ފެހެންދޫ ކަޓާ, ދަރަވަންދޫ ސެމީއަށް

258

ބ.އަތޮޅު ފުޓްސަލް މުބާރާތް (ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024) ގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ބީން ދަރަވަންދޫ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ދަރަވަންދޫ ސަޕޯޓަރުން އުފާފާޅުކުރަނީ: ފޮޓޯ-ކްލިކް ގްރަފީ

ދަރަވަންދޫ ސެމީފައިނަލަށް ދަތުރުކުރީ ފެހެންދޫ އާއި އެއްވަރުކޮށް, 7 ޕޮއިންޓާ އެކުއެވެ. މެޗަށް ނިކުއިންއިރު ދެޓީމަށްވެސް ސެމީފައިނަލަށް ދިއުމުގެ ފުރުޞަތު އޮތް މެޗު އެއްވަރުވީ 2-2 ނެވެ. ސެމީގެ ފުރުޞަތު އޮތީ މެޗުން މޮޅުވާ ޓީމަކަށެވެ. އެއްވަރު ވެއްޖެ ނަމަ ފުރުޞަތު އޮތީ ދަރަވަންދޫ އަށެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދީ ދަރަވަންދޫން ނެވެ. އެޓީމްގެ ދެ ލަނޑު ޖެހީ އަސްހަމް އަހުމަދާއި, ސާމިހު އަލީ ރަޝީދެވެ. ފެހެނެދޫގެ ދެ ލަނޑުވެސް ޖެހީ އަހުމަދު ނިޒާމެވެ. މެޗުގެ މޮޅު ކުޅުންތެރި އަކީވެސް އޭނާ އެވެ. މިނަތީޖާއާއެކު ފެހެންދޫ ވަނީ ކަޓާފައެވެ.

މިގްރޫޕުން ސެމީގެ ދެވަނަ ޖާގަ ކަނޑައެޅޭނީ ގޮއިދޫއާއި މާޅޮސް ވާދަކުރާ މެޗުންނެވެ. މެޗުން މޮޅުވެއްޖެ ނަމަ ގޮއިދޫ އަށް ސެމީގެ ޖާގަ ލިބޭނެ އެވެ. އެނޫން ނަތީޖާއެއް ނިކުމެއްޖެ ނަމަ ސެމީގެ ޖާގަ ލިބޭނީ މިހާރު ކުޅިބަލަން އޮތް ދޮންފަނަށެވެ. މާޅޮސް ވަނީ ކަޓާފައެވެ.

އެންމެ ހަގު ކުޅުންތެރިޔާ ތުޅާދޫ ކެޕްޓަން އާދިލް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ: ފޮޓޯ-ކްލިކް ގްރަފީ

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގައި ތުޅާދޫއާއި ކަމަދޫ ވާދަކުރި މެޗު 2-1 ން ކާމިޔާބުކުރީ ތުޅާދޫ އެވެ. މެޗުގައި ތުޅާދޫގެ ދެ ލަނޑު ޖެހީ އިބްރާހީމް ރަފާހު އާއި, އިފްހާމް ރަޝާދު އެވެ. ރަފާހު ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. ދެވަނަ ޕެނަލްޓީއެއް އޭނާ އަތުން ނާކާމިޔާބުވެސް ވިއެވެ. ކަމަދޫގެ ލަނޑު ޖެހީ މުޙައްމަދު ޝާބިން ޝިފާއު އެވެ. ތުޅާދޫ މުބާރާތް ނިންމާލީ ތިން ޕޮއިންޓާއެކު އެވެ. ކަމަދޫ އަށް ޕޮއިންޓެއް ނުލިބެއެވެ.

ކަމަދޫގެ މިސްހަލް އާއެކު ތުޅާދޫ ކުޅުންތެރިން: ފޮޓޯ-ކްލިކް ގްރަފީ

މެޗަށް ނިކުއިން އިރުވެސް ކަޓާފައި އޮތް ދެޓީމްގެ މެޗުގެ ޚާއްޞަ ކަމަކީ މުބާރާތުގެ އެންމެ ހަގު ކުޅުންތެރިޔާ ކުޅުމެވެ. މުބާރާތުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިއަކީ ކަމަދޫގެ ހުސައިން މިސްހަލް އަހުމަދު ހަސަން އެވެ. 15 އަހަރުގެ ކުޅުންތެރިޔާ ކުޅެން ނިކުތީ ދެވަނަ ހާފްގައި ކުޑަވަގުތުކޮޅަކަށެވެ. މެޗަށްފަހު ރެފްރީން ވަނީ މެޗުގައި ބޭނުންކުރި ދެ ކާޑްގައި ސޮއިކޮށް މިސްއަލް އަށް ހަދިޔާ ކޮށްފައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.