މާފުށީގެ ނަމާއެކު ދެން އަންނަނީ ލޯކަލް ޓޫރިޒަމްގެ ވާހަކައެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. ލޯކަލް ޓޫރިޒަމޭ ބުނުމުން އެންމެ ފުރަތަމަ މާފުށީގެ ނަން ހިތަށް އަންނަ ސަބަބުތައް ގިނައެވެ. ލޯކަލް ޓޫރިޒަމްގެ ފެށުމެވެ. އެންމެ ބޮޑަށް ފުޅާވެފައި އޮތް ރަށަކަށް ވުމެވެ. އެންމެ ގިނަ މީހުން, ފަތުރުވެރިން ޒިޔާރަތް ކުރާ ރަށަށް ވުމެވެ. އަދި އެތައް ސަބަބެކެވެ.

2024 ވަނަ އަހަރުން އޮކްޓޯބަރު މަސް ގުނަމުންދާއިރު މާފުށީގެ ލޯކަލް ޓޫރިޒަމަށް އައިސްފައިވާ ބައެއް ބަދަލުތައް އަކުރުތަކުން ބަލާނަމަ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިރަށަށް ޒިޔާރަތް ކުރި މީހުންގެ އަދަދުން ފެށުން ރަނގަޅެވެ. އެމުއްދަތުގައި 130,000 މީހުން މިރަށަށް ޒިޔާރަތް ކޮށްފިއެވެ. މިރަށާ މާލެއާ ދެމެދު ދުވާލަކު 40 ދަތުރު ކުރެއެވެ. އެއީ ސްޕީޑް ލޯންޗްގައި ކޮޅަކަށް 20 ދަތުރެވެ. މިއަދަދުން އެކަނިވެސް މާފުށްޓަށް އޮތް ޑިމާންޑް ސާފެވެ.
މިރަށުގައި މިވަގުތު 52 ގެސްޓްހައުސް އެބަހުއްޓެވެ. އެއީ 1000 ކޮޓަރިއެވެ. 2000 ބެޑެވެ. މާނައަކީ އެއްފަހަރާ 2000 ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ. މިއަހަރު ނިމޭއިރު އެއަދަދަށް 300 އިތުރުވާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ.
ލޯކަލް ޓޫރިޒަމްގައި މިރަށުން ނުލިބޭ ޚީދުމަތެއް ނެތެވެ. މުދު ކުޅިވަރަށް އެކަނި ބެލިޔަސް ނަން ހުސްކޮށެވެ. މޫދު ކުޅިވަރުން އެކަނި ނަފާ ހޯދާ އެތައް ބައެކެވެ. މުދު ކުޅިވަރަށް އޮތް ޝައުގެއްގައި ޒިޔާރަތްކުރާ އެތައް ފަތުރުވެރިންނެކެވެ. ދިވެހިންވެސް ހިމެނެއެވެ. ކެފޭ ރެސްޓޯރަންޓްތައް ގިނައެވެ. މެނޫ ތިޔާގިވެފައި ރަހަތައް ބަރާބަރެވެ.

މިރަށުގެ އާބާދީ އަކީ 2400 އެވެ. އެކަމަމު މިރަށުގައި އަބަދުމެ އުޅެ މީހުންގެ އަދަދު 6000 ފަހަނަ އަޅައެވެ. މަހެއް ފަހުން ދެން ބަލާއިރުވެސް މިއަދަދު ތަކަށް ބަދަލުތައް އަންނާނެއެވެ. މާފުށީގެ ލޯކަލް ޓޫރިޒަމް ފުޅާވަމުން ކުރިއަރަމުން ދަނީ މާބާރަށެވެ.