ބ.އަތޮޅު ފުޓްސަލް މުބާރާތް (ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024) ގެ ފިރިހެން ޑިވިޝަންގެ ސެމީފައިނަލްގައި ޗެމްޕިއަން އޭދަފުށްޓާއި, ގޮއިދޫ އަދި ދަރަވަންދޫ އާއި ކިހާދޫ ވާދަކުރަން ޖެހިއްޖެ އެވެ.

އޭދަފުށި ގްރޫޕް އޭގެ އެއްވަނަ ޔަގީން ކުރީ ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ގްރޫޕްގެ އެއްވަނަ ޔަގީންކުރި ތިންވަނަ މެޗުގައި ކިހާދޫގެ މައްޗަށް ކުރިހޯދީ 5-1 ނެވެ. މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއްވަނަ ލިބެން އޮތް މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެޓީމް 1-1 ން އެއްވަރު ވެގެންނެވެ. އެއީ އަލީ ނަސީމް އާއި އަހުމަދު އަހުސަންގެ ގޯލުންނެވެ. ދެވަނަ ހާފްގައި އޭދަފުށްޓަށް 4 ލަނޑު ޖަހައިދިނީ އިޝާން އިބްރާހީމް (ސައްޓު) އާއި ޝާހީ މޫސާއާއި, މުޙައްމަދު ފާސިރު (ފާއްޓެ) އާއި އުނެއިސް ޒުބެއިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަލީ ނަސީމް އެވެ.
ސެމީފައިނަލްގައި އޭދަފުށި ވާދަކުރަން ޖެހޭނީ ގޮއިދޫ އާއެވެ. ގޮއިދޫ ސެމީއަށް ދަތުރުކުރީ ފަހު މެޗުގައި 2-1 ން މާޅޮސް ބަލިކޮށްގެންނެވެ. ގޮއިދޫއަށް ސެމީގެ ފުރުޞަތު ލިބެން އޮތީ މާޅޮސް ބަލިކޮށްގެންނެވެ. މެޗުގައި ގޮއިދޫގެ ދެ ލަނޑު ޖެހީ އިބްރާހީމް ނާފިޒު އާއި ހަސަން ޝާމް އެވެ. މާޅޮހުގެ ލަނޑު ޖެހީ މުޙައްމަދު ނާއިލް އެވެ. ގޮއިދޫ ސެމީން ޖާގަ ހޯދުމުން ދޮންފަން ވަނީ ކަޓާފައެވެ.

މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅޭނީ އާދިއްތަ ދުވަހުގެ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ އަންހެން ޑިވިޝަންގެ ސެމީފައިނަލްގައި ޗެމްޕިއަން ގޮއިދޫ ވާދަކުރާނީ ކިހާދޫ އާއެވެ. އަދި ދޮންފަން ވާދަކުރާނީ ދަރަވަންދޫ އާއެވެ.