ތިން މިސްކިތް ހުރި ނަމަވެސް ހުކުރު ދުވަހެއްގައި ނުފުދެއެވެ. ކުރިއަށް އޮތީ ރަމަޟާން މަސްކަމަށް ވުމުން ކޮންމެހެން މިސްކިތުގެ ޖާގަ އިތުރު ކުރަންޖެހޭ ކަމަށް އއ.އުކުޅަހު ކައުންސިލުން ނިންމެވި ނިމްމެވުމާއެކު އަތުގައި ހިފީ ޚިދުމަތް ޖަމްއިއްޔާއާއި އުކުޅަސް ހޯޕުންނެވެ.
ވަރަށްގިނަ ހަރަކާތްތަކުގައި ގުޅިގެން މަސައްކަތް ކުރާ ޚިދުމަތް ޖަމްއިއްޔާއާއި އުކުޅަސް ހޯޕާއި, ކައުންސިލް ގުޅިގެން މިހާރު ދަނީ އަމަލީ މަސައްކަތް ކުރަމުންނެވެ. އެއީ އުކުޅަހު ބަނދަރު ސަރަހައްދުގައި ހުރި ރަށުގެ ބޮޑު މިސްކިތުގެ ގޯތި ތެރެއަށް ޖާގަ އިތުރުކޮށް, ރަމަޟާން މަހުގެ ކުރިން ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދި ނުމުގެ މަސައްކަތެވެ.
އުކުޅަހު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަބްދްالله ވަހީދު ވިދާޅުވީ މިވަގުތު ކުރަމުންދާ މަސައްކަތަކީ ރަމަޟާންމަހާ ދިމާކޮށް މިސްކިތުގެ ޖާގަ އިތުރުކުރުމުގެ ގޮތުން ބޭރުގައި އޮތް ހުސްޖާގަ ސާފްކޮށް, ތަޅުންއަޅާ މާބްލް ޖެހުމުގެ މަސައްކަތް ކަމަށެވެ. އަވަސް މަސައްކަތެއްގެ ގޮތުގައި އެކަން ފެށީ މިސްކިތުގެ އެތެރެ ފުރި, ބޭރުގައި މީހުން ތިބޭ ތިބުމަށް ހައްލު ހޯދައިދޭން ކަމަށް އޭނާ ވިދާޅުވިއެވެ. ރަށުގައި ތިން މިސްކިތް ހުރިނަމަވެސް ތިން މިސްކިތްވެސް ފުރޭކަމަށް އެސްޖީ ވިދާޅުވިއެވެ. ރަމަޟާން މަހަކީ އެހެން މަސްތަކަށްވުރެ އަޅުކަމުގައި ގިނަ މީހުން ބައިވެރިވާ މަހަކަށްވާތީ މިސްކިތުގެ ޖާގަ އިތުރުކުރަން ކައުންސިލުން ވަރަށްބޮޑަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިމަސައްކަތުގައި ޚިދުމަތް ޖަމްއިއްޔާއާއި ހޯޕް ޖަމްއިއްޔާގެ ފަރާތުން ކޮށްދެއްވާ މަސައްކަތް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަންވެސް ލިބޭ ކަމަށް ވިދާޅުވިއެވެ.
ހޯޕް ޖަމްއިއްޔާއާއި ޚިދުމަތް ޖަމްއިއްޔާއިން ފްލޯގައި ޖަހަން ބޭނުންވާ މާބްލް ހޯދައިދެނީ. މަސައްކަތް ކުރަނީ އެކި ފަރާތްތަކާ ކައުންސިލުން ވާހަކަދައްކައިގެން. ތަޅުންއެޅުމާއި މިކަންކަމަށް ބޭނުންވާ އެހީތެރިކަންވެސް ވަނި އެކިފަރާތްތަކުން ހަމަޖެހިފަ.
