އީދު ކުޅިވަރެއްގައި ނަމަ އެއީ ގަދަ ތިނެކެވެ. އެތައް ބައެއްގެ ނަޒަރުގައި އެއީ އެއްވަނަ އެވެ. ކުޅިވަރު މުބާރާތެއް ރާވާ ހިންގާނަމަ އެއީ އެއްވަނަ އެވެ. ޔަގީނުންވެސް ފަހަތަށް ޖައްސާ ނުލެވޭނެއެވެ. މިއީ ރ.މީދޫ ކުރުކޮށް ސިފަކޮށްލަން ހަމަ ރަނގަޅު ދެވާހަކައެވެ. ރ.މީދޫގެ ތަސްވީރުތައް ހާވާލުމުން ޔަގީންކުރެވޭނެ މުހިއްމު ދެ ސިފައެވެ.

ދެން އޮތީ ރަށަށް ޒިޔާރަތް ކުރުމާއެކު ފާހަގަކުރެވޭނެ މުހިއްމު ބައެއް ކަންކަމެވެ. ރަށުގައި ފައިޖެހުމާއެކުވެސް ސާފްތާހިރު ރަށެއްކަން ޔަގީން ކުރެވޭނެއެވެ. ރަށުގެ މަގުތަކުން ކުރިއަށް ދިޔަވަރަކަށް އެހިތްހަމަ ޖެހުން ބޮޑުވާނެއެވެ. މިއީ މަގުތައް އެންމެ ރީތި އެއް ރަށެވެ. މީދޫއަށް ޒިޔާރަތްކޮށް ރަށުގެ މަގުތަކުން ކުރިއަށްދާ ވަރަކަށް އެކަން އިހުސާސް ކުރެވޭނެއެވެ. މީދޫގެ ދުވަސްވީ ރައްޔިތުން ވަރަށް ފަޚުރުވެރިކަމާއެކު ބުނާ ވާހަކައަކީވެސް މިއީ އެވެ. ” މިރަށަކީ މަގުތައް ރީތި ރަށެކެވެ. މަގުތައް ވަރަށް ރީތި ރަށެކެވެ” ރަށުގެ ދުވަސްވީ %99 މީހުންގެ ދުލުން މިޖުމްލަ ބޭރުވެއެވެ.
ކުޅިވަރު މުބާރާތްތަކުގެ ލޮލިޓީއާއި, އީދު ކުޅިވަރު ތަފާތުވުމުގެ ފަހަތުގައި އޮތީ މައިގަނޑު ދެސަބެކެވެ. ފުރަތަމަ ސަބަބަކީ ފަންނުވެރިންގެ ރަށަކަށް ވުމެވެ, ފަންނުވެރިން ގިނަ, ފަންނުވެރިންގެ ހުނަރު ދައްކާ ރަށަކަށް ވުމެވެ. ދެވަނަ ސަބަބަކީ ކްލަބް ޖަމްއިއްޔާތަކުގެ ވާދަވެރި ކަކެވެ. އެވާދަވެރިކަމުގެ ތެރެއިން އެއްބަޔަކަށްވުރެ މޮޅަށް ‘ކޮލިޓީ’ ކޮށް ކުރަން އަނެއް ބަޔަކު ބޭނުންވުމެވެ. މަސައްކަތް ކުރުމެވެ. ނަތީޖާއަކީ ކޮންމެ އާ އިވެންޓެއްގެ ފެންވަރު ރަނގަޅު ވުމެވެ. މީދޫއަށް ވުރެ ވަކި ކޮލިޓީކޮށް ހަރަކާތްތައް ހިންގާ, މުބާރާތްތައް ރާވާ ހިންގާ ރަށެއް ނެތްކަން ‘ޔަގީން’ ކަމާއެކު ބުނަން ޖެހިލުމެއް ނެތެވެ. މިރަށަކީ ބޭނުންވާ ހުރިހާ ޚިދުމަތެއް ލިބޭ ރަށެކެވެ. މުބާރާތެއް ބާއްވާނަމަ ޓްރޮފީ ހެދުމާއި, ޖަރޒީ ތައްޔާރުކުރުމާއި, ބެނާތައް ޕްރިންޓް ކުރުންފަދަ ހުރިހާ ކަމެއްވެސް ރަށުން ކުރެވެއެވެ.
