އޭދަފުށި ކަޕްގެ ފައިނަލްގެ ސީދާ ޖާގަ އިރުމަތި އެފްސީން ހޯދައިފިއެވެ. އިރުމަތި އެފްސީން ފައިނަލްގެ ސީދާ ޖާގަ ހޯދީ ލީގު ބުރުގެ ފަހު މެޗުގައި 3-0 ން ކައްކަނި ސްޕޯރޓްސް ކްލަބް ބަލިކޮށް, ޖުމްލަ 10 ޕޮއިންޓް ހޯދައިގެންނެވެ. މެޗަށް ނިކުއިންއިރުވެސް ގަދަ ތިނެއް ޔަގީންވެފައި އޮތް އިރުމަތި އެފްސީ އަށް އެއްވަރު ކޮށްލައިގެންވެސް ފައިނަލްގެ ސީދާ ޖާގަ ލިބެއެވެ. މެޗުގައި އިރުމަތި އެފްސީގެ ފުރަތަމަ ދެ ލަނޑު ޖެހީ އައްޒާމް އަބްދުالله އެވެ. ތިންވަނަ ލަނޑު ޖެހީ އައިހަމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އައްޒާމް އެވެ.

ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު ދެވަނަ ހާފް ކުރިއަށް ގެންދިޔައީ ބޯ ވާރޭގެ ތެރޭގައެވެ. ކުޅުން ކުރިއަށް ނުގެންދެވިގެން ވަގުތުކޮޅަކަށް މެޗު މެދުކަނޑާލި ނަމަވެސް ވާރޭގެ ތެރޭގައި މެޗު ވަނީ ފުރިހަމަ ކޮށްފައެވެ. މެޗުގެ ފެށިއިރުވެސް ވާރޭ ވެހެއެވެ.
އިރުމަތި އެފްސީ ލީގު ބުރުގެ އެއްވަނަ ހޯދީ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ, އެއް މެޗު އެއްވަރު ކޮށްގެންނެވެ. ލީގު ބުރުގެ ހަތަރު މެޗުން އެޓީމް ކޮޅަށް ގޯލެއްވެސް ނުވަދެއެވެ. ހަތަރު މެޗުން 8 ގޯލް ޖެހިއެވެ.
މެޗުން ބަލިވުމުން ކައްކަނި ސްޕޯރޓްސް ކްލަބް ވަނީ ސެމީގެ ޖާގަ ނުލިބި ކަޓާފައެވެ. ކައްކަނި ސްޕޯރޓްސް ކްލަބަށް ސެމީގެ ޖާގަ ލިބެން އޮތީ މެޗުން މޮޅު ވެގެންނެވެ. މިނަތީޖާގެ ސަބަބުން ސެމީގެ ދެ ޖާގަ ލިބުނީ ވެލާ ސްޕޯރޓްސް ކްލަބަށާއި, އެންމެ ފަހުގެ ޗެމްޕިއަން ހުސް ސޮންގުން އަށެވެ. ލީގު ބުރުގައި އާދިއްތަ ދުވަހު މިދެޓީމް ވާދަކުރި މެޗު 3-3 ން އެއްވަރު ވުމުން އެދެޓީމަށް ވާނެ ގޮތެއް ބަލަން ފަހު މެޗަށް އިންތިޒާރު ކުރަން ޖެހުނެވެ.

ލީގު ބުރުގައި ހުސް ސޮންގުން ވެލާ ސްޕޯރޓްސްއާ ވާދަކުރި މެޗުގައި އެޓީމްގެ ތިން ލަނޑު ޖެހީ ބިދޭސީ ދެ ކުޅުންތެރިންނެވެ. އިބްރާހީމް ދެ ލަނޑު އަދި ޗުކުވުކާ އެއް ލަނޑު ޖެހިއެވެ. ފުރަތަމަ ހާފް ނިމުނުއިރު 3-2 ން ކުރީގައި އޮތީވެސް ހުސް ސޮންގުން އެވެ. ވެލާ ސްޕޯރޓްސް ކްލަބްގެ ތިން ލަނޑު ޖެހީ އިބްރާހީމް ޝަރީފް އާއި އަހުމަދު ޖައުޝަން އަބްދުالله އާއި މުޙައްމަދު ފާސިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހުސް ސޮންގުންގެ ކީޕަރު އިމްރާން އެވެ.
މުބާރާތުގެ ސެމީފައިނަލްގައި ވެލާ ސްޕޯރޓްސް ކްލަބާއި, ހުސް ސޮންގުން ވާދަކުރާނީ ބުދަ ދުވަހު ހަވީރު އެވެ.
ރިޕޯރޓްގެ ވީޑިއޯ: ކްލިކް ލައިވް