އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތުން ވީ ވެލާ ކަޓައިފި އެވެ. ވީ ވެލާ ކެޓީ ކުޅުނު ތިން މެޗުންވެސް ތަފާތު ބޮޑުކޮށް ބަލިވެގެންނެވެ. ފުރަތަމަ ދެ މެޗުގައި 11-0 ން ބަލިވި ވީ ވެލާ ތިން ވަނަ މެޗުގައި ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން ހުސް ސޮންގުންއާ ވާދަކޮށް 7-0 ނެވެ.

މެޗުގައި ހުސް ސޮންގުންގެ އަބްދުލް މަޖީދާއި, ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. ދެ ކުޅުންތެރިންވެސް ކުޅެން ނިކުތީ ދެވަނަ ހާފްގައެވެ. މީގެތެރެއިން 46 އަހަރުގެ މަޖީދަކީ މުބާރާތުގައި ކުޅޭ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އެވެ. މެޗުގައި ދެން ހުސް ސޮންގުންއަށް ލަނޑުތައް ޖަހައިދިނީ އަހުމަދު އަފްނާން, އަހުމަދު ހަނީފް އަދި އަލީ ޝަހީދު އެވެ. ލީގު ބުރުގައި ހުސް ސޮންގުންއަށް ބާކީ ވެލާ ސްޕޯރޓްސް ކްލަބާ ވާދަކުރާ މެޗެވެ. މިހާތަނަށް ކުޅުނު ތިން މެޗުން 5 ޕޮއިންޓް ހޯދައިގެން ހުސް ސޮންގުން އޮތީ ތާވަލްގެ އެއްވަނައިގަ އެވެ.
ދެ މެޗުން 4 ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ ކައްކަނި އެފްސީ އާއި އިރުމަތި އެފްސީއެވެ. ގޯލުގެ ތަފާތުން ކުރި ލިބެނީ ކައްކަނި އެފްސީ އަށެވެ. އިރުމަތި އެފްސީ ވަނީ މުބާރާތުގައި ވަރުގަދަ ސްކޮޑެއް އޮތް ވެލާ ސްޕޯރޓްސް ކްލަބް ބަލިކޮށްފައެވެ. މެޗު އިރުމަތި އެފްސީން ކާމިޔާބުކުރީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ޖެހީ އަބްދުالله ފާސިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިރުމަތި އެފްސީގެ ޑިފެންޑަރ މުޙައްމަދު އަޖުފާން އެވެ.

މުބާރާތުގައި ހޮނިހިރު ދުވަހު ހަވީރު ވާދަކުރާނީ ކައްކަނި އެފްސީ އާއި ވެލާ ސްޕޯރޓްސް ކްލަބެވެ. ހޮނިހިރު ދުވަހުގެރޭ ރޭ ވާދަކުރާނީ އިރުމަތި އެފްސީ އާއި ވީ ވެލާއެވެ.
ރިޕޯރޓްގެ ވީޑިއޯ- ކްލިކް ލައިވް
