‘ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ’ 9 ރަށުން ވާދަކުރޭ

193

ބ.އަތޮޅުގެ ރަށްތަކުގެ މެދުގައި ކުރިއަށްގެންދާ ‘ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024’ އަތޮޅުގެ 9 ރަށަކާއެކު ފަށައިފި އެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ މުބާރާތުގެ މެޗުތައް މިއަހަރު ކުޅެނީ އަތޮޅުގެ ވެރިކަން ކުރާ ރަށް އޭދަފުށީގައެވެ.

ދޮންފަނު ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ކްލިކް ގްރަފީ

މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރަނީ 8 ޓީމެވެ. އަށް ޓީމް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭގައި ހިމެނެނީ މާޅޮސް, ދޮންފަނު, ކިހާދޫ އަދި ތުޅާދޫ އެވެ. ގްރޫޕް ބީގައި ހިމެނެނީ ދަރަވަންދޫ, ގޮއިދޫ, އޭދަފުށި އަދި ކަމަދޫ އެވެ. އަންހެން ޑިވިޝަންގެ ފުރަތަމަ ދެ މެޗު ކާމިޔާބުކުރީ ދޮންފަނާއި, ކިހާދޫ އެވެ.

ފިރިހެން ޑިވިޝަންގައި 9 ރަށަކުން ވާދަކުރެއެވެ. 9 ޓީމް ވަނީ ދެގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭގައި ހިމެނެނީ ތުޅާދޫ, އޭދަފުށި, ކިހާދޫ އަދި ކަމަދޫ އެވެ. ގްރޫޕް ބީގައި ހިމެނެނީ ގޮއިދޫ, ދޮންފަނު, މާޅޮސް, ދަރަވަންދޫ އަދި ފެހެންދޫ އެވެ. ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު ގޮއިދޫއާއި ދޮންފަނު ވާދަކޮށް ނިމުނީ އެއްވަރު ވެގެންނެވެ. ދެވަނަ މެޗު މާޅޮހާއި ވާދަކޮށް ކާމިޔާބުކުރީ ދަރަވަންދޫ އެވެ.

ކިހާދޫ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ކްލިކް ގްރަފީ

މުބާރާތް ފެށީ އަންހެން ޑިވިޝަންގެ މެޗުތަކުންނެވެ. ފުރަތަމަ މެޗު ދޮންފަނު ކާމިޔާބުކުރީ 2-0 ނެވެ. މެޗުގައި ދޮންފަނުގެ ފުރަތަމަ ގޯލް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އައިމިނަތު ފަޒްލާ އެވެ. ދެވަނަ ގޯލް ޖެހީ ޒައިނާ ހާލިދު އެވެ. ދެވަނަ މެޗު ކިހާދޫ ކާމިޔާބުކުރީ ތުޅާދޫއާއި ވާދަކޮށް 4-1 ނެވެ. މެޗުގައި ކިހާދޫގެ އައިޝަތު ފަޒްލީ ތިން ލަނޑު ޖަހާ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދިއެވެ. އެޓީމްގެ އަނެއް ލަނދު ޖެހީ މަރިޔަމް ހަމްދާ އެވެ. ތުޅާދޫގެ ހަމައެކަނި ލަނޑު ޖެހީ ސާޖިދާ އަބްދުއްރަހުމާނެވެ.

ގޮއިދޫ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ކްލިކް ގްރަފީ

ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު ގޮއިދޫ އާއި ދޮންފަނު ވާދަކޮށް ނިމުނީ އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާ ލީޑް ނެގީ ގޮއިދޫންނެވެ. އެޓީމްގެ ދެ ލަނޑު ޖެހީ އިބްރާހީމް ނާފިޒު އާއި މެޗުގެ މޮޅު ކުޅުންތެރިޔާ ހަސަން ޝާމް އެވެ. ދޮންފަނުގެ ދެ ލަނޑު ޖެހީ މުޙައްމަދު މުސްތާގު އެވެ. މާޅޮހުގެ މައްޗަށް ދަރަވަންދޫ ކުރިހޯދީ 2-0 ނެވެ. މެޗުގައި ދަރަވަންދޫގެ ދެ ލަނޑު ޖެހީ އަސްހާމް އަހުމަދާއި, ޝުޖާއު ހުސައިން އެވެ.

ދަރަވަންދޫ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ކްލިކް ގްރަފީ

އަތޮޅު ކައުންސިލުން ކުރިއަށްގެންދާ މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނީ މި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ.

ނޯޓް: ރިޕޯރޓްގެ ވީޑިއޯ ‘ކްލިކް ލައިވް’

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.