ބ.އަތޮޅު ފުޓްސަލް މުބާރާތް (ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024) ގެ އަންހެން ޑިވިޝަންގެ ސެމީފައިނަލްގައި ޗެމްޕިއަން ގޮއިދޫ އާއި ކިހާދޫ އަދި ދޮންފަނާއި ދަރަވަންދޫ ވާދަކުރަން ޖެހިއްޖެއެވެ.

ދަރަވަންދޫ ސެމީފައިނަލްގެ ޖާގަ ޔަގީން ކުރީ ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައެވެ. އެއީ ފަހު މެޗުގައި 2-1 ން އޭދަފުށި ބަލިކޮށްގެންނެވެ. މެޗުގައި ދަރަވަންދޫގެ ދެ ގޯލް ޖެހީ އާމިނަތު މައިހާ އާއި ފާތިމަތު މާޒިނާ އެވެ. އޭދަފުށީގެ ގޯލަކީ ދަރަވަންދޫ ކެޕްޓަން މާޒިނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މާޒިނާ އެވެ.
މިގްރޫޕުން އެއްވަނަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ގޮއިދޫ އެވެ. އެއީ ކުޅުނު ތިން މެޗުވެސް ފަސޭހައިން ކާމިޔާބުކޮށްގެންނެވެ. ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު ފަހު މެޗުގައި ކަމަދޫގެ މައްޗަށް ކުރިހޯދީ 8-0 ނެވެ. މެޗުގައި މައީޝާ އަބްދުލް ހަންނާން ފަސް ލަނޑު ޖެހި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އެޓީމްގެ އަނެއް ތިން ލަނޑު ޖެހީ ފިރުޝާނާ ނަސީރު އާއި ޝާނިޔާ އަހުމަދު ނިޒާމް އާއި ޒަހާ ނިޔާޒު އެވެ.

އަންހެން ޑިވިޝަންގެ ފައިނަލްގައި އެންމެ ފަހުން ވާދަކުރީ ގޮއިދޫ އާއި ދަރަވަންދޫ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގެ ސެމީފައިނަލްގެ ދެ ޖާގަ އޭދަފުއްޓާއި, ކިހާދޫ އަށް ވަނީ ޔަގީންވެފައެވެ. ބާކީ އެއް މެޗު އޮއްވާ އެދެޓީމަށް ސެމީގެ ޖާގަ ޔަގީންވީ ތުޅާދޫ އަތުން ކިހާދޫ މޮޅުވުމުނެވެ. ތުޅާދޫގެ މައްޗަށް ކިހާދޫން ކުރިހޯދީ 3-2 ނެވެ. މެޗުގައި ފުރަތަމަ ދެގޯލް ފުރަތަމަ ހާފްގައި ޖެހީ ތުޅާދޫންނެވެ. އެޓީމްގެ ދެ ގޯލް ޖެހީ އިބްރާހީމް ރަފާހު އާއި އަރުޝަމް އިސްމާއީލް އެވެ. ދެވަނަ ހާފްގައި ކިހާދޫގެ ތިން ލަނޑު ޖެހީ އަހުމަދު އާހިލް އާމިރު އާއި އަހުމަދު އަހުސަން އާއި ހުސެއިން ހަނާން އެވެ.

މިގްރޫޕްގައި ކުރިއަށް އޮތީ ކިހާދޫ އާއި އޭދަފުށި ވާދަކުރާ މެޗެވެ. އެއީ ގްރޫޕްގެ އެއްވަނަ ކަނޑައެޅޭނެ މެޗެވެ. ތުޅާދޫއާއި ކަމަދޫ ވާދަކުރާ މެޗުގެ ނަތީޖާއިން ކުރާނެ އަސަރެއް ނެތެވެ. އެދެޓީމްވެސް އޮތީ ޕޮއިންޓެއް ނުލިބިއެވެ.
ފިރިހެން ޑިވިޝަންގެ ގްރޫޕް ބީގައި ދޮންފަނާއި މާޅޮސް އެއްވަރުވުމުން އެގްރޫޕްގެ ސެމީގެ ޖާގަތައް އަދި ޔަގީނެއް ނުވެއެވެ. މެޗު އެއްވަރުވީ 2-2 ނެވެ. މެޗުގައި ދޮންފަނުގެ ދެ ލަނޑު ޖެހީ އިބްރާހީމް އިރުޝަމް އާއި މުހައްމަދު މުސްތާގު އެވެ. އަދި މާޅޮހުގެ ދެ ލަނޑު ޖެހީ މުޙައްމަދު ހަމްދާން އާއި އަހުމަދު އާލިމް ނައީމް އެވެ. މިމެޗުގައި ތިން ރަތްކާޑް ދެއްކިއެވެ.

މިވަގުތު ހަ ޕޮއިންޓާއެކު އެންމެ ކުރީގައި އޮތީ ދޮންފަނާއި ދަރަވަންދޫ އެވެ. ފެހެންދޫ އާއި ގޮއިދޫ އޮތީ ތިން ޕޮއިންޓާއެކު އެވެ. ދޮންފަނު ފިޔަވާ އަނެއް ހަތަރު ޓީމަށްވެސް ބާކީ މެޗެއް އޮތުމުން ދޮންފަނަށް އަމިއްލަ ބާރެއް ނެތެވެ. މާޅޮސް ވަނީ ކަޓާފައެވެ.