ޖާގަ އިތުރުކުރަމުންދާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ އިތުރު ކުރާ ޖާގަޔާއެކު 550 މީހުންނަށް މިސްކިތުގައި ނަމާދުކުރެވޭނެ ކަމަށެވެ. ޚިދުމަތް ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރު އަހުމަދު ފަޔާޒު ވިދާޅުވީ ޚިދުމަތް ޖަމްއިއްޔާއިން ޢާއްމުކޮށް އަބަދުވެސް ހޭދަކުރުމަށްޓަކައި ހެޔޮކަމުގެ ދޮރުތައް ހުޅުވައިދޭ ކަމަށެވެ. އަދި އެފަދަ ކޮންމެ ކަމެއްގައި ޢާއްމުންގެ އެހީތެރިކަން ވަރަށްބޮޑަށް ލިބޭކަން ފާހަގަކުރެއްވިއެވެ. އޭނާގެ އެދުމަކީ އުކުޅަހު ބޮޑު މިސްކިތުގެ ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގައި ވެސް އެއެހީތެރިކަން ދިނުމެވެ.
ނިމިގެންދާއިރު މިއީ ދެމެހެއްޓެނިވި ޞަދަގާތެއް އިރާދަކުރެއްވިއްޔާ. އެހެންވީމަ ކުޑަކުޑަ ވަގުތުކޮޅެއް އަޅުގަނޑުމެންގެ މިކަމަށް ހުސްކޮށްލަދެއްވާ އަޅުގަނޑުމެންގެ މިޕްރޮޖެކްޓް ފުރިހަމަކޮށްދެއްވުމަށްޓަކައި ލޮބުވެތި އަޚުންނާއި އުޚުތުން މިހާރުވެސް އެއްބާރުލުން ދެއްވާގޮތަށް އެއްބާރުލުން ދެއްވުން. ޚިދުމަތް ޖަމްއިއްޔާގެ ހުރިހާ ޕްރޮޖެކްޓްތަކަށްވެސް ވަރަށްބޮޑު އެއްބާރުލުމެއް ލިބޭ.
މިސްކިތުގެ އިމާމް އަދި އުކުޅަސް ހޯޕްގެ މެމްބަރު އާސިފް އަހުމަދު ވިދާޅުވީ މިސްކިތުގެ ޖާގައިތުރުކުރުމުން އެކަމުގެ ފައިދާ ރަށުގެ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. ޚާއްޞަކޮށް އުކުޅަހަކީ ތަފާތު އެކި މަސައްކަތްތަކަށް ގިނަ އަދަދެއްގެ ބަޔަކު އަބަދުވެސް ދިރިއުޅެމުންދާ ރަށަކަށްވާތީ ބޮޑަތި ޖަމާއަތްތަކުގައި ނަމާދުކުރާއިރު ޖާގައިގެ ދަތިކަން ވަރަށްބޮޑަށް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު ކުރަމުންދާ މަސައްކަތް ނިމޭއިރު މިކަންބޮޑުވުމަށް, ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
އިމާމެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް އުފާކުރާކަމެއް މިމަސައްކަތް މިގޮތަށް ވެގެން ދިއުމަކީ. އިމާމެއްގެ ހައިސިއްޔަތުން އަދި ހޯޕްގެ މެމްބަރެއްގެ ހައިސިއްޔަތުން އެންމެހާ ފަރާތްތަކުގެ އަރިހުން އެދެން އޮތް އެދުމަކީ މިކަމުގައި އެބޭފުޅަކަށް ވެދެވެން އޮތް މިންވަރަކުން އެހީތެރިވެދެއްވާ މިކަން ފުރިހަމަކޮށްދެއްވުން.
ޚިދުމަތް ޖަމްއިއްޔާއިންވެސް އުކުޅަސް ހޯޕުންވެސް އަދި އުކުޅަހު ކައުންސިލުންވެސް އެދެނީ މަސައްކަތް ރަމަޟާން މަހަށް ނިންމާލުމަށް ހުރިހާ ފަރާތްތަކުންވެސް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
