ބ.އަތޮޅު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށްޓާއި ގޮއިދޫން ދިފާއުކޮށްފި

398

ބ.އަތޮޅު ފުޓްސަލް މުބާރާތް (ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ) ގެ ޗެމްޕިއަންކަން އޭދަފުށްޓާއި ގޮއިދޫން ދިފާއުކޮށްފި އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން އޭދަފުށިން ދިފާއުކުރީ ކިހާދޫ ބަލިކޮށްގެންނެވެ. އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ގޮއިދޫން ދިފާއުކުރީ ދޮންފަން ބަލިކޮށްގެންނެވެ.

ކްއީން އޮފް ދަ ޓޯނަމަންޓް: ފޮޓޯ-ކްލިކް ގްރަފީ

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އޭދަފުށިން ދިފާއުކުރީފައިނަލްގައި 6-0 ން ކިހާދޫ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 ނެވެ. އެއީ އަލީ ނަސީމްގެ ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފްގައި އޭދަފުށިން ވަނީ އިތުރު ފަސް ލަނޑު ޖަހާފައެވެ. ދެވަނަ ހާފްގައި އޭދަފުށީގެ ލަނޑުތައް ޖެހީ މުހައްމަދު ފާސިރު އާއި އަލީ ނަސީމް އާއި ހުސެއިން ޝަރީފް އެވެ. ފާސިރު އާއި ހުސައިން ޝަރީފްވެސް ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ހާފްގެ ލަނޑާއެކު އަލީ ނަސީމްވެސް ދެ ލަނޑު ޖެހިއެވެ.

ފިރިހެން ޑިވިޝަންގެ ތަށި އޭދަފުށިން އުފުލާލަނީ: ފޮޓޯ-ކްލިކް ގްރަފީ

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އަލީ ނަސީމް އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ މޮޅު ކުޅުންޔްތެރިޔާ (ކިންގް އޮފް ދަ ޓޯނަމަންޓް) އަކީ އޭދަފުށީގެ ކެޕްޓަން އިޝާން އިބްރާހީމް (ސައްޓު) އެވެ. މުބާރާތުގެ ފިރިހެންޑިވިޝަންގެ ރަންބޫޓް ހޯދީ މުޙައްމަދު ފާސިރު އެވެ. 18 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ގޮއިދޫ ޓީމްގެ މުހައްމަދު ޟުއާއުއެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިން: ފޮޓޯ-ކްލިކް ގްރަފީ

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:

– އިޝާން އިބްރާހީމް (އޭދަފުށި)

– މުޙައްމަދު ފާސިރު (އޭދަފުށި)

– ކީޕަރު އަބްދުالله ނާސިހު (އޭދަފުށި)

– ހުސެއިން ހަނާން (ކިހާދޫ)

– މުޙައްމަދު ސިމާން (ދަރަވަންދޫ)

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ގޮއިދޫން ދިފާއުކުރީ ފައިނަލްގައި 3-0 ން ދޮންފަން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގައި ގޮއިދޫގެ ތިން ލަނޑުވެސް ޖެހީ ކެޕްޓަން މައީޝާ އަބްދުލް ހަންނާން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހީވެސް މައީ އެވެ. ކްއީން އޮފް ދަ ޓޯނަމަންޓަކީ ވެސް މައީޝާ އެވެ. އަންހެން ޑިވިޝަންގެ 18 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ގޮއިދޫގެ ފާތިމަތު ޔޫހާ އަހުމަދު ރިޔާޒު އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިން: ފޮޓޯ-ކްލިކް ގްރަފީ

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިން ނަކީ:

– މައީޝާ އަބްދުލް ހަންނާން (ގޮއިދޫ)

-ފިރުޝާނާ ނަސީރު (ގޮއިދޫ)

– އާމިނަތު ފަޒްލާ (ދޮންފަން)

– ކީޕަރު އާމިނަތު ލީޒާ (ދޮންފަން)

– ފާތިމަތު މާޒިނާ (ދަރަވަންދޫ)

މުބާރާތުގެ އަންހެން ޑިވިޝަންގެ ފެއަރޕްލޭ ޓީމަކީ ދޮންފަނެވެ. އަދި ފިރިހެން ދިވިޝަންގެ ފެއަރ ޕްލޭ ޓީމަކީ ކިހާދޫ އެވެ. މުބާރާތުގެ އަންހެން ޑިވިޝަންގައި 8 ރަށުން އަދި ފިރިހެން ޑިވިޝަންގައި 9 ރަށުން ވާދަކުރިއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35000 ރުފިޔާ ވަނީ ދީފައެވެ. މުބާރާތުގެ މެޗުތައް ކުޅުނީ އޭދަފުށީގައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.