މައްކާއިން ޠަޢިބާ އާއިލާ

899

މިހިނގަމުންދާ ޑިސެމްބަރު މަހަކީ ރާއްޖެއިން އެންމެ ގިނަ މީހުން އެއް މަހެއްގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ޒިޔާތަތްކުރާ މަހެވެ. ގިނަ ޢުމްރާވެރިން މިވަގުތު ތިބީ މައްކާގައި އުއުމްރާގެ އަޅުކަން ފުރިހަމަ ކުރުމުގެ އެކި މަރުހަލާގައެވެ. ބައެއް ޢުމްރާވެރިން ޢުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު އެނބުރި ގައުމަށްވެސް ގޮސްފިއެވެ.

ވަރަށްގިނަ ގްރޫޕްތަކުން މިމާތް ބިމަށް އެތައްސަތޭކަ ދިވެހީންނެއް ގެނެސް އެފުރުޞަތު ދަނީ ފަހިކޮށްދެމުންނެވެ. އޭގެތެރެއިން އެއް ގްރޫޕަކީ ޠަޢިބާ ޙައްޖު ޢުމްރާ ގްރޫޕެވެ. ހަގީގަތުގައި ގްރޫޕެއް ނޫނެވެ. “ޠަޢިބާ އާއިލާ” އެވެ. މާލެއިން ފުރުމުގެ ކުރިންވެސް ދަތުރުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ގްރޫޕްގެ ފަރާތުން ތަކުރާރުކޮށް ވިދާޅުވީ ‘މިއަދުން ފަށިގެން މިއީ އެއް އާއިލާއެއް. މިއީ ޠަޢިބާ އާއިލާ’ ކަމަށެވެ.

މައްކާ ޒިޔާރަތުގެ ތެރެއިން ޠައިބާ އާއިލާ

ބަހުރެއިން މަގުން ކުރި ދަތުރުގައި ބަހުރެއިންގައި ފްލައިޓަށް އުމްރާވެރިން އެރި ފަހުން ދިމާވި މައްސަލައަކާ ގުޅިގެން, އުމްރާވެރިން ފްލައިޓުން ބާލާ އެހެން ފްލައިޓަކަށް އަރުވައިގެން ޖިއްދާ އެއަޕޯރޓަށް ޖެއްސުމުން ކަނޑައެޅިފައިވާ ވަގުތަށްވުރެ ދަތުރު ފަސްވިއެވެ. އޭގެ ސަބަބުން ފުރަތަމަ ސައުވީސް ގަޑިއިރުގެ ތެރޭގައި ކެތްތެރިކަން އިސްކުރަން ޖެހުނު ކަންކަން ކުރިމަތިވިއެވެ. އެހެނަސް މިމާތް ބިމުގައި މިހަފްތާއެއް ވީއިރު ހަގީގަތުގައިވެސް މިއީ އެއް އާއިލާއެކެވެ. ޠަޢިބާ އާއިލާއެވެ.

