މަންތާ އާއި ޑޯލްފިންގ އާއި ޓާޓަލް އާއި ވޭލްޝާކް ބަލާލަން ޝައުގުވެރިވޭހެއްޔެވެ! އެއްސަރަހައްދަކުން މިހުރިހާ ގުދުރަތީ ހިތްހަމަޖެހުމެއް ތަޖުރިބާކޮށްލަން އޮތް އެންމެ ރަނގަޅު ސަރަހައްދަކީ ‘ސަމްޕާ ޕޮއިންޓް’ އެވެ. ހިމާޔަތްކޮށްފައިވާ އެސަރަހައްދަށް ފެންފުށިން ފުރައިގެން ޑިންގީއެއްގައި އެންމެ 10 މިނިޓުން ދެވެއެވެ.
އެސަރަހައްދަކީ ކ.އަތޮޅާއި ވ.އަތޮޅުގެ ރަށްތަކަށް ދާ ފަތުރުވެރިންވެސް ދެގަޑިއެއްހާއިރުވެސް ދަތުރަކަށްފަހު ދާ ސަރަހައްދެކެވެ. އެކަމަކު އެންމެ ދިހަ މިނިޓުން ފެންފުށިން ދެއެވެ. ދެން އޮތީ ބީޗާއި ތުނޑިއެވެ. ފެންފުށްޓަކީ އެންމެ ރީތި އެއް ތުނޑި އޮތް އެއް ރަށެވެ. އެއީ ފަތުރުވެރިންނާއި ދިވެހިންގެވެސް މަގްބޫލް ތުނޑިއެވެ. މިއީވެސް ފެންފުށި ޚާއްޞަވާ ވަރަށްބޮޑު ސަބަބެކެވެ.
ހިރިގަލުން ހަދާފައިވާ ރާއްޖޭގެ އެންމެ ތާރީޚީ އެއް މިސްކިތް ހުރީވެސް ފެންފުށީގައެވެ. ހިމާޔަތްކޮށްފައިވާ އެމިސްކިތް ބަލާލާ, ދިވެހީންގެ މަސައްކަތްތެރިކަން ދެނެގަތުމަށްވެސް ފެންފުށްޓަކީ އެންމެ ރަނގަޅު އެއް ރަށެވެ.

ދިވެހީންގެ ސާދާ ދިރިއުޅުމެވެ. ފެންފުށްޓަކީ ފަތުރުވެރިން ޒިޔާރަތްކުރާ އާމްދަނީ ލިބޭނެ މަގުތައް އޮތް ރަށަކަށް ވިޔަސް ރަށުތެރެއިން ފެންނަނީ އާދައިގެ ރަށެއްގެ ނިޝާންތަކެވެ. އިހުސާސްކުރެވެނީ ދިވެހީންގެ ‘އަސްލު’ ދިރިއުޅުމެވެ. މަގުތައް މަތީ މިނިވަންކަމާއެކު ކުޑަކުދިން ކުޅެއުޅެއެވެ. ޒަމާނީ ބޮޑަތި އިމާރާތްތަކެއް ނުފެނެއެވެ. ރާއްޖޭގެ ރަށަކަށް ޒިޔާރަތްކުރުމުގެ އިހުސާސް ހަމަ ރަނގަޅަށް ކުރެވެއެވެ.

ފަތުރުވެރިކަމުގައި އަދި ކުރިއެރުން އޮތީއެވެ. މިވަގުތު ހަތަރު ގެސްޓް ހައުސްއެވެ. 56 އެނދެވެ. އެކަމަކު ރަނގަޅު ކޮލިޓީ ކެފޭ ރެސްޓޯރަންޓެއް ނެތެވެ. ކެފޭ ހުރި ނަމަވެސް އެތަންތަނަކީ ކޮލިޓީ ތަންތަނެއް ނޫނެވެ. ފެންފުށީގެ ފަތުރުވެރިކަން ކުރިއަށް ގެންދާއިރު މިއީ އިތުރަށް ސަމާލުކަންދޭން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. އެއާއެކުވެސް ފެންފުށި ޚާއްޞަވާ ސަބަބުތަކެއް އެރަށުގެ އިސްރަށްވެހީން ކިޔައިދެއެވެ.
މިރަށަށް އަންނަން ޖެހެނީ މިރަށުގެ އާސާރީ މިސްކިތް ބަލާލަން. އާސާރީ ވަޅުތަކާއި މިރާއްޖޭގައި ނެތްވަރުގެ އާސާރީ ތަންތަން ހުރީމާ. މިރަށަކީ ލިޔެލާ ޖަހާ ރަށެއް, މިރަށަކީ ދަގަނޑު ތެޅުމުގެ ކަންތަކުގައި ރާއްޖޭގައި އެއްވަނަ, އަތްތެރި މަސައްކަތްތަކަށް ވަރަށް މަޝްހޫރު ރަށެއް މިއީ.
މިރަށަށް ދަތުރުކުރަން އުނދަގުލެއް ނޫނެވެ. އެންމެ ފަސޭހަ މަގަކީ ލޯންޗެވެ. ހުކުރު ފިޔަވައި ކޮންމެ ދުވަހު ދަތުރުކުރެއެވެ. ދެގަޑިއެއްހާއިރުގެ ދަތުރަށް 500 ރުފިޔާއެވެ. މާމިގިލި އޮތީ 10 މިނިޓުން ދެވޭ ހިސާބުގައެވެ. އެދެމެދުގައި ފެރީ އޮވެއެވެ. މަތިން މާމިގިއްޔަށް ދަތުރުކޮށް, ފެންފުށްޓަށް ދާން ފަސޭހައެވެ. އެކަމަކު އަގު އުފުލޭނެއެވެ. ޚަރަދަށް ބަލާއިރު އެންމެ ލުއި މަގަކީ އަތޮޅު ފެރިއެވެ. ދަތުރު ތަންކޮޅެއް ދިގަސް ފަންސާހަކަށް ރުފިޔާއިން ސަލާމަތް ވާނެއެވެ.
ނޯޓް: ފެންފުށި ތާރީޚީ މިސްކިތުގެ ވާހަކަ ތަފްސީލްކޮށް ފަހުން ގެނެސްދެވޭނެއެވެ. ތިރީގައި އެވަނީ ސަމްޕާ ޕޮއިންޓްގެ ޚާއްޞަ ވީޑިއޯ ރިޕޯރޓެވެ.