ދޮންފަނު ސެމީއަށް, ދަރަވަންދޫ ދެވަނަ މެޗުންވެސް މޮޅު

202

ބ.އަތޮޅު ފުޓްސަލް މުބާރާތް ‘ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024’ ގެ އަންހެން ޑިވިޝަންގެ ސެމީފައިނަލުން ދޮންފަނު ޖާގަ ޔަގީން ކޮށްފިއެވެ. ދޮންފަނު ސެމީގެ ޖާގަ ޔަގީން ކުރީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދައިގެންނެވެ.

ދޮންފަނުގެ ހައިފާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ކްލިކް ގްރަފީ

ދޮންފަނު ދެވަނަ މެޗު ކާމިޔާބުކުރީ ތުޅާދޫއާ ވާދަކޮށް 2-1 ނެވެ. މެޗުގައި ދޮންފަނުގެ ފުރަތަމަ ގޯލް ޖެހީ ހައިފާ ފިރާގު އެވެ. ދޮންފަނުގެ މަރިޔަމް ރަނާ އަތުން ބައިކޮޅަށް ވަން ލަނޑުން ނަތީޖާ ހަމަހަމަ ވެފައި ވަނިކޮށް, ދޮންފަނުން ދެވަނަ ފަހަރަށް ލީޑް ހޯދީ އައިމިނަތު ފަޒްލާގެ ލަނޑުންނެވެ.

ކިހާދޫއާއި މާޅޮސް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ކްލިކް ގްރަފީ

ދޮންފަނު ސެމީގެ ޖާގަ ޔަގީންކުރީ ބާކީ އެއް މެޗު އޮއްވައެވެ. ގްރޫޕްގެ އެއްވަނަ ޔަގީންކުރަން ގްރޫޕް ސްޓޭޖް ފަހު މެޗުގައި ވާދަކުރަން ޖެހޭނީ ކިހާދޫ އާއެވެ. މިގްރޫޕްގައި މާޅޮހާ ކިހާދޫ ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ މާޅޮހުންނެވެ. އެޓީމަށް ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ފަރަހު އަހުމަދެވެ. ކިހާދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފާތިމަތު ނިހާމާ އެވެ. މިދެޓީމަށްވެސް ސެމީގެ ފުރުޞަތު އެބައޮތެވެ.

ދަރަވަންދޫ ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ: ފޮޓޯ-ކްލިކް ގްރަފީ

މުބާރާތުގެ ފިރިހެން ޑިވިޝަންގައި ދަރަވަންދޫ ވަނީ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފައެވެ. ދަރަވަންދޫ ދެވަނަ މެޗު ކާމިޔާބުކުރީ ގޮއިދޫއާ ވާދަކޮށް 5-2 ނެވެ މެޗުގައި ދަރަވަންދޫގެ އީމާން އިލްޔާސް ތިން ލަނޑު ޖެހިއެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ސިމާން ދެ ލަނޑު ޖެހިއެވެ. ގޮއިދޫގެ ދެ ލަނޑު ޖެހީ އިބްރާހީމް ނާފިޒު އާއި ހުސެއިން ޝިފާހު އެވެ.

ލަނޑުޖެހުމަށްފަހު ކިހާދޫ ކުޅުންތެރިން: ފޮޓޯ-ކްލިކް ގްރަފީ

ފިރިހެން ޑިވިޝަންގައި ކަމަދޫގެ މައްޗަށް ކިހާދޫ ވަނީ ބޮޑު މޮޅެއް ހޯދާފައެވެ. މެޗު ކިހާދޫން ކާމިޔާބުކުރީ 4-0 ނެވެ. ކިހާދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަހުމަދު އަހުސަން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އަލީ އަނީސް އެއް ލަނޑު ޖެހިއެވެ. އަނެއް ލަނޑަކީ ކަމަދޫގެ އަލީ ހަމްދާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ގްރޫޕް އޭގެ މިދެޓީމްގެވެސް ފުރަތަމަ މެޗެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.