އާބާދީ މަދު ހަމަހިމޭން އދ.ދިއްދޫން އަތޮޅު ފެރީގައި އަހަރެންގެ ދަތުރުރު ފެށީ ކައިރީގައި އޮތް ދިގުރަށަށެވެ. އެއީ ހެނދުނު 7:30 ގައެވެ. އެފެރީ ދިއްދުއަށް އައީ ފެންފުށިން ފުރައިގެން މާމިގިއްޔަށް ޖައްސާފައެވެ.
22 ރުފިޔާގެ ޓިކެޓެއް ނަގައިގެން މޫސުން ރީތި ދުވަހެއްގައި އެމްޓީސީސީގެ ފެރީގައި ދިގުރަށު ފަޅަށް ވަނީ 8:05 ގައެވެ. ދިގުރަށަކީ ލޯކަލް ޓޫރިޒަމްގައި ރާއްޖޭގެ ގަދަ ތިނެއްގެ ތެރެއިން ރަށެކެވެ. އެހެންކަމުން އަހަރެންގެ ޝައުގުވެރިކަން ބޮޑަށް އޮތީ މީހުން ދިރިއުޅޭ ސަރަހައްދަށްވުރެ ބޮޑަށް ފަތުރުވެރިންނަށް ޚާއްޞަ ސަރަހައްދަށެވެ. ފަތުރުވެރިން ތިބޭ ގެސްޓްހައުސްއަކުން ކޮފީއެއް ނަގައިގެން ޖެހިގެން އޮތް ބީޗްގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި ކޮފީއަށް އިންސާފްކުރަމުން ދިޔައީ ރާޅު ޖަހާ ހިތްގައިމު އަޑުން ލިބެމުންދިޔަ ހިތްހަމަ ޖެހުމާއެކުއެވެ.

މޫދާއި ބީޗްގައިވެސް ފަތުރުވެރިން ގިނައެވެ. ގިނަ ފަތުރުވެރިން ގެއްލިފައި ތިބީ ފޮތަށެވެ. މޫދަށް އެރިލި ނަމަވެސް ގިނަ ވަގުތު އެތަނުގައި ތިބި ފަތުރުވެރިން ހޭދަކުރީ ބީޗްގައި އޮށޮއޮވެލައިގެން ތިބެ ފޮތެއް ކިޔާލުމަށެވެ. ތިން ގަޑިއެއްހާއިރު އެސަހައްދުގައި އަހަރެން ހޭދަކުރީ އަހަރެމެންނަށް ލިބިފައިވާ ނިއުމަތްތަކާމެދު ވިސްނާ ފިކުރު ކުރުމާއެކުއެވެ. ހެނދުނުގެ ނާސްތާވެސް ނެގީ އެހިތްގައިމު މާހައުލުގައެވެ. އެކަން އިންތިޒާމްކޮށްދިން އެކުވެރިޔާއަށް ޝުކުރިއްޔާއެވެ.

އެތަނުން އަހަރެންގެ މިސްރާބު ދެން އޮތީ ރާއްޖޭގެ އެންމެ ރީތި ތުނޑިއަށެވެ. އެއީ ދިގުރަށު ދިގު ތުނޑިއެވެ. މީގެކުރިންވެސް އަހަރެން ދިގުރަށަށް ކުރި ދަތުރެއްގައި ތުނޑިއަށް ދިއުމުގެ ނަސީބު ލިބުނެވެ. އެކަމަކު އެދަތުރުގައި ތުނޑިއަށް ދިޔައީ ސައިކަލެއްގެ ފަހަތުގައެވެ. އެއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ރަށާ ކައިރިން ފަޅުތެރެއިން ރީތި, ހިތްގައުމު މޫދުގައި ލޮނުތައް ކަފަމުން ކުރާ ދަތުރަކުންކަން ޔަގީނެވެ.

އެކުވެރިޔާ އަހަރެން ޑިންގީއެއްގައި ތުނޑިއަށް ގެންގޮސްދިނެވެ. އެއީ މާއުފާވެރި އިހުސާސްއެއް ކުރުވި ތިން ހަތަރު މިނިޓްގެ ދަތުރެކެވެ.
ތުނޑީގައި ދެގަޑިއެއްހާއިރު ފަތުރުވެރިންގެ ހަރަކާތްތަކަށް ޝައުގުވެރިކަމާއެކު ބަލަން މަޑުކޮށް, ފަތުރުވެރިންނާ ވާހަކަ ދައްކާ ހެދީމެވެ. އެމީހުންގެ އޮތީ ރާއްޖެއަށް މުޅިންވެސް ތައުރީފެވެ. އެވާހަކަތައް އެހެން ފަހަރަކުންނެވެ. އެތުނޑީގައި މާފުށްޓާއި އެހެން ބައެއް ރަށްތަކުންވެސް ފަތުރުވެރިން އައިސް ތިއްބެވެ. އެކި ގައުމުތަކަށް ނިސްބަތްވާ ފަތުރުވެރީންނެވެ. ތައިލެންޑާއި, މޮރޮކޯއިންނެވެ.

އެނބުރި ދިއުން އޮތީ ދިއްދޫ އަށެވެ. އަތޮޅު ފެރީ މެންދުރު ފަހު 3:00 ގައި ދިގުރަށު ބަނދަރުން ފުރާނެއެވެ. އެކަމަކު އަހަރެންގެ ޝައުގު އޮތީ ޑިންގީއެއްގައި އެނބުރި ދިއްދުއަށް ދިއުމަށެވެ. ދިއްދޫގެ އެކުވެރީން އެއިންތިޒާމް ހަމަޖައްސައިދިނެވެ. ޑިންގީއެއްގައި ދިގުރަށު ތުނޑިން ދިއްދޫއަށް ކުރި ދަތުރަކީވެސް ‘އަރާމް’ ދަތުރެކެވެ. ލަކްސް މޯލްޑިވްސް ކައިރިން ގޮސް ދިއްދޫ ފަޅަށް ވަންނަން ހޭދަވީ އެންމެ 5 މިނިޓެވެ. ދިއްދޫއަށް ގޮސް ތައްޔާރުވެލައިގެން 3:45 އަށް ބަނދަރަށް ނިކުތީ އަތޮޅުފެރީގައި ދެން އޮތް މަންޒިލަށް ދިއުމަށެވެ. ބަރާބަރު ގަޑިއަށް ފެރީ ލެފިއެވެ. ދިއްދޫގެ މެހުމާން ދާރީއަށް ލޯތްބާއެކު ޝުކުރު އަދާކުރަމުން ދެން އޮތް މަންޒިލަށް ދަތުރު ފެށިއިރު އިހުސާސްކުރެވެނީ ހިތްހަމަ ޖެހުމެވެ.
ދިއްދޫން ފުރައިގެން އަތޮޅު ފެރީގައި ފުރަތަމަ މަންޒިލަކީ މާމިގިއްޔެވެ. އެއީ 15 މިނިޓްގެ ރާސްތާއެކެވެ. އެކަމަކު އެއީ މިދަތުރުގައި އަހަރެންގެ ޕްލޭންގައި ހިމެނޭ ރަށަކަށް ނުވާތީ ދެން އޮތް މަންޒިލަށް ފެރީގައި ދަތުރު ކުރީއެވެ. ބަރާބަރު 40 މިނިޓުން ފެރީ ގޮސް އެވަނީ ފެންފުށްޓަށެވެ. އޭރު ގަޑިން ބަރާބަރު 4:40 އެވެ. މިއީ މިދަތުރުގައި އަހަރެންގެ ފަހު މަންޒިލެވެ. އެއް ދުވަހެއްގައި ތިން ރަށް ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބުނެވެ.
ޗުއްޓީއަކަށް މިސަރަހައްދު ބަރާބަރެވެ. އަހަރެންގެ ތަޖުރިބާއިން މިއީ ހަމަ އެއްވަނައިގެ ސަރަހައްދެކެވެ. ދަތުރުގައި ހޭދަކުރާ މުއްދަތެއްގެ މައްޗަށް ރަށްތަކުގައި ހޭދަކުރާނެ ވަގުތު ކަނޑައެޅިދާނެއެވެ. އެހީއަކަށް ވާނެކަމަށް އުއްމީދު ކުރަމެވެ.