ހަފްސީ.ކޮމް އިން ޙަފްޞީ ޢަބްދުالله މީޑިޔާ ކައުންސިލަށް އިންތިޚާބު ވެއްޖެއެވެ.
މިއަދު އޮތް މީޑިޔާ ކައުންސިލްގެ އިންތިޚާބު މިނޫހުގެ އެޑިޓަރ އަދި މަސްއޫލުވެރިޔާ ކާމިޔާބުކުރީ 75 ވޯޓުންނެވެ. މީޑިޔާ ތަކުން އިންތިޚާބުކުރި 7 މެމްބަރުންގެ ތެރެއިން ދިޔައީ 4 ވަނަ އަށެވެ. ޙަފްޞީ ޢަބްދުالله ވަނީ މީގެކުރިން ޕަބްލިކް ސަރވިސް މީޑިޔާއިން އިންތިޚަބުވެ މީޑިޔާ ކައުންސިލްގެ އެއް ދައުރު ފުރިހަމަކޮށްފައެވެ.
މިއަދު އިންތިޚާބުގައި މީޑިޔާ ތަކުން 7 މެމްބަރުން އަދި އަމިއްލަ ގޮތުން 3 މެމްބަރުން އިންތިޚާބުކުރިއެވެ. މީޑިޔާ ތަކުގެ ބައިން އެންމެ ގިނަ ވޯޓާއެކު އިންތިޚާބުވީ މިހާރު ނޫހުގެ ފާތިމަތު ޝަނާ މުޙައްމަދެވެ. މީޑިޔާ ތަކުން އިންތިޚާބުވި އެހެން މެމްބަރުންނަކީ ވަގުތުގެ ނަޖާހު މަސްއޫދާއި, އާފަތިސް އޮންލައިންގެ ހަސަން ޝާކިރާއި, ހަތާވިސް އޮންލައިންގެ ހުސައިން ހަސަން އާއި, ތިލަދުންގެ ހުސައިން ސަގީފު އާއި ދިޔަރެސް އޮންލައިންގެ ނަހުދާ ފާއިޒު އެވެ.
އަމިއްލަ ގޮތުން އިންތިޚަބުވި މެމްބަރުންނަކީ ފާތިމަތު ފަހުމީ އާއި, އިބްރާހީމް ފައުޒީ އާއި އިބްރާހީމް މުޙައްމަދެވެ. މިއަދު އޮތް މީޑިޔާ ކައުންސިލްގެ އިންތިޚާބުގައި 139 މީޑިޔާއަކުން ވޯޓް ލިއެވެ. އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓުންނާ އެކު 22 މީހުން ވާދަކުރިއެވެ.
މީޑިޔާ ކައުންސިލް އެކުލެވިގެންވަނީ 15 މެމްބަރުންގެ މައްޗަށެވެ. މިހިނގާ ދައުރު ހަމަވާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ހިނގަމުންދާ ދައުރެއްގެ ތެރެއިން ބައި އިލެކްޝަނަކުން މެމްބަރަކު އިންތިޚާބުވި ނަމަވެސް އެމެމްބަރަކަށް ދެ އަހަރުގެ ދައުރެއް ފުރިހަމަ ކުރުމުގެ ފުރުޞަތު ޤާނޫނުން ލިބިދެއެވެ.
ހަފްޞީ.ކޮމް އަކީ 2022 ވަނަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު ރަޖިސްޓްރީ ކުރި އޮންލައިން ނޫހެކެވެ. މިނޫހަކީ ރާއްޖެގެ ރަށްރަށުގެ ވާހަކަތައް ވީޑިއޯ ރިޕޯރޓްތަކާއެކު ގެނެސްދިނުމަށް ރަޖިސްޓްރީކޮށްފައިވާ ނޫހެކެވެ.