ކުޑަ ރަށަކުން ބޮޑު މުބާރާތެއް!

358

ބުދަ ދުވަހުގެރޭ ފޮއްދޫ ފުޓްސަލް ދަނޑުގައި ފެށީ އެކައުންސިލުން ވިދިވިދިގެން ބާއްވާ 5 ވަނަ ފުޓްސަލް ޗެލެންޖެވެ. އާބާދީގައި 500 ހަމަނުވާ ފޮއްދޫ ކައުންސިލްގެ މުބާރާތަކީ ރަށުގެ ޒުވާނުންނަށް ޚާއްޞަ މުބާރާތަކަށް ވިޔަސް, އަވަށްޓެރިންނަށްވެސް ވަނީ ދައުވަތު ދީފައެވެ. ދައުވަތު ގަބޫލުކޮށް ރަށުން ބޭރުން މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ވެލިދޫ ސްޕޯރޓްސް ކްލަބެވެ.

ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މެޗުގެ ތެރެއިން: ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

ފަސް ޓީމާއެކު ކުރިއަށް ގެންދާ މުބާރާތް ބޮޑު ވަނީ ޓީމްތަކުގެ އަދަދަކުން ނޫނެވެ. އަދި އިނާމް ފައިސާއާއި, ޝާމިލްވާ މީހުންގެ އަދަދަކުން ނޫނެވެ. ގަވާއިދުން މުބާރާތް ބޭއްވުމެވެ. އާބާދީގެ ނިސްބަތަށް ބަލާއިރު އާބާދީ ބޮޑު ގިނަ ރަށްތަކަށްވުރެ އިންތިޒާމްތައް ރަނގަޅު ވުމުންނެވެ. ފޮއްދޫގެ ކޮންމެ ޓީމެއްގައި ރަށުން ބޭރުގެ ދެ ކުޅުންތެރިންވެސް ހިމެނެއެވެ. މުބާރާތުގެ މެޗުތައް ކުޅެނީ ސަރުކާރުން ފޮއްދޫގައި އަޅާފައިވާ ފުޓްސަލް ދަނޑުގައެވެ. ރައީސް ޔާމީންގެ ދައުރުގައި އެޅި ދަނޑު ފޮއްދޫ ކައުންސިލުން ރަނގަޅަށް ބަލަހައްޓާ, މުބާރާތަށް އިތުރު އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.

ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވީ ކުރިމަގުގައި އަތޮޅުގެ އެހެން ރަށްތަކުގެ އިތުރުން ރިސޯރޓްތަކަށްވެސް މުބާރާތުގެ ދައުވަތު ދޭނެ ކަމަށެވެ.

އަޅުގަނޑުމެން މިމުބާރާތް ކުރިއަށް މިގެންދަނީ ވަރަށް މުހިއްމު މަގުސަދެއްގައި. އެއީ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ ގުޅުން ބަދަހި ކުރުމަށްޓަކައި. އިރާދަކުރެއްވިއްޔާ މިމުބާރާތް އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލާނަން, ރިސޯރޓްތަކަށްވެސް ހުޅުވާލެވިގެންދާނެ.

މުބާރާތުގައި ވާދަކުރަނީ ވެލިދޫ ސްޕޯރޓްސް ކްލަބްގެ އިތުރުން ފޮއްދޫއަށް ނިސްބަތްވާ ހަތަރު ޓީމެވެ. އެއީ ކުޑަކަންމަތި ޔުނައިޓެޑާއި, ކުޑަކަންމަތި ސްޕޯރޓްސް ކްލަބާއި, ފޮއްދޫ ހެލްތް ސެންޓަރާއި, އެންމެ ފަހުގެ ޗެމްޕިއަން ސާއްބަ އެފްސީ އެވެ.

ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މެޗުގެ ތެރެއިން: ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

ވެލިދޫ ސްޕޯރޓްސް ކްލަބާއި, ކުޑަކަންމަތި ޔުނައިޓެޑް ވާދަކުރި މުބާރާތުގެ ފުރަތަމަ މެޗު ނިމުނީ 4-4 ން އެއްވަރުވެގެންނެވެ. މެޗުގައި ކުޑަކަންމަތި ޔުނައިޓެޑްގެ ކެޕްޓަން މުޙައްމަދު މައުމޫން ތިން ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. އެޓީމަށް ދެން ލަނޑު ޖަހައިދިނީ އަހުމަދު މާއިޝް ރަޝީދެވެ. ވެލިދޫ ޓީމްގެ ހަތަރު ލަނޑު ޖެހީ އަބްދުالله ޒިހާމްއާއި, އަޔާލް އަބްދުالله އާއި, ހަސަން އިބްރާހީމް އާއި, އަބްދުالله އިބްރާހީމް އެވެ.

މުބާރާތް ކުރިއަށް ގެންދަނީ ލީގުބުރެއް ކުޅެ އެއްވަނަ ޓީމަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ ޓީމާއި ތިންވަނަ ޓީމް ވާދަކުރާ ސެމީފައިނަލުން މޮޅުވާ ޓީމަކަށެވެ.

މުބާރާތް މިމަހުގެ 24 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.