ފައިނަލްގައި އޭދަފުށްޓާއި ކިހާދޫ, ގޮއިދޫ އާއި ދޮންފަން

455

ބ.އަތޮޅު ފުޓްސަލް މުބާރާތް (ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024) ގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި އޭދަފުށްޓާއި ކިހާދޫ އަދި އަންހެން ޑިވިޝަންގެ ފައިނަލްގައި ގޮއިދޫ އާއި ދޮންފަން ވާދަކުރަން ޖެހިއްޖެއެވެ.

އޭދަފުށި މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ފާސިރު ލަނޑު ޖެހުމަށްފަހު: ފޮޓޯ-ކްލިކް ގްރަފީ

ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި 7-3 ން ގޮއިދޫ ބަލިކޮށްގެންނެވެ. މެޗުގެ ދެހާފްގައިވެސް ފުރަތަމަ ލަނޑު ޖެހީ ގޮއިދޫންނެވެ. ގޮއިދޫގެ ލަނޑުތައް ޖެހީ ހުސެއިން ޝާމް އާއި ކެޕްޓަން ހުސެއިން ޝިފާހު އެވެ. ޝިފާހު ދެ ލަނޑު ޖެހިއެވެ. އޭދަފުށިން ޖެހި 7 ލަނޑުގެ ތެރެއިން މުޙައްމަދު ފާސިރު އާއި އިޝާން އިބްރާހީމް ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ތިން ލަނޑު ޖެހީ ޝާހީ މޫސާ އާއި އަލީ ނަސީމް އާއި އުނެއިސް ޒުބެއިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފާސިރު އެވެ.

ކިހާދޫގެ އަރުޝަދު ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު: ފޮޓޯ-ކްލިކް ގްރަފީ

ފައިނަލްގައި އޭދަފުށި ވާދަކުރަން ޖެހޭނީ ކިހާދޫ އާއެވެ. ކިހާދޫ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީގައި ދަރަވަންދޫ ބަލިކޮށްގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފުރަތަމަ ހާފްގައި ދަރަވަންދޫން ނެވެ. ލީޑް ނަގައިދިނީ އީމާން މުޙައްމަދު ވަހީދު އެވެ. ދެވަނަ ހާފްގައި ކިހާދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހުސައިން ހަނާން އެވެ. ޕެނަލްޓީގައި ކިހާދޫން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ. ކިހާދޫގެ ޕެނަލްޓީތައް ޖެހީ ހަނާން އާއި އަހުމަދު އަހުސަން އާއި އަލީ ފަރުހާން އާއި އަނަސް މުޙައްމަދު ގާސިމް އާއި ހުސެއިން އަރުޝަދު އެވެ.

ޕެނަލްޓީގައި ނާކާމިޔާބުވުމުން ދަރަވަންދޫ ކުޅުންތެރިން: ފޮޓޯ-ކްލިކް ގްރަފީ

ދަރަވަންދޫން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ މުޅި މުބާރާތުގައިވެސް މޮޅަށް ކުޅުނު މުޙައްމަދު ސިމާންގެ ޕެނަލްޓީ އެވެ. ދަރަވަންދޫން ޕެނަލްޓީ ކާމިޔާބުކުރީ ހުސައިން ނާސިފް އާއި ޝުޖާއު ހުސެއިން އާއި އީމާން އިލްޔާސް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކިހާދޫގެ ކީޕަރު އަހުމަދު ފަވާޒު އެވެ.

މައީޝާ ސެމީފައިނަލްގައި 5 ލަނޑު ޖެހި: ފޮޓޯ-ކްލިކް ގްރަފީ

އަންހެން ޑިވިޝަންގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ގޮއިދޫ ޖާގަ ހޯދީ ސެމީފައިނަލްގައި 10-0 ން ކިހާދޫ ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ މައީޝާ އަބްދުލް ހަންނާނު 5 ލަނޑު ޖެހިއެވެ.އަދި ފިރުޝާނާ ނަސީރު ތިން ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ ޝަފްނާ އިބްރާހީމް އާއި މަރިޔަމް ނަޒާހަތު އެވެ.

ދޮންފަން ކުޅުންތެރިން ދެވަނަ ލަނޑު ޖެހުމަށްފަހު: ފޮޓޯ-ކްލިކް ގްރަފީ

ފައިނަލްގައި ގޮއިދޫ ވާދަކުރާނީ ދޮންފަނާއެވެ. ދޮންފަން ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި 2-0 ން ދަރަވަންދޫ ބަލިކޮށްގެންނެވެ. ދޮންފަންގެ ދެ ލަނޑު ޖެހީ އައިމިނަތު ފަޒްލާ އާއި ހައިފާ ފިރާގެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހައިފާއެވެ. ފައިނަލް ދެ މެޗުވެސް ކުޅޭނީ އަންގާރަ ދުވަހުގެ ރެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.