އޭދަފުށި ކަޕް ފެށުން, ހަތަރު މެޗު ނިމިއްޖެ!

362

ފުޓްބޯޅައިގެ ބްރޭންޑް ރަށް ބ.އޭދަފުށީ ކަޕްގައި މިއަހަރު ވާދަކުރަނީ ފަސް ޓީމެވެ. މުބާރާތުގެ ފުރަތަމަ ހަތަރު މެޗަށް ބަލާއިރު ދެ މެޗު އެއްވަރުވެ, ދެ މެޗެއްގެ ނަތީޖާ ނިކުމެފައިވަނީ ވާދަވެރިކަމެއް ނެތިއެވެ.

ވެލާ ސްޕޯރޓްސް ކްލަބްގެ ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ކްލިކް ގްރަފީ

ފަސް ޓީމްގެ ތެރެއިން ދެޓީމެއް މިހާތަނަށް ވަނީ ދެ މެޗު ކުޅެފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ހުސް ސޮންގުން ފުރަތަމަ މެޗުގައި ކައްކަނި އެފްސީއާ ވާދަކޮށް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ހުސް ސޮންގުން ދެވަނަ މެޗުގައި  އިރުމަތި އެފްސީއާ ވާދަކޮށް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އިރުމަތި އެފްސީ މިހާތަނަށް ކުޅެފައި ވަނީ އެއް މެޗެވެ.

މިހާތަނަށް ދެ މެޗު ކުޅުނު އަނެއް ޓީމަކީ ވީ ވެލާއެވެ. އެޓީމް ވާދަކުރި ދެ މެޗުންވެސް ވަނީ 11-0 ން ބަލިވެފައެވެ. ދެ މެޗުން ކޮޅަށް 22 ގޯލް ވަންއިރު ލަނޑެއް އަދި ނުޖެހެއެވެ. ވީ ވެލާގެ ފުރަތަމަ މެޗުގައި ބަލިވީ ވެލާ ސްޕޯރޓްސް ކްލަބް އަތުންނެވެ. ދެވަނަ މެޗުގައި ބަލިވީ ކައްކަނި އެފްސީ އަތުންނެވެ.

ފުރަތަމަ ހަތަރު މެޗަށް ބަލާއިރު ދެ މެޗުން 4 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތީ ކައްކަނި އެފްސީ އެވެ. އެއް މެޗުން ތިން ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ ވެލާ ސްޕޯރޓްސް ކްލަބެވެ. ދެ މެޗުން ދެ ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ހުސް ސޮންގުން އެވެ. އެއް މެޗުން އެއް ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ އިރުމަތި އެފްސީ އެވެ. ޕޮއިންޓެއް ނުލިބި އޮތީ ވީ ވެލާއެވެ.

ކައްކަނި އެފްސީ ދެވަނަ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ- ކްލިކް ގްރަފީ

މުބާރާތުގެ ހަތަރު މެޗަށްފަހު އޭދަފުށީގެ ފުޓްބޯޅަ ލެޖެންޑް އަބްދުލް ވާހިދު ބުނީ މުބާރާތަށް ތައްޔާރުވާން ޓީމްތަކަށް ލިބުނު މުއްދަތާއި, މިންވަރަށް ބަލާއިރު ޖުމްލަކޮށް ގޯސް ނޫން ކަމަށެވެ. ނަމަވެސް ސަޕޯޓަރުން އެންމެ ހިތްހަމަ ޖެހޭ ފަދަ ކުޅުމަކަށް ނުވެދާނެ ކަމަށް އޭނާ ބުންޏެވެ.

ޓީމްތަކުން ހަމަ މަސައްކަތް ކޮށްފަ އެބަހުރި ރަނގަޅަށް ބޯޅަ ކުޅެވޭތޯ. އޯގަނައިޒްކޮށް, ކޮންމެ ޓީމަކުންވެސް ވިސްނުމާއެކީ މަސައްކަތްކޮށްފަ ހުރިކަން ހަތަރު މެޗަށް ބަލާއިރު އަޅުގަނޑަށް ފާހަގަކުރެވެނީ.

މުބާރާތް ކުރިއަށް ގެންދަނީ ލީގު ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލްގެ ސީދާ ޖާގަ ލިބޭ ގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ ޓީމާއި, ތިންވަނަ ޓީމް ވާދަކުރާ ސެމީ ފައިނަލަކުން ފައިނަލްގެ ދެވަނަ ޖާގަ ލިބޭ ޓީމެއް ކަނޑައެޅުމަށެވެ. ފައިނަލް މެޗ ކުޅޭނީ އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު އެވެ.

ވީޑިއޯ ރިޕޯރޓްގެ ވީޑިއޯ: ކްލިކް ލައިވް

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.