ޗެމްޕިއަން ހުސް ސޮންގުން ބަލިކޮށް, އޭދަފުށި ކަޕް ފައިނަލްގެ ދެވަނަ ޖާގަ ވެލާ ސްޕޯރޓްސް ކްލަބް ހޯދައިފިއެވެ.
ވެލާ ސްޕޯރޓްސް ކްލަބް ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ސެމީފައިނަލްގައި ވާދަވެރި ކުޅުމަކަށް ފަހު 1-0 ން ހުސް ސޮންގުން ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހާ ވެލާ ފައިނަލަށް ގެންގޮސް ދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މެޗުގެ އެންމެ ފަހު މިނިޓްގައި ސައްޓު ގޯލް ޖެހީ ކެޕްޓަން ހުސެއިން ޝަރީފް ކޯނަރަކުން ހުރަސްކުރި ބޯޅައެއްގައި މިޑްފީލްޑަރ ނިޝާމް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ގޯލް އެޭރިޔާ ތެރޭގައި ހުރެ ބޮލުން ގޯލަށް ފޮނުވާލާ ޓީމް މޮޅު ކޮށްދިން ނަމަވެސް ސައްޓު އުފާ ފާލެއް ނުކުރެއެވެ. އެއީ ކުރީގެ ޓީމަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.

ސައްޓު އަކީ މިދިޔަ އަހަރު ހުސް ސޮންގުން ތަށި ހޯދިއިރު އެޓީމްގެ މުހިއްމު ކުޅުންތެރިއެކެވެ. މިއީ މިއަހަރު ވެލާ ސްޕޯރޓްސް ކްލަބަށް ބަދަލުވެ ސައްޓު ކުޅުނު ދެވަނަ މެޗެވެ. އަދި ފުރަތަމަ އެގާރައިގަ ހިމެނިގެން ނިކުއިން ފުރަތަމަ މެޗެވެ.
މެޗުގައި ލަނޑު ޖަހަން ހުސް ސޮންގުން އަށްވެސް ފުރުޞަތު ލިބުނެވެ. އެކަމަކު މެޗުގައި ބޮޑަށް ބާރުބޮޑުވީ ހުސް ސޮންގުންގެ ފަހަތަށެވެ. މެޗަށްފަހު ވެލާގެ ކޯޗު އަހުމަދު ނިޔާޒު ބުނީ މެޗަށް ނިކުތީ މޮޅަކަށް ކަމަށާއި, އެކަން ހާސިލް ވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
ވިން އަކަށް އަސްލު އުއްމީދު ކުރީ, އެކަމަކު ދެން މެޗު ޑިސައިޑް ކުރަން ފުރަތަމަ ހާފްގައިވެސް ވަރަށް ބައިވަރު ޗާންސް ލިބިފައި އެދިޔައީ. އެވްރެޖްކޮށް ބުނަންޏާ ހަމަ ވަރުގަދަ ޓީމެއް ހުސް ސޮންގުން އަކީވެސް. އެހެންވީމަ މިރިޒަލްޓް ހަމަ ހިތްހަމަ ޖެހެއޭ ބުނާނީ.
ހުސް ސޮންގުންގެ ކޯޗު އަބްދުއްސަލާމް ހާމިދު ބުނީ ވެލާގައި އޮތް ސްކޮޑާ ބަލާއިރު އެޓީމަށް ނުކުޅެވޭ ކަމަށާއި, ހުސް ސޮންގުން މެކްސިމަމް ދިން ކަމަށެވެ.
ވާގޮތަކީ އަހަރެމެން އަތުގަ ބަދަލުކޮށްލާނެ މީހަކު ނެތުމާއި, އިންޖަރީތައް ގިނަވުމާއި, މިކަހަލަ ކަންތައްތަކެއް މިހުންނަނީ.
ހުކުރު ދުވަހު ކުޅޭ ފައިނަލްގައި ވެލާ ސްޕޯރޓްސް ކްލަބް ނިކުންނާނީ އިރުމަތި އެފްސީއާ ދެކޮޅަށެވެ. ލީގު ބުރުގައި އިރުމަތި އެފްސީން ވަނީ 1-0 ން ވެލާ ސްޕޯރޓްސް ކްލަބް ބަލިކޮށްފައެވެ. އިރުމަތި އެފްސީ ފައިނަލަށް ދިޔައީ ލީގު ބުރުގައި ކުޅުނު މެޗަކުން ބަލިނުވެ, ބައިކޮޅަށްވެސް ގޯލަށް ނުވައްދާ 10 ޕޮއިންޓާއެކު އެއްވަނަ ޓީމްގެ ގޮތުގައެވެ.