އޭދަފުށި ކަޕް: ފައިނަލްގެ ކުރިން ދެ ކޯޗުންގެ ބަސް!

224

ފުޓްބޯޅައިގެ ހިތްގައިމު ވެށި, އޭދަފުށީގައި ކުރިއަށްގެންދާ އޭދަފުށި ކަޕްގެ ފައިނަލް މެޗުގެ ޓިކެޓް ވިއްކަން ފެށިތާ ދޮޅު ގަޑިއިރުގެ ތެރޭގައި ވިކި ހުސްވެއްޖެއެވެ. 30 ރުފިޔާއަށް ޓިކެޓެއްގެ މަގުން ފައިނަލް މެޗުގެ ޓިކެޓްތައް ފައިނަލް މެޗުގެ 24 ގަޑިއިރަށްވުރެ ކުރިން ވިކި ހުސްވުމުން ފައިނަލްގެ ވާދަވެރިކަމާއި, ފޯރި އޮންނާނެ މިންވަރު ވަޒަން ކުރެވެއެވެ.

ލީގު ބުރުގައި އިރުމަތި އެފްސީއާއި ވެލާ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ކްލިކް ގްރަފީ

ފައިނަލްގައި އެއްކޮޅުން ވާދަކުރަނީ އިރުމަތި އެފްސީއެވެ. އަނެއް ކޮޅުން ވާދަކުރަނީ ވެލާ ސްޕޯރޓްސް ކްލަބެވެ. ލީގު ބުރުގެ އެއްވަނަ ހޯދައިގެން ފައިނަލްގެ ޖާގަ ހޯދީ އިރުމަތި އެފްސީއެވެ. ލީގު ބުރުގައި ކުޅުނު ހަތަރު މެޗުންވެސް އެޓީމް ބައްޔެއް ނުވެއެވެ. ތިން މެޗުން މޮޅުވެ, އެއް މެޗު އެއްވަރު ވިއެވެ. އެއްވަރުވީ އެންމެ ފަހުގެ ޗެމްޕިއަން ހުސް ސޮންގުންއާ ވާދަކުރި މެޗެވެ. އިރުމަތި އެފްސީން ވަނީ ލީގު ބުރުގައި 1-0 ން ވެލާ ސްޕޯރޓްސް ކްލަބް ބަލިކޮށްފައެވެ. އެއީ ފައިނަލަށް ނިކުންނައިރު އިރުމަތި އެފްސީގެ ކޯޗު ޝާފީއަށް އޮތް ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

އެކަމަކު ޝާފީ ބުނީ ފައިނަލްގައި އިދިކޮޅަށް ނިކުންނަން ޖެހެނީ އެންމެ ޓަފް, އެންމެ ސްކޮޑް ޑެޕްތް ވަރުގަދަ, ހުރިހާ ގޮތަކުންވެސް މުބާރާތުގެ ފެވަރިޓުންނާ ދެކޮޅަށް ކަމަށެވެ.

ޓީމަށް އޮތް ހިތްހަމަ ޖެހުމަކީ ގްރޫޕް ސްޓޭޖްގައި ޓީމްގެ ގޭމްޕްލޭނާ އެއްގޮތަށް ކުޅެ އެޓީމް ބަލިކޮށްފައި އޮތުން. ފައިނަލް މެޗަށްވެސް މިނިކުންނަނީ ހަމަ ވެލާ ޓީމް މިމުބާރާތުގައި ކުޅުނު ހަތަރު ފަސް މެޗަށްވެސް ބަލާ އަޅުގަނޑުމެންގެ މިޓީމްގެ ކުޅުމާ އެއްޗިހި ބަލާފަ އަހަރެމެންގެ ސްޓްރެންތަކީ ކޮބައިކަން ދެނެގަނެ, ހަމައެގޮތަށް ޓީމްގެ ވީކްނަސްއަކީ ކޮބައިކަން ދެނެގަނެ އެމީހުންގެ ވީކްނަސްއަށް އެޓޭކް ކުރަން އަހަރެމެން މިނިކުންނަނީ.

ޝާފީ ބުނީ މުބާރާތުގައި ވާދަކުރި އަނެއް ތިން ޓީމަށް ބަލާއިރުވެސް ސްކޮޑް ޑެޕްތް އެންމެ ދަށް ޓީމަކީ އޭނާގެ ޓީމް ކަމަށެވެ. އެކަމަކު ފައިނަލަށް ދިއުމުގެ އަސްލަކީ މެޗަކަށްފަހު މެޗެއް ނަގަން އަމާޒު ހިފައިގެން އިދިކޮޅުން ކުޅޭ ޓީމަކީ ކޮބައިކަން އެނގިގެން އެދުވަހެއްގެ ގޭމްޕްލޭން ހަދައިގެން މަސައްކަތް ކުރުން ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެން މިމެޗު ކާމިޔާބުކޮށްގެން މުބާރާތް ނިންމާލާނީ.” ޝާފީ ބުންޏެވެ.

ފައިނަލަށް ނިކުންނައިރު އިރުމަތި އެފްސީއަށް އަރާމް ކުރަން ތިން ދުވަސް ލިބުނެވެ. ކޮންމެ ސައުވީސް ގަޑިއިރަކުން މެޗެއް ކުޅެމުން އައިސް ފައިނަލްގެ ކުރިން ތިން ދުވަސް ލިބުމަކީ އަނިޔާގައި ތިބި ކުޅުންތެރިން ރިކަވާވާން އެކަށީގެންވާ ވަރަކަށް ނުވިޔަސް, ވަރުބަލިވެފަ ތިބި ކުޅުންތެރިން ރެސްޓް ކުރަން ރަނގަޅު މުއްދަތެއް ކަމަށް ކޯޗު ދެކެއެވެ. އޭގެ ފައިދާ ފައިނަލްގައި ކުރާނެ ކަމަށް ކޯޗު ޝާފީ އުއްމީދު ކުރެއެވެ.

ލީގު ބުރުގައި ވެލާއާއި އިރުމަތި އެފްސީ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ކްލިކް ގްރަފީ

ވެލާ ސްޕޯރޓްސް ކްލަބަކީ މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން އެންމެ ވަރުގަދަ ސްކޮޑެއް އޮތް ޓީމެވެ. އެންމެ ތަޖުރިބާ ބޮޑު ކޯޗެއްވެސް ހުރީ ވެލާ ބެންޗްގައެވެ. ކޯޗު އަހުމަދު ނިޔާޒު ބުނީ ލީގު ބުރުގައި އިރުމަތި އެފްސީ އަތުން ބަލިވެފައި އޮތުމަކީ އޭގެ އަސަރު ފައިނަލަށް ކުރާނެ ކަމެއް ނޫން ކަމަށެވެ. ގްރޫޕް ސްޓޭޖް މެޗަކާ ފައިނަލް މެޗާ ވަރަށް ތަފާތުވާނެ ކަމަށް އޭނާ ބުންޏެވެ.

 ގްރޫޕް ސްޓޭޖްގައި އެކުޅުނު ޓެކްޓިކްސްވެސް ބޭނުމެއް ކުރާކަށް ނުވެސް ޖެހޭނެ. އަދި އެޓެކްޓިކްސްއަށް މަސައްކަތް ކުރުމަކީވެސް މައްސަލައެއްނޫން. އުއްމީދުކުރަނީ ހަމަ ރަނގަޅު ފައިޓެއް ދީގެން ރިޒަލްޓަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ރިޒަލްޓަކަށް ހެދޭނެ ކަމުގެ އުއްމީދު އޮތީ.

މުބާރާތުގެ ފައިނަލުން ވެލާ ސްޕޯރޓްސް ކްލަބް ޖާގަ ހޯދީ ސެމީފައިނަލްގައި 1-0 ން ޗެމްޕިއަން ހުސް ސޮންގުން ބަލިކޮށްގެންނެވެ. އެމެޗުގެ ހަމައެކަނި ލަނޑު ވެލާ ޓީމުން ޖެހީ މެޗުގެ ފަހު މިނިޓްގައެވެ. ވެލާ ސްޕޯރޓްސް ކްލަބަކީ ލީގު ބުރުގެ ދެވަނަ ޓީމެވެ. ފަސް ޓީމް ވާދަކުރި މުބާރާތުގެ ފައިނަލް މެޗުގައި ވެލާ ސްޕޯރޓްސް ކްލަބާއި އިރުމަތި އެފްސީ ވާދަކުރާނީ ހުކުރު ދުވަހު ހަވީރުއެވެ. ޔަގީނުންވެސް ސަޕޯޓަރުންގެ ވަރުގަދަ ތަރުހީބަކާއެކު ވާދަވެރި އަދި ފޯރިގަދަ ފައިނަލް މެޗެއް ފެންނާނެއެވެ. ސުވާލަކީ ތަށި ހޯދާނީ ކޮން ޓީމެއްތޯއެވެ!

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.