އދ.ދަނގެތީގެ ވާހަކަ ފެށޭ ހިސާބަކީ ރުނބަޔަކަށް ހަނދު ލައިގެން ރަސްގެފާނަށް ވެދުމަށް އެރުވި ހިސާބެވެ. އެވާހަކަ މިއަދު ރަށު ރައްޔިތުން ބަލައިގަނެ, ރައްޔިތުންގެ ފާލަމުން ރަށަށް ފައިބާއިރު ކުރިމައްޗަށް ވާގޮތަށް ރަށުގައި މޮނިއުމެންޓެއްގެ ގޮތުގައި ބަހައްޓާފައިވާ ވަނީ ރުބަނއެވެ. އެރުނބާގެ ތެރޭގައި ހަނދުފަޅިއެއް އެބައިނެވެ.

އެކަމަކު މިއަދު އެއަށްވުރެ މާޚާއްޞަ ގިނަ ވާހަކަތައް ދަނގެއްޗާ މެދު ދައްކަން ހުރިކަން ފާހަގަކުރެވުނީ އެރަށުގައި ހޭދަކުރެވުނު ދެ ދުވަހު ފެނުނު މަންޒަރުތަކާއި, ބައެއް ރައްޔިތުންނާއެކު ދެކެވުނު ވާހަކަތަކުންނެވެ. މިރަށުގެ އެންމެ ޚާއްޞަ ކަމަކީ ހަގީގަގަތުގައި ރަށުގެ ފުދުންތެރިކަމެވެ. މިރަށަކީ ޒުވާން ‘ މުއްސަނދިން’ ގިނަ ރަށެކެވެ. އަމިއްލަ ކެފޭ ތަކާއި ގެސްޓްހައުސްތައް ހިންގަނީ ޒުވާނުންނެވެ. ސަފާރީތަކުގެ ވެރިން ނުވަތަ ޒިންމާ އުފުލާ ފަރާތްތަކަކީ ޒުވާނުންނެވެ. މޫދު ކުޅިވަރުގެ ޚިދުމަތް ފަތުރުވެރިންނަށް ދެނީ ޒުވާނުން އެމީހުންގެ އަމިއްލަ ވިޔަފާރީގެ ތެރެއިންނެވެ. އަމިއްލަ ނުވަތަ އާއިލީ އޮޑިދޯނިފަހަރު ދުއްވަނީ ޒުވާނުންނެވެ. ކައިރީގައި އޮތް 15 ވަރަކަށް ރިސޯރޓްގެ ތެރެއިން ގިނަ ރިސޯރޓްތަކުގައި ހުރީ ދަނގެތީ ރައްޔިތުންގެ ދޯނި ފަހަރެވެ. އެދޯނިފަހަރުތައް ދުއްވަނީވެސް އެމީހުންނެވެ.

ރަށުގެ އަންހެނުންވެސް ހުއްޓާ ނުލާ އާމްދަނީ ހޯދަން މަސައްކަތް ކުރަނީއެވެ. ގޭގައި ތަފާތު މަސައްކަތްތައް ކުރެއެވެ. ރަށުގެ މައި މަގުގައި ހުރި ގިނަ ގެސްޓްޝޮޕްތަކަކީ އަންހެނުން ހިންގާ އެމީހުންގެ ވިޔަފާރިއެވެ. ފަތުރުވެރިންނާ މުއާމަލާތްކޮށް ވިޔަފާރީގައި އަމަލީ ގޮތުން އުޅެނީވެސް އެމީހުންނެވެ. މެދުއުމުރުގެ މީހުންނާއި އުމުރުން ދުވަސްވީ މީހުންވެސް އާމްދަނީ ހޯދަން މަސައްކަތް ކުރެއެވެ. ރަށުގެ އާމްދަނީގެ %90 އަށްވުރެ ބޮޑީ ފަތުރުވެރިކަމާ ގުޅިފައިވާ މަސައްކަތްތަކެވެ.
އޮޑިނޯނިފަހަރު ބަނުމާއި, އެހެލާ ބޭލުމުގެ ޚިދުމަތްވެސް މިރަށުން ލިބެއެވެ. ކައުންސިލުން ކުއްޔަށް ދީފައިވާ ބިމުގައި ސްލިޕްވޭއެއް ހިންގާތީ އެއީ ކައުންސިލަށް އާމްދަނީ ލިބުމަށް އޮތް ދޮރެކެވެ.

މިއީ ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން, ކުރިއެރުން ހޯދަމުން އަންނަ ރަށެކެވެ. މިވަގުތު 18 ގެސްޓް ހައުސް ރަށުގައި ހިންގައެވެ. އެއިން ކޮންމެ ތަނަކީ ރަށު ރައްޔިތެއްގެ ތަނެކެވެ. ރަށު ރައްޔިތެއްގެ ހިއްސާ ނެތް އެއްވެސް ގެސްޓްހައުސްއެއް ނެތެވެ. ރަށުގެ މިވަގުތު ބެޑް ކެޕޭސިޓީ އަކީ 280 އެވެ. އެކަމަކު ކައުންސިލުން އަންދާޒާ ކުރަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެއަދަދު 700-1000 އަށް އަރާނެ ކަމަށެވެ.
މިރަށުގެ ބޭރުގައި އެވްރެޖްކޮށް 10-15 އާ ދެމެދުގެ އަދަދަކަށް ސަފާރީ ބަނދަރުކޮށްފައި އޮވެއެވެ. އެއަދަދު ފަންސަވީހަށް އަރާކަމަށްވެސް ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ވިދާޅުވިއެވެ. ސަފާރީ ތަކުން ރަށަށް ފަތުރުވެރިން ފައިބައެވެ. އަދި ކައިރީގައި ހުރި ގިނަ ރިސޯރޓްތަކުންވެސް ރަށަށް ފަތުރުވެރިން ޒިޔާރަތްކުރާތީ ރަށުގެ ފުދުންތެރިކަމަށް ހެޔޮ އަސަރު ކުރެއެވެ. އެމީހުންނަށް ބާބަކިޔު ހެދުމުގެ އިންތިޒާމް ކައުންސިލުން ހަމަޖައްސައިދެއެވެ. އެއީވެސް މަހެއްގެ މައްޗަށް 4500 އެއްހާ ޑޮލަރު ކައުންސިލަށް ލިބޭ މަގެކެވެ. މީގެއިތުރުންވެސް މިރަށަށް ހަމައެކަނި ހަފްތާ ބަންދުގައި ޒިޔާރަތްކުރާ މީހުންގެ އަދަދު 500 އަށްވުރެ ގިނަ ކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ. ރަށުގައި ރަނގަޅު ޚިދުމަތް ލިބޭ އަމިއްލަ ކްލިނިކެއް ހުރުމަކީވެސް މީހުން ޒިޔާރަތްކުރުން އިތުރުވާ ސަބަބެއް ކަމަށް ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މުސްތަޢުޞިމް ބިالله (ބިލް) ވިދާޅުވީ ކައުންސިލްގެ ވިސްނުމަކީ ރަށަށް މީހުން ޒިޔާރަތްކުރާނެ ސަބަބުތައް އުފެއްދުން ކަމަށެވެ.
ކައުންސިލުންވެސް ވަރަށްބޮޑަށް މަސައްކަތްކުރާ ކަމެއް މިރަށަށް މީހުން ޒިޔާރަތްކުރަންވީ ސަބަބުތައް އުފައްދާ, މިރަށުގައި ދިރިއުޅޭ މީހުންނަށްވެސް އަދި ޒިޔާރަތްކުރާ މީހުންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަށް ފެސިލިޓީޒްތައް ހެދުން.
އެމަގަށް ކުރާ މަސައްކަތުގައި ވޯޓާ ތީމް ޕާކެއް ތަރައްޤީ ކުރުމަށް ބޭނުންވާ ކުރެހުންތައްވެސް ވަނީ ނިންމާފައެވެ. އެމަސައްކަތް ފެށުމަށް އޮތް ހުރަހަކީ ބަނދަރު ކުޑަވެ, ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ނުފެށުމެވެ. ބަނދަރުގެ މަސައްކަތާއެކު ކުރަންޖެހޭ ބައެއް ކަންކަން ހުރި ކަމަށް ބިލް ވިދާޅުވިއެވެ. އިންޑަސްޓްރިއަލް ޒޯން ތަރައްޤީކޮށް, ބަދަލުކުރުމުގެ މަސައްކަތްވެސް ނުފެށި އޮތީ ބަނދަރުގެ މަސައްކަތާއެކު ހިއްކަން ޕްލޭންގައި އޮތް ބިމެއް ނުހިއްކިގެންނެވެ.

ރަށުގެ ބަނދަރު ނިސްބަތުން ކުޑަ ނޫނަސް, އޮޑިދޯނި ފަހަރު ރަށުގައި ގިނަވުމުން ބަނދަރު ބޮޑުކުރަން މަޖުބޫރުވާ ހާލަތަށް އައީކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މިރަށަކީ ރަށުގެ އާބާދީއަށްވުރެ ގިނަ ބަޔަކު އަބަދުވެސް ދިރިއުޅޭ ރަށެކެވެ. މެހުމާނުންގެ އަދަދާއެކު އަބަދުވެސް ގިނަ ބަޔަކަށް ޚިދުމަތްދޭ ރަށެކެވެ. ފެހިކަން ގަދައެވެ. މައި މަގުގެ ދެފަރާތުގައި ބޮޑަތި ގަސްތަކެވެ. ހަނި ގޯޅިތަކުގެ ދެފަރާތުގައިވެސް ތަފާތު ވައްތަރުގެ ގަސް ގިނައެވެ.
ރަށުގައި އެކި ފަންތީގެ ގެސްޓްހައުސްތަކާއި ކެފޭތައް ހުރުމުން ބަޖެޓަށް ފައްތަން ފަސޭހައެވެ. ދަތުރުފަތުރު ކުރަން ހަތަރު މަގެއް އެބައޮތެވެ. އެންމެ ޢާއްމުކޮށް މީހުން ދަތުރުކުރާ ސްޕީޑް ލޯންޗްގައި ކޮޅަކަށް 400 ރުފިޔާ އެވެ. އެއީ ކޮޅަކަށް ދޮޅު ގަޑިއިރުގެ ދަތުރެކެވެ. ކޮންމެ ދުވަހަކު ތިން ދަތުރު މާލެއާ ދެމެދު ކުރެއެވެ. މާމިގިލި މަގުން މަތިން އައުމުގެ ފުރުޞަތުވެސް އެބައޮތެވެ. ކައިރީގައި ހުރި ރިސޯރޓްތަކަށް ސީޕްލޭންގައި އައުމުގެ ފުރުޝަތުވެސް ވަނީ ފަހުވެފައެވެ. އެންމެ ހެޔޮ އަގުގައި ދަތުރުކުރަން އޮތީ ރަށު ފެރީއެވެ. އެއީ އެކަމަކު ކޮޅަކަށް 4 ގަޑިއިރުގެ ދަތުރެކެވެ.
ބަޖެޓަށް ފައްތައިގެން ޒިޔާރަތްކޮށްލަން ރަނގަޅު ރަށަކަށް ދަނގެތި ވާނެއެވެ.