މައްކާ ޒިޔާރަތުގެ ތެރެއިން ޝެއިޚު ފަރީދާއެކު އުމްރާވެރީން

އުމްރާގެ އަޅުކަން ދެފަހަރަށް ފުރިހަމަ ކޮށްފިއެވެ. މައްކާ ޒިޔާރަތް ނިމެއްޖެއެވެ. މިއަދު އޮތީ ޖިއްދާ ދަތުރެވެ. ބަރާބަރު ހަފްތާއެއް ވީ ހުކުރު ދުވަހަށެވެ. އަހަރުގެ އެންމެ ފަހު ހުކުރެވެ. އެއް އާއިލާއެއް ކަމުގެ އިހުސާސް އެންމެ ބޮޑަށް ކުރެވުނީ ހުކުރު ދުވަހުއެވެ. ކޮންމެ ދުވަހެއް ފެށެނީ ފަތިސް ނަމާދުންނެވެ. އެއަށްފަހު އޮންނަނީ ކޮފީއެވެ. ހޮޓަލްގައި ޠަޢިބާ ގްރޫޕަށް ޚާއްޞަކުރެވިފައިވާ ރެސްޓޯރެންޓް ބައިގަ އޮންނަ ކޮފީއެވެ. ނަމުން ކޮފީ އެވެ. އެކަމަކު ނަން ހުސްކޮށް އެކި ބާވްތަތަކެވެ. ކުޅި ކާޖާއާއި, ގުޅައެވެ. ކޭކާއި ބިސްކޯދެވެ. އެވަގުރު ހަގީގަތުގައި ޚާއްޞަވަނީ ކޮފީއަކުން ނޫނެވެ. އެއީ ޝެއިހު އިބްރާހީމް ފަރީދު އަހުމަދާއެކު އުމްރާވެރިން ހޭދަކުރާ ވަގުތެކެވެ. ދުނިޔެވީ ތަފާތު ވާހަކަ ތަކާއި, ދީނީ ގޮތުން އުފެދޭ ސުވާލު ތަކަށް ޖަވާބު ހޯދުމެވެ. ސަމާސާ ކުރުމާއި, ގުޅުން ބަދަހި ކުރުމެވެ. އޭގެ ދެ ދޮޅު ގަޑިއެއްހާއިރު ފަހުން ހެނދުނުގެ ނާސްތާވެސް ތައްޔާރު ވެއެވެ.

އުމްރާވެރީން ހުކުރު ދުވަހު ކެއްކުމުގެ މަސައްކަތުގައި ބަދިގޭގައި

ހުކުރު ދުވަސް ޚާއްޞަވީ ކޮފީއަށް ފަހު ފެނުނު މަންޒަރުންނެވެ. އުމްރާވެރީންގެ ތެރެއިން އަންހެން ބޭފުޅުން އަމިއްލަ އިސްނެގުމާއެކު ބަދިގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވީއެވެ. މެންދުރުގެ ސުފުރާ ތައްޔާރުކުރުމުގެ މަސައްކަތަށް އިސްނަގާ އަމިއްލައަށް މަސައްކަތް ފެށީ ބަދިގޭގައި މަސައްކަތް ކުރަމުން ދިޔަ ވަރަށް ހިތްވަރުގަދަ ދެ ދިވެހިން ” ހަސަންބެ އާއި އަލީ ސޭޓް” އަށްވެސް އަވަހަށް ހުކުރަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދޭށެވެ. އެމީހުންގެ މަސައްކަތުގެ ބުރަކަން އިހުސާސް ކުރުމަށެވެ. އުމްރާވެރީންގެ ގުޅުން ބަދަހި ކުރުމަށެވެ.

ބުނީކީ ނޫން އަހަރެމެން އަމިއްލަ އަށް ފެނިގެން, ހުކުރު ދުވަސްވީމަ ފިރިހެންވެރިން އަވަހަށް މިސްކިތަށް ފޮނުވާދޭން ވެގެން އަމިއްލައަށް ފެނިގެން އައިސް މިތިބީ

އުމްރާވެރީންގެ ތެރެއިން ވަރަށް ހަރަކާތްތެރިކޮށް އުޅުނު 70 އަހަރުގެ އައިޝާއައްތަ ބުނީ ގްރޫޕްގެ ކެއުން ވަރަށް ވަރަށް ރަނގަޅު ކަމަށެވެ. ޚާއްޞަކޮށް ރިހާކުރު ދިޔަ ވަކީން ފާހަގަކުރިއެވެ. އެހެން ބައެއް އުމްރާވެރީންވެސް އެކަން ފާހަގަކުރިއެވެ. ހުރިހާ އުމްރާވެރިންވެސް އިތިފާގުވާ ކަމަކީ ކާއެއްޗިހީގެ ރަހަ ރަނގަޅު ކަމެވެ. ކެއުމަށް އެމީހުން ދިނީ 100 އެވެ. ދިވެހީން ޢާއްމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތައް ކޮންމެ ދުވަހެއްގެ ހުރިހާ ވަގުތެއްގައި ހުރެއެވެ. އަދި އޭގެ އިތުރުން ތަފާތު ބާވްތްތައް އެކި ދުވަހު ހުރެއެވެ.

އުމްރާވެރިއަކު ހުކުރު ދުވަހު ކައްކަން ފިޔާ ކޮށަނީ

ކާތަކެތި ލިބެނީ ތާޒާކަމާއެކުއެވެ. މާކުރިން ކައްކާ ކާއެއްޗެއް ނުހުރެއެވެ. ކައްކާ ކާން ދިނުމުގެ އެއްވެސް މަރުހަލާއެއްގައި ދިވެހީން ނޫން މީހަކު ބައިވެރިއެއް ނުކުރެއެވެ. ކައްކާތަން އުމްރާވެރީންނަށް ފެނެއެވެ. ސާފްތާހިރުކަމާމެދު ސުވާލެއް ނެތެވެ. ކެއްކުމުގެ އިސް މޭސްތިރިއަކީ ހަސަންބެއެވެ.

ކާންދިނުމުގައި ހަމަ ދިވެހި ތާޒާ ކެއުން ހުންނާނީ. އެންމެ ދިވެހީންނަށް ކަމުދާ އެންމެ މީރު ކެއުން މިގްރޫޕުން އަބަދުވެސް ލިބޭނީ. ކާނީ ހޫނުކޮށް. ހިހޫ އެއްޗެއް ކާކަށް ނުދޭނެ. ތާޒާކޮށް ކައްކައިގެން ހަމަ ހޫނުކޮށް ހުންނަ އެއްޗެއް ހޫނުކޮށް, ފިނިކޮށް ހުންނަ އެއްޗެއް ފިނިކޮށް ވަގުތުން ކައްކައިގެން ކާންދޭނީ.

ހަގީގަތުގައިވެސް ހަސަންބެ އެބުނީ ތެދެކެވެ. އެކަމާ ދެބަސްވާނެ ހަމައެކަކުވެސް މިދަތުރުގައި ނެތެވެ. އޭގެ އިތުރުން އެއްފަހަރުގެ ކާއެއްޗިހި އަލަމާރީގައި ބަހައްޓައިގެން އަނެއް ފަހަރު ނުދެއެވެ. މުޅި ދަތުރުގައިވެސް އެންމެ އަވަދިނެތި ބުރަކޮށް މަސައްކަތް ކުރާ ބަޔަކީ އުމްރާވެރީންނަށް ކާން ދިނުމަށް ބަދިގޭގައި އުޅޭ ފަރާތްތަކެވެ. މިގްރޫޕްގައި އެއީ ހަސަންބެއާއި އަލީ ސޭޓެވެ. ފަހަރެއްގައިވެސް އެއީ ވިޔަފާރި ކުރާތީ ކިޔާ ސޭޓެއް ނޫނެވެ. އެއީ ޖެހުނު ކޮންމެ ކަމެއް ކުރަމުން އުމްރާވެރީންގެ ޚިދުމަތުގައި އަބަދުވެސް ހިނުތުންވުމާއެކު ހުންނާތީ އޭނާއަށް ޚާއްޞަ ނަމެކެވެ.

އުމްރާވެރިއަކު ކައި ނިމިގެން ދުފަނީ

ހުކުރު ދުވަސް ނޫނަސް އުމްރާވެރީން ކޮންމެވެސް ފަރަކަށް އެހީތެރިކަން ފޯރުކޮށްދީ ހަދައެވެ. އެކަން ހަސަންބެ އުފަލާއެކު ފާހަގަކުރިއެވެ. އެއީ އެމަސައްކަތް ކޮށްދޭތީއެއް ނޫނެވެ. އޭގެ ސަބަބުން އާއިލާއެއް ކަމުގެ އިހުސާސް ކުރެވޭތީ އެވެ.

މައްކާގެ ބިމުގައި ހަފްތާއެއް ވީއިރު މިއީ ހަގީގަތުގައިވެސް އާއިލާއެކެވެ. މިއީ ޠައިބާ އާއިލާއެކެވެ.  

ލިޔުމާ ގުޅޭ ވީޑިއޯ

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.