އޭދަފުށި ކަޕްގެ ފައިނަލްގެ ސީދާ ޖާގަ ލިބޭ ޓީމެއް ކަނޑައެޅުން ހޯމަ ދުވަހު ހަވީރު ކުޅޭ ލީގު ބުރުގެ ފަހު މެޗަށް ފަސްވެއްޖެ އެވެ.
މުބާރާތުން ކަޓާފައިވާ ވީ ވެލާ ފިޔަވާ އަނެއް ހަތަރު ޓީމަށްވެސް ސެމީފައިނަލްގެ ފުރުޞަތު އެބައޮތެވެ. އެ ހަތަރު ޓީމްގެ ތެރެއިން ތިން ޓީމަކަށް ފައިނަލްގެ ސީދާ ޖާގަ ހޯދުމުގެ ފަހި ފުރުޞަތު އެބައޮތެވެ. ކައްކަނި އެފްސީއަށް އޮތީ ވަރަށް ހަނި ފުރުޞަތެކެވެ. އެއީ ގިނަ ގޯލް ތަކެއް ޖަހައިގެން ގޯލްގެ ތަފާތުން އެއްވަނަ ހޯދުމުގެ ފުރުޞަތެކެވެ. އެފުރުޞަތުވެސް އޮންނާނީ ކައްކަނި ފަހު މެޗަށް ދާއިރު ވެލާ ސްޕޯރޓްސް ކްލަބާއި ހުސް ސޮންގުން މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. އެއީ އެމެޗު އެއްވަރު ވެގެންނެވެ.

ކައްކަނި އެފްސީއަށް ފުރުޞަތު ހަނިވެ އަމިއްލަ ބާރު ގެއްލުނީ, އަމިއްލަ އަތުގައި އޮތް މެޗެއް އިތުރު ވަގުތުގައި ގެއްލުމުންނެވެ. އެއީ 2-0 ން ވެލާ ސްޕޯރޓްސް ކްލަބް އަތުން މޮޅުވާން ދިޔަ މެޗެއްގެ އިތުރު ވަގުތުގައި ކޮޅަށް ތިން ގޯލް ވަދެގެން ބަލިވުމުންނެވެ. ވެލާ ސްޕޯރޓްސް ކޮޅަށް ފުރަތަމަ ދެ ގޯލް ޖަހާ ކުރި ހޯދާފައި ވަނިކޮށް, ފަހަތުން އަރާ 4 ލަނޑު ޖަހައިގެން މެޗު ކާމިޔާބުކުރީ ވެލާ ސްޕޯރޓްސް ކްލަބެވެ. މެޗުގައި ކައްކަނި އެފްސީއަށް ފުރަތަމަ ދެ ގޯލް ޖަހައިދިނީ އަލީ ނަސޫހު ރަޝީދު އެވެ. ވެލާއިން މެޗު އަނބުރާލީ މުޙައްމަދު ފާސިރު (ފާއްޓެ)ގެ ދެ ލަނޑު ނަތީޖާ ހަމަހަމަ ކުރުމަށްފަހު އެވެ. ލީޑް ހޯދައިދިނީ ނިޝާމް މުޙައްމަދު ރަޝީދު (ޕޮގްބާ) އެވެ. ހަތަރު ވަނަ ލަނޑު އިތުރު ވަގުތުގެ ފަހު މިނިޓްގައި ޖެހީ އަހުމަދު ޖައުޝަން އަބްދުالله (ޖައު) އެވެ. މިމޮޅާއެކު ވެލާ ސްޕޯރޓްސް ކްލަބް އޮތީ ތިން މެޗުން 6 ޕޮއިންޓާއެކުއެވެ.
ޕޮއިންޓް ތާވަލް:
1- އިރުމަތި އެފްސީ 7 ޕޮއިންޓް
2- ވެލާ ސްޕޯރޓްސް ކްލަބް 6 ޕޮއިންޓް
3- ހުސް ސޮންގުން 5 ޕޮއިންޓް
4- ކައްކަނި އެފްސީ 4 ޕޮއިންޓް
5- ވީ ވެލާ. 0 ޕޮއިންޓް
ތާވަލްގެ އެއްވަނައިގައި އޮތީ 4-0 ން ވީ ވެލާ ބަލިކުރި އިރުމަތި އެފްސީ އެވެ. މުހިއްމު 7 ކުޅުންތެރިން ނުލާ މެޗު ފަށާ, ދެވަނަ ހާފްގައި އޭގެތެރެއިން ހަތަރު ކުޅުންތެރިއަކަށް ފުރުޞަތު ދީގެން އިރުމަތި އެފްސީން މެޗު ކާމިޔާބުކުރީ ދެވަނަ ހާފްގައި ޖެހި ލަނޑު ތަކުންނެވެ. ލަނޑުތައް ޖަހައިދިނީ އިމްތިޝާލް އަބްދުއްރަހީމް އާއި, ތައުމީން ނޫހު އާއި އަހުމަދު އައިހަމް އެވެ. ތިންވަނަ ލަނޑަކީ ވީ ވެލާ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އިރުމަތި އެފްސީ އެއްވަނައިގައި އޮތީ 7 ޕޮއިންޓާއެކު އެވެ.
ފަހު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު ވާދަކުރާނީ ވެލާ ސްޕޯރޓްސް ކްލަބާއި ހުސް ސޮންގުންއެވެ. ލީގު ބުރުގެ ފަހު މެޗުގައި ހޯމަ ދުވަހު ވާދަކުރާނީ ކައްކަނި އެފްސީއާއި އިރުމަތި އެފްސީ އެވެ.
ރިޕޯރޓްގެ ވީޑިއޯ: ކްލިކް ލައިވް
