އިގްތިޞާދީ ވާހަކަތަކާމެދު ‘ރަށު’ ރައްޔިތެއްގެ ސުވާލެއް!

375

ކޮވިޑްގެ ހާލަތާ ގުޅިގެން އަމިއްލަ ރަށް ދަނގެއްޗަށް ބަދަލުވި ގޮތަށް އަހުމަދު އިމާދުގެ ދިރިއުޅުން ވަނީ ރަށަށް މުޅިން ބަދަލުވެފައެވެ. މަޖުބޫރީ ބަދަލާއެކު އޭނާގެ ދިރިއުޅުން ބޮޑުތަނުން ހަމަޖެހިލައިފިއެވެ. ލޯކަލް ޓޫރިޒަމްގެ ރަށް ދަނގެތީގައި އޭނާގެ މައި ވިޔަފާރިއަކީ ކެފޭ އެއް ހިންގުމެވެ.

ދަނގެތީ މައިމަގުން ފަތުރުވެރިންގެ ބަޔަކު ވެހިކަލްގައި ދަތުރުކުރަނީ

ދުވާލާއި, ރޭގަނޑުގެ ގިނަ ވަގުތުވެސް އޭނާ ހޭދަކުރަނީ ރާޅު ފެންފަށުގައި ކޮފީ ބޮވޭގޮތަށް ތައްޔާރުކޮށްފައިވާ އެކެފޭގައެވެ. ވަރަށްގިނަ ވަގުތު މީހުންނާ ތަފާތު ވާހަކަތައް ދެއްކުމުގައެވެ. އެރަށަށް ކުރި ދަތުރުގައި ކެއުމުގެ ކަންކަން ހަމަޖެހިފައި އޮތީ އެކެފޭގައި ކަމަށް ވުމުން އެންމެ ގިނަ ވަގުތު އެކަކާ އެކު ވާހަކަ ދެކެވުނީ އިމާދާ އެކުގައެވެ. އޭނާގެ މައިގަނޑު ވާހަކައަކީ ރަށުގެ ފުދުންތެރިކަކުގެ ވާހަކައެވެ. ރަށުގެ ޒުވާނުން މަސައްކަތުގައި ދައްކާ ހީވާގި ކަމާއި ލީޑަރޝިޕްގެ ވާހަކައެވެ. އިގްތިސާދީ ވާހަކައިގެ ތެރެއިން އޭނާގެ ވަރަށްބޮޑު ސުވާލެއް އަމާޒު ވިއެވެ. އެއީ ރާއްޖޭގެ އިގްތިސާދަށް އަންނަ ކަމަށް ވެރިން ދައްކަވާ ވާހަކަތަކާ އޭނާއަށް އޭނާގެ ރަށުން ފެންން މަންޒަރާ އަޅާބަލާ ކުރި ސުވާލެކެވެ. އެސުވާލަކީ ހަގީގަތުގައިވެސް ރާއްޖޭގެ އިގްތިސާދު މިހާ ދަށު ހާލަތަކަށް ދިޔައީހެވެ. ރާއްޖެއަށް ބޭނުންވާ ޑޮލަރު ނެތީ ހެއްޔެވެ. ޑޮލަރުގެ ތާށިކަން އަންނަންވީ ކީއްވެ ހެއްޔެވެ.

އިގްތިޞާދުގައި ޑޮލަރު ނެތޭ, އިގްތިސާދުގައި ޑޮލަރަށް ދަތިވެ, ރާއްޖޭގެ އިގްތިސާދު ބަނގުރޫޓްވާން މިޖެހޭ ސަބަބެއް ހަމަ ކުޑަކޮށްވެސް އިހުސާސް ނުކުރެވޭ.

އޭނާ އެހެން ބުނަން ސަބަބުތަކެއް އެބަހުއްޓެވެ. އެސަބަބުތައް ގުޅުވާލީ އަމިއްލަ ރަށުގެ ހާލަތާއެވެ. އޭނާ ބުނީ މިރަށަކީ (ދަނގެތި) ރާއްޖޭގެ ނިސްބަތުން ވަރަށް ފުދުންތެރި އިގްތިސާދެއް އޮތް, މަސައްކަތްތެރި ބަޔަކު ދިރިއުޅޭ ރަށެއް ކަމަށެވެ. ރަށުގައި ދިރިއުޅޭއިރު, ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ފެށުމާ ގުޅިގެން ހަމައެކަނި ކުޑަކުޑަ ދަނގެތީގެ އިގްތިސާދު ވަރަށް ބޮޑަށް ކުރިއަރައިގެން ހިނގައްޖެ ކަމަށް ބުންޏެވެ.

އިމާދު އޭނާ ހިންގާ ކެފޭގައި

އިމާދު ބުނީ ދަނގެތީގައި އެކަނިވެސް އުފެދިފައި އޮތީ ޑޮލަރުގެ އިގްތިޞާދެއް ކަމަށެވެ. އެހެންވީމަ ސަރުކާރުން ޑޮލަރު ނެތްކަމަށް އެވިދާޅުވާ ވާހަކައާއި, ބޭންކުން އެވިދާޅުވާ ޑޮލަރު ނެތޭ އެބުނާ ވާހަކަ ގަބޫލުކުރަން ވަރަށް އުނދަގޫ ކަމަށް ބުންޏެވެ.

އަޅުގަނޑު ދަންނަވާނީ ހަމަ އިގްތިސާދު ކުރުމުގައި ސަރުކާރުގެ ފެއިލިއަރ ތަކެއް އުޅޭތީ ނޫނީ, ބޭންކިންގ ނިޒާމްގެ ތެރޭގައި ކޮންމެސް އެހެން ކަހަލަ ކަންތައްތަކެއް އުޅޭތީއޭ ޑޮލަރު މިދަތިވަނީ.

އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައީ ރަށުގެ ހާލަތާ ގުޅުވަމުންނެވެ. އިމާދު ބުނީ ހަމައެކަނި ދަނގެއްޗަށް ބެލިޔަސް  ވަރަށް ބައިވަރު ޑޮލަރު ކޮންމެ އަހަރެއްގެ މައްޗަށް ރާއްޖެއަށް ވައްދައިދޭ ކަމަށެވެ. ޚާއްޞަކޮށް ދަނގެތީގައި ވަރަށް ޅަ ޒުވާނުން ލޯކަލް ޓޫރިޒަމް އަދި ސަފާރީ ބޯޓްތައް އޮޕަރޭޓް ކުރުން ފަދަ ކަންކަމުގެ ވަރަށް އިސްސަފެއްގައި ހަރަކާތްތެރިވަމުން ދާކަން ފަޚުރުވެރިކަމާއެކު ފާހަގަކުރިއެވެ. ދަނގެއްޗަށް ބަލާއިރު ސަފާރީ ބޯޓަށް އެކަނި ބެލިޔަސް ހަތް ވަރަކަށް ސަފާރީ ބޯޓް ރަށުގެ ޒުވާނުން އޮޕަރޭޓްކުރަމުން ދާކަން ފާހަގަކުރިއެވެ. އެއީ އެޒުވާނުންގެ އަމިއްލަ މުދަލުގެ ގޮތުގައި އޮޕަރޭޓް ކުރާ ސަފާރީއެވެ. އިމާދު ބުނީ އެއީވެސް ވަރަށް ބައިވަރު ލާރި ކަމަށާއި, ކުރިއަށް އޮތް ޑިސެމްބަރު, ޖެނުއަރީ އަދި ފެބްރުއަރީ މަހު ދަނގެއްޗަށް އެކަނިވެސް ‘ބޯކޮށް’ ޑޮލަރު ވައްދާނެ ކަމަށެވެ.

” އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރަން ވަރަށް ދަތި އަޅުގަނޑުމެންގެ އިގްތިޞާދާ ދޭތެރޭ އަޅުގަނޑުމެންގެ ވެރިން މިދައްކަވާ ވާހަކަ.” އިމާދުގެ ވާހަކަ ނިންމާލީވެސް އިގްތިޞާދާ މެދު ދައްކާ ވާހަކަ ތަކަށް ބޯހޫރަމުންނެވެ.

ނޯޓް: އިމާދުގެ ވީޑިއޯ އިންޓަރވިއު މަތީގައި އެވަނީއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.