ބ.އަތޮޅު ފުޓްސަލް މުބާރާތް ‘ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024’ ގެ އަންހެން ޑިވިޝަންގައި ގްރޫޕް އޭގެ އެއްވަނަ ދޮންފަން އަދި ދެވަނަ ޓީމްގެ ގޮތުގައި ކިހާދޫ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މިގްރޫޕްގެ ސެމީފައިނަލް ދެވަނަ ޖާގަ ޔަގީންވީ ފަހު މެޗުންނެވެ. ފަހު މެޗުގައި ކިހާދޫ އަތުން ދޮންފަން މޮޅުވިޔަސް, ކިހާދޫ އަށް ސެމީގެ ފުރުޞަތު ލިބުނީ ފައިދާ ގޯލުންނެވެ. މާޅޮހާ ކިހާދޫ އަށްވެސް ލިބުނީ ހަތަރު ޕޮއިންޓެވެ. އެކަމަކު ކިހާދުއަށް ފައިދާ އެއް ގޯލް އޮތެވެ. މާޅޮހަށް ފައިދާ ގޯލެއް ނެތެވެ.

ކިހާދޫގެ މައްޗަށް ދޮންފަން ކުރިހޯދީ 4-2 ނެވެ. މެޗުގައި ދޮންފަންގެ އައިމިނަތު ފަޒްލާ ދެ ގޯލް ޖެހިއެވެ. އެޓީމްގެ އަނެއް ދެ ލަނޑު ޖެހީ ހައިފާ ފިރާގު އާއި މަރިޔަމް ރަނާ އެވެ. ކިހާދޫގެ ދެ ލަނޑު ޖެހީ އައިމިނަތު ޝިފްލާ އާއި ފާތިމަތު ނިހާމާ އެވެ. މެޗު ދޮންފަނުން ކާމިޔާބުކުރީ ފުރަތަމަ ހާފްގައި ކިހާދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށެވެ.
ފަހު މެޗުގައި މާޅޮހުން 4-2 ން ތުޅާދޫ ބަލިކުރިއެވެ. މާޅޮހުގެ ފަރަހު އަހުމަދު އާއި ދުންޔާ ރަޝާދު ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. ތުޅާދޫގެ ދެ ލަނޑު ޖެހީ ޔުސްރާ ޔޫސުފްއާއި އަޒްލިފާ ދާއޫދު އެވެ.

ފިރިހެން ޑިވިޝަންގެ ގްރޫޕް ބީގައި ދަރަވަންދޫގެ މައްޗަށް 4-1 ން ދޮންފަން ވަނީ ކުރި ހޯދާފައެވެ. މެޗުގައި ދޮންފަންގެ ގޯލްތައް ޖެހީ އިބްރާހީމް ރާއި, ހަސަން ޒަރީރު, އިބްރާހީމް އިރުޝާމް އަދި އަހުމަދު ޒަޔާން އެވެ. ދަރަވަންދޫގެ ލަނޑު ޖެހީ ހުސެއިން ނާސިފް އެވެ.

މިގްރޫޕުން ފެހެންދޫ ބަލިކޮށް ގޮއިދޫ ވެސް ވަނީ އުއްމީދު ހޯދާފައެވެ. މެޗު ގޮއިދޫން ކާމިޔާބުކުރީ 1-0 ނެވެ. ހަމައެކަނި ލަނޑު ޖެހީ ހުސެއިން ޝިފާހު އެވެ. މިގްރޫޕުން ސެމީގެ ޖާގަތައް އަދި ޔަގީނެއް ނުވެއެވެ.
ނޯޓް: ރިޕޯރޓްގެ ވީޑިއޯ – ކްލިކް ލައިވް
