސް ކުރިއެވެ. ޕާކްގައި ކޮޅުކޮޅަށް ދުވެ ކުޅެން އުޅުނު ކުޑަކުދީންގެ އަޑުން ލިބުނު ހިތްހަމަޖެހުންވެސް ކުޑައެއް ނޫނެވެ.

ރަށުގެ ދުރުރަތީ ރީތި ކަމާއި, ފެހިކަން ގަދަކަމުގެ އިހުސާސް އޭނާއަށްވެސް ކުރިއެވެ. ރާޅުޖަހާ އަޑުން ލިބުނު އުފާވެރިކަންވެސް ބަޔާންކުރަމުން ދިޔައެވެ. އެކަމަކު ޒިޔާއަށް ލިބުނު އުފާވެރިކަމާއެކު ވަރަށްބޮޑު އިލްތިމާސްއެއްވެސް އޭނާގެ އެބައޮތެވެ.
ބައިވަރު ލޯފަންކުދިން އެބަތިބި ރަށްރަށަށް ދަތުރުކުރަން ބޭނުންވާ, ރަށްރަށުގެ މާހައުލު އިހުސާސްކޮށްލަން ބޭނުންވާ ބައިވަރު ކުދިން އެބަތިބި. އެހެންނަމަވެސް ގިނައީ އެފުރުޞަތު ނުލިބޭ ކުދިން, އެފަދަ ކުދީންގެ އެހީތެރީންނާއި މައިންބަފައިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވީވަރަކުން މިފަދަ ފުރުޞަތުތައް އެކުދިންނަށް ހޯދައިދޭށޭ, ވަރަށްބޮޑު ތަފާތެއް ފެންނާނޭ.
ރައްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރެވުމުގެ އުފަލާއެކު ޒިޔާ މިއަދު އެދަތުރުކުރަނީ ގޮއިދޫއާއި އެއްފަޅެއްގައި އޮތް ފެހެންދޫ އާއި ފުޅަދޫ އަށެވެ. އާބާދީ މަދު އެދެރަށަށް ކުރާ ދަތުރަކީވެސް މުޅިން ތަފާތު ތަޖުރިބާއެކެވެ.