މާފުށި ރައްޔިތުން ސަރުކާރަށް: މަންތާފުށްޓަށް ކަރަންޓާއި ފެނުގެ ޚިދުމަތްދީ

933

ކ.މާފުށިން މިދިޔަ އަހަރު ދިރިއުޅޭނެ ގޯތި ދިނީ ވިއްސަކަށް އަހަރަށް ފަހު އެވެ. ރަށުގައި ގޯއްޗެއް ދޭނެ އެންމެ ބިންކޮޅެއްވެސް ނެތުމުން މިދިޔަ ސަރުކާރުން އެކަމަށް ހައްލެއް ހޯދައިދިނީ މާފުށްޓާ އިންވެގެން މާފުށި ވަރުގެ ރަށެއް ހިއްކައިގެންނެވެ.

ތޮއްޖެހި ފުރިފައި އޮތް މާފުށްޓަކީ 32 ހެކްޓަރުގެ ރަށެކެވެ. އެކަމަކު އެބިމުން ރަށުގެ ރައްޔިތުންނަށް ލިބެނީ 25 އަކަށް ހެކްޓަރެވެ. އެއީ ޖަލަށް ބޮޑު ސަރަހައްދެއް ދިނުމަށްފަހު, ކުރީގެ އިސްލާހިއްޔާއަށްވެސް ބިމެއް ދޫކޮށްފައި އޮތުމުންނެވެ. މާފުއްޓާ އިންވެގެން 2019 ވަނަ އަހަރު ހިއްކި ‘މަންތާފުށި އައިލެންޑް” އަކީ 25 ހެކްޓަރުގެ ރަށެކެވެ. ދާދި ކުރު މުއްދަތެއްގެ ތެރޭގައި އެރަށް ހިއްކާ ނިންމިއެވެ.

ތޮއްޖެހިފައިވާ މާފުށި: ފޮޓޯ-ފައި

އެރަށުން ގޯތި ދޫކުރީ މިދިޔަ 2023 ވަނަ އަހަރު އެވެ. 314 ގޯތި އެރަށުން ވަނީ ދޫކޮށްފައެވެ. އެއީ ދިރިއުޅެން ރަށުގެ ރައްޔިތުންނަށް ދޫކުރި 308 ގޯއްޗާއި, ކައުންސިލުން ވިއްކި 6 ގޯއްޗެވެ. އެގޯތިތަކުގެ ވެރިން ވަނީ ވަށާފާރު ރާނާ, ގޯތީގެ ރަޖިސްޓްރީ ހޯދާފައެވެ. އެކަމަކު އިތުރަށް މަސައްކަތް ކުރެވޭކަށް ނެތެވެ.

ބޯހިޔާވަހިކަމަށް ހޯދައިދިން ހައްލުގައި ހަގީގީ ކުލައެއް ޖެއްސެން އޮތީ ކަރަންޓާއި ފެނުގެ ޚިދުމަތް ލިބިދީގެންނެވެ, އެގޯތިތައް އިމާރާތް ކުރެވެން އޮތީ ކަރަންޓާ ފެން ގުޅައިދީގެންނެވެ. މާފުށި ކައުންސިލްގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް އެކަން ނުކުރެވި, ނުފެށި ލަސްވާ ލަސްވުމެވެ. ކައުންސިލްގެ ރައީސް ހަސަން ސޮލާހު އެކަން ފާހަގަކުރެއްވިއެވެ.

އެންމެ އިސްކަމަކަށް މިއޮތީ އެގޯތިތަކުގައި އާބާދުކުރެވޭނެ ގޮތްތަކެއް ހޯދުން. ދެން އެކަމަށް އެންމެބޮޑު ގޮންޖެހުމަކީ ފެނާއި, ނަރުދަމާ އަދި ކަރަންޓް އެތަނަށް ގުޅިފައި ނެތުން. މިހާރުވެސް 308 ގޯއްޗެއް ދޫކުރިއިރު, ތިން ގޯއްޗެ ފިޔަވާ ހުރިހާ ގޯއްޗެއް އެހެރީ ވަށާފާރު ރާނާފަ. އޭގެތެރެއިން ފަސްވަރަކަށް ގޯތީގައި މިހާރު ހަމަ ގުދަން ހަދައިގެން ހަމަ ބޭނުންކުރަމުންދޭ. އިތުރު ގޯތިތައް ދިރިއުޅުމަށް ގެދޮރު ބިނާކުރަމުން އެދަނީ

މާފުށި ތޮއްޖެހިފައި އޮތުމުގެ ސަބަބުން މައްސަލަތަކެއް މިހާރުވެސް ދިމާވަމުންދާކަން ރަށުގެ ބައެއް މީހުން ފާހަގަކުރެއެވެ. އަދި ވަކި ދިރިއުޅުމަކަށް ޒުވާން ޖީލުން ކުރާ އުއްމީދަށް އަވަސް މަގެއް ކޮށަދިނުމަކީ ސަރުކާރުން އިސްކަންދޭން ޖެހޭނެ ކަމެއް ކަމަށްވެސް އެމީހުން ދެކެއެވެ. މާފުށީގައި ސްޓްލްކޯއާއި ފެންކުންފުނި, އެމްޑަބްލިޔުއެސްސީ އެބައޮތެވެ. ހިއްކި ރަށުން ސްޓެލްކޯއަށް ދޫކޮށްފައިވަނީވެސް ބޮޑު ބިމެކެވެ. އަދި ފެންކުންފުނިން ޕަމްޕް ސްޓޭޝަންތައް ހަދަން ބޭނުންވާ ސަރަހައްދުތަކުންވެސް އެކަމަށް ބޭނުންވާ އިންތިޒާމް ހަމަޖައްސައި ދެއެވެ. ހަމަނުޖެހެނީ އެރަށަށް ފެނާއި ކަރަންޓެވެ. ނަރުދަމާއެވެ. އެކަން ނުފެށުމުގެ ކަންބޮޑުވުން ގޯތި ލިބުނު ފަރާތްތަކުގެ ބޮޑެވެ.

މަންތާފުށިން ދޫކޮށްފައިވާ ގޯތިތަކުގައި ވަށާފާރު ރާނާފައި: ފޮޓޯ-ފައި

އެރަށުން ގޯތި ލިބުނު ޒުވާނެއް ކަމަށްވާ ހައްސާން ރަޝީދު ބުނީ ކަރަންޓާއި ފެން ގުޅައިދިންހާ އަވަހަކަށް ގޯތި އިމާރަތްކުރަން އޭނާ ތައްޔާރަށް ހުރި ކަމަށެވެ. އަދި އޭނާ ފަދައިން އެހެން މީހުންވެސް ތިބީ ގޯތީގައި އިމާރާތްކުރަން ތައްޔާރަށް ކަމަށް އޭނާ ބުންޏެވެ.

އެއްވެސް އެއްޗެއް ނެތް. މަސައްކަތް ދާހިސާބެއްވެސް, މަސައްކަތް ގޮސްފައި އޮތް ހިސާބެއްވެސް އެއްވެސް ވަރަކަށް ސާފެއްނުވޭ އަޅުގަނޑުމެންނަކަށް.

މަންތާފުށިން ގޯތި ލިބުނު ޒުވާނެއް ކަމަށްވާ އިނާޔާ އޭނާގެ ގޯތި ކައިރީގައި ހުރެ ބުނީ އެތަނުގައި ދިރިއުޅެންން, އެބިމުން އާމްދަނީ ހޯދަން ކެތްމަދުވެފައި ހުރި ކަމަށެވެ. ވަށާފާރު ރާނާފައިވާ ގޯއްޗަށް އިޝާރާތްކޮށް އޭނާ ބުނީ ގޯތި ލިބުނު ފަހުން އަހަރެއް ފާއިތުވެއްޖެ ކަމަށެވެ. އަދި މާފުށިން ގޯތި ދިނީ ވިއްސަކަށް އަހަރު ފަހުންކަން ފާހަގަކޮށް އިނާޔާ ބުނީ އެއްވެސް ފެށުމެއް ފަށައިނުގަނެވިފައި ހުރީ ކަރަންޓާއި ފެނާއި, ނަރުދަމާ ނެތުމުން ކަމަށެވެ.

ވަރަށްގިނަ ބޭފުޅުން ހަމަ ވަގުތުން ވަގުތަށް ބޭނުންވޭ މިގޯތީގައި ގެދޮރު އިމާރާތްކޮށްގެން, ދިރިއުޅެން ފަށަން. ވަރަށް ހާލުގައި އުޅޭ ބޭފުޅުން އެބައުޅުއްވާ, ހަމަ އެންމެންވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް މަންތާފުށީގައި މިލިބުނު ގޯތިތަކަށް, ގެތަކަށް ބަދަލުވެގެން ދިރިއުޅެން ފަށަން

މާފުށްޓަކީ 2400 ގެ އާބާދީއަކަށް ވިޔަސް އަބަދުވެސް 6000 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. 52 ގެސްޓް ހައުސްގައި 100 ކޮޓަރި ހުރި މިރަށަކީ ލޯކަލް ޓޫރިޒަމްގެ އެންމެ ކުރީގައި އޮތް ރަށެވެ. ދައުލަތުގެ ބަޖެޓަށް އެންމެ ބޮޑު އާމްދަނީ އެއް ވައްދާ އެއް ރަށެވެ. މިދިޔަ އަހަރު އެކަނިވެސް 100 މިލިއަން ދިވެހި ރުފިޔާ މާފުށިން ދައުލަތުގެ ބަޖެޓަށް ވެއްދިކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.

މިއަހަރުގެ ފުރަތަމަ 9 މަސް ދުވަހު އެކަނިވެސް މިރަށަށް 130,000 މީހުން ޒިޔާރަތް ކުރިއެވެ. ރަށުގެ ތޮއްޖެހުން ކުޑަކުރެވޭނީވެސް, ރަށުގެ ތަރައްޤީ ކުރިއަށް ގެންދެވެން އޮތީވެސް, އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ހޯދެން އޮތީވެސް އަދި ލޯކަލް ޓޫރިޒަމް ފުޅާ ކުރެވެން އޮތީވެސް މަންތާފުށިން ގޯތި ލިބުނު މީހުންނަށް އެގޯތިތަކަށް ބަދަލު ވެވިގެންނެވެ. އެގޯތިތަކުގައި ގެދޮރު ބިނާކުރެވެން އޮތީ ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތްވެސް ލިބިދީގެންނެވެ. އެކަން ކުރަން އޮތް ހުރަހަކީ ކޮބައިކަން ސާފްކޮށްދޭންވީ އެޒިންމާ އޮތް ސަރުކާރުންނެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.