މީދޫގެ މިމާހައުލަކީ ރަހުމަތްތެރި މާހައުލެކެވެ. މެހުމާނުންނަށް މަރުހަބާ ކިޔާ ހިތްގައިމު މާހައލެކެވެ. އެކަން ކައުންސިލްގެ ރައީސް ހަސަން ޝަރީފް ޔަގީންކޮށްދެއެވެ.
އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާނީ މީދޫގެ ރައްޔިތުންގެ އެހެން ރަށްރަށުން ޒިޔާރަތްކުރައްވާ ބޭފުޅުންނަށް ދެއްވާ މެހުމާންދާރީ. ރަށުގެ ސާފްތާހިރުކަމަކީވެސް ރަށަށް ޒިޔާރަތްކުރާ ވަރަށްގިނަ ބަޔަކު ލޮލުގަ އަޅައިގަންނަ ކަމެއް. ހަމައެހެންމެ މީދޫގެ ފަންނުވެރިންގެ ފަންނީ މަސައްކަތްތަކަކީވެސް މީދޫގެ ޚާއްޞަ ކަމެއްގެ ގޮތުގައި އެހެން ރަށްރަށުގެ ބޭފުޅުން ފާހަގަކުރައްވާ.
ރަށް ފުރި ގޯތި ދޫކުރާނެ ބިން ނެތަސް, ރަށުގައި ރީތި ތުނޑިއާއި މޫދެއް އެބައޮތެވެ. ހިތްހަމަ ޖައްސާލަން ނިކުމެ މަޑުކޮށްލާން ތަންތަން އެބަހުއްޓެވެ. ހަވީރުވެގެން އަންނަ އިރު އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އެފަދަ މައިދާންތަކުން ގިނަ އަދަދަކަށް ފެންނާނެއެވެ. އެއީ އުފާވެރި މަންޒަރެކެވެ. އެފަދަ މަންޒަރުތައް މިލިޔުމާއެކުވާ ވީޑިއޯ ރިޕޯރޓުން ފެންނާނެއެވެ.

މިއީ 2300 ހަމަވުމާ ގާތުގައި އޮތް އާބާދީ އެކެވެ. ރަށުގައި ގެސްޓްހައުސްއެއް ނެތަސް ރަނގަޅު ފެންވަރުގެ ކޮޓަރި ގޭގެއިން ކުއްޔަށް ލިބެއެވެ. އާއްމު އަގަކީ ދުވާލަކަށް 400 ރުފިޔާ އެވެ. ކެފޭ ރެސްޓޯރަންޓްގެ ޚިދުމަތް ފުރިހަމައަށް ލިބެއެވެ. 5 ކެފޭގެ ތެރެއިން 3 ކެފެފޭ ނުވަތަ ރެސްޓޯރަންޓަކީ ފުޅާކޮށް ޚިދުމަތްދޭ ތަންތަނެވެ. މާލެއާ މީދޫއާ ދެމެދު ސްޕީޑް ލޯންޗްގައި ހޭދަވަނީ ތިން ގަޑިއެއްހާ އިރެވެ. ކޮޅަކަށް 700 ރުފިޔާ ނަގައެވެ.
މިރަށަށް ޒިޔާރަތްކޮށްލަން އެންމެ ރަނގަޅީ އީދެއް ނުވަތަ މުބާރާތެއް ނުވަތަ އެހެންވެސް ހަރަކާތެއްގެ ތެރެއިންނެވެ. ޢާއްމުކޮށް އަބަދުވެސް ކޮންމެވެސް ބައެއްގެ ހަރަކާތެއް އޮވެއެވެ